3 އޮކްޓޯބަރު 2024 - 23:13 0
އަތޫފް އާތިފް
3 އޮކްޓޯބަރު 2024 - 23:13 0
ގައުމީ ބޮޑީބޯޑިން ލީގުގެ ދެ ވަނަ މުބާރާތް ލަބެރާ ބޮޑީބޯޑިން ޗެލެންޖްގެ ޗެމްޕިއަންކަން ތިން ވަނަ ފަހަރަށް އަލީ ޚުޝްރުވާން އަހުމަދު (ކުޑަ އައްޔަ) ހޯދައިފި އެވެ.
މިއީ، މި މުބާރާތް ބޭއްވި ތިން ވަނަ ފަހަރެވެ. އެންމެ ފަހުން މި މުބާރާތް ބޭއްވީ، 2019 ވަނަ އަހަރުގަ އެވެ. އެ ފަހަރު ވެސް މުބާރާތް ކާމިޔާބުކުރީ ކުޑަ އައްޔަ އެވެ.
މިއަދު ކުރިއަށްދިޔަ ފައިނަލްގައި ކުޑަ އައްޔައާ ވާދަކޮށްފައިވަނީ އަލީ ޖާވިދު (ޖާއްޓޭ) އެވެ. ކުޑަ އައްޔަ ފައިނަލް ކާމިޔާބުކުރީ 1.04 ޕޮއިންޓް އިތުރަށް ހޯދައިގެންނެވެ.
ފައިނަލް ހީޓުގައި ކުޑަ އައްޔަ ޖުމްލަ ފަސް ރާޅުގައި އެޅިއިރު، އެންމެ މަތިން ސްކޯކުރި ދެ ރާޅުން އޭނާ ވަނީ 6.50 އާއި 4.07 ސްކޯކޮށް ޖުމްލަ 10.57 ސްކޯކޮށްފަ އެވެ.
ޖާއްޓެ ފައިނަލުގައި ޖުމްލަ ހަތް ރާޅުގައި އެޅިއިރު، އޭގެ ތެރެއިން އެންމެ މަތިން ސްކޯކުރި ދެ ރާޅުން އޭނާ އަށް ލިބުނީ، 4.00 އަދި 5.17 އެވެ. ޖާއްޓެގެ ޖުމްލަ ސްކޯ އަކީ، 9.17 އެވެ.
މީގެ އިތުރުން މި ފަހަރުގެ މުބާރާތުގެ ޑްރޮޕް ނީ ކެޓަގަރީގެ ޗެމްޕިއަންކަން ވެސް ކުޑަ އައްޔަ ވަނީ ދިފާއުކޮށްފަ އެވެ. ޑްރޮޕް-ނީ ފައިނަލް ކުޑަ އައްޔަ ކާމިޔާބުކުރީ ޒުވާން ބޮޑީބޯޑަރު އާމިން އުމަރު މޫސާ ބަލިކޮށްފަ އެވެ.
ފައިނަލުގައި ކުޑަ އައްޔަ ވަނީ ހަ ރާޅުން 9.33 ސްކޯ ކޮށްފަ އެވެ. އެއީ، އެންމެ މަތިން ސްކޯކުރި ދެ ރާޅުން 4.33 އާއި 5.00 ހަމަކޮށްގެންނެވެ.
އާމިން އަށް ފައިނަލުގައި ފަސް ރާޅުން ލިބުނީ 4.30 ގެ ސްކޯ އެކެވެ. އެއީ އެންމެ މަތިން ސްކޯކުރި ދެ ރާޅުން, 1.90 އަދި 2.40 ސްކޯކޮށްގެންނެވެ.
މީގެ އިތުރުން މިއަދު ވަނީ ޖޫނިއާ ކެޓަގަރީގެ ފައިނަލުވެސް ކުރިއަށް ގޮސްފަ އެވެ. އިޔަން އަހުމަދު ބަލިކޮށް ޖޫނިއާ ކެޓަގަރީގެ ޗެމްޕިއަންކަން ހޯދީ މުހައްމަދު އަޒާން އަހުމަދެވެ.
ފައިނަލުގައި އަޒާން ވަނީ ހަތަރު ރާޅުން, 8.73 ސްކޯ ކޮށްފަ އެވެ. އަޒާން، އެންމެ މަތިން ސްކޯކުރި ދެ ރާޅުން އެނާ ވަނީ 4.50 އަދި 4.23 ސްކޯކޮށްފަ އެވެ. އިޔަން އަށް ފައިނަލުގައި ހަތް ރާޅުން ލިބުނީ 7.57 ގެ ސްކޯ އެކެވެ. އެއީ އެންމެ މަތިން ސްކޯކުރި ދެ ރާޅުން, 3.50 އަދި 4.07 ސްކޯކޮށްގެންނެވެ.
Comment