Advertisement

ކްލަބް މޯލްޑިވްސް ކަޕް: އެސްޓީއޯ އަށް ފުރިހަަމަ ރެކޯޑެއް، ދިރާގާއި ޕްރިޒަަން ގަދަ 16 އަށް

3 އޮކްޓޯބަރު 2024 - 10:03 0

ދިރާގު ކުޅުންތެރިން ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.--- ފޮޓޯ: އިމޭޖަސް.އެމްވީ


ކްލަބް މޯލްޑިވްސް ކަޕް: އެސްޓީއޯ އަށް ފުރިހަަމަ ރެކޯޑެއް، ދިރާގާއި ޕްރިޒަަން ގަދަ 16 އަށް

3 އޮކްޓޯބަރު 2024 - 10:03 0

މިހާރު ކުރިއަށްދާ ކްލަބް މޯލްޑިވްސް ކަޕްގައި ރޭ މުބާރާތުގެ އެންމެ ކާމިޔާބު ޓީމު އެސްޓީއޯ އިން 4-0 އިން ޕޮލިސް ކްލަބް ބަލިކޮށް، ފުރިހަމަ ރެކޯޑަކާ އެކު ގްރޫޕް ސްޓޭޖު ނިންމާލިއިރު، ފަހު މެޗުތަކުން ނަތީޖާ ނެރެ ޕްރިޒަން ކްލަބާއި ދިރާގުން ނޮކައުޓް ބުރުން ޖާގަ ހޯދައިފި އެވެ.

ރޭ ކުރިއަށްދިޔައީ މުބާރާތުގެ ގްރޫޕް ސީ އާއި ޑީގެ ފަހު މެޗުތަކެވެ. އެ ގޮތުން، ގްރޫޕް ސީގައި އެސްޓީއޯ އިން ޕޮލިސް ބަލިކުރިއިރު، އެ ގްރޫޕްގެ އަނެއް މެޗުން، ކްލަބް އޭވިއޭޝަން ސެކިއުރިޓީ އަތުން ޕްރިޒަން މޮޅުވީ 6-3 އިންނެވެ. ގްރޫޕް ޑީ ގައި ދިރާގުން ވަނީ 2-2 އިން ސްޓެލްކޯ ކްލަބާ އެއްވަރުކޮށްފަ އެވެ. އަދި މި ގްރޫޕްގެ އަނެއް މެޗުން ކަސްޓަމްސް އަތުން އިމިގްރޭޝަން މޮޅުވީ 4-0 އިންނެވެ.

އެސްޓީއޯ އަށް ރޭގެ މެޗުގައި ލަނޑުތައް ޖަހައިދިނީ، މުހައްމަދު އިމްރާން (އިންމި)، އަލީ ހައިޝަމް (ޗުމްޕު)، އިސްމާއިލް އީސާ (މެސީ) އަދި މުހައްމަދު އިޝާމް އެވެ. މި ގްރޫޕްގެ އަނެއް މެޗުގައި، ޕްރިޒަން އަށް ލަނޑުތައް ޖަހައިދިނީ، މުހައްމަދު ނޫހު އިބްރާހިމް ހެޓްރިކެއްގެ އިތުރުން، އިސްމާއިލް ޒަރީރު ދެ ގޯލާއި މުހައްމަދު ހަފީޒް އެވެ. އޭވިއޭޝަން ސެކިއުރިޓީގެ ލަނޑުތައް ޖެހީ، އަހުމަދު ޒައުލް ނާޒިމް، އިބްރާހިމް ޒިޔާން އަދި ސައްފާހު ހަސަން އެވެ.

އެސްޓީއޯގެ އިޝާމް ޕޮލިސް ކޮޅަށް ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.---- ފޮޓޯ: އިމޭޖަސް.އެމްވީ


މި ގްރޫޕްގެ އެއް ވަނަ އެސްޓީއޯ ދިޔައީ ނުވަ ޕޮއިންޓާ އެކު އެވެ. ދެ ވަނަ ހޯދި ޕްރިޒަންގެ ހަ ޕޮއިންޓް އޮތްއިރު، ތިން ވަނަ އަށް ދިޔަ ޕޮލިހަށް ތިން ޕޮއިންޓް ލިބުނެވެ. ފުލުގައި ނިންމި، އޭވިއޭޝަން ސެކިއުރީޓީ އަށް ޕޮއިންޓެއް ނުލިބެ އެެވެ.

ސްޓެލްކޯ އިން ރޭގެ މެޗުގައި، އަބްދުﷲ ޝަޔާމްގެ ގޯލުން ލީޑުނަގާފައިވަނިކޮށް ދިރާގަށް އެއްވަރުކޮށްދިނީ، މުހައްމަދު ޝާނީޒް އެވެ. ދެ ވަނަ ހާފުގައި ސްޓެލްކޯ އަށް އިބްރާހިމް ރިމާހު (ރިމޭ) ލީޑުނަގައިދީފައިވަނިކޮށް، ދިރާގަށް އެއްވަރުކޮށްދިނީ، އަލީ އިލްމާން އަހުމަދު މޫސާ އެވެ.

ކަސްޓަމްސް އިން ރޭގެ މެޗުން މޮޅުވެގެން، އަނެއް ބުރަށް ދެވެން އޮތް ނަމަވެސް އިމިގްރޭޝަނުން ވަނީ އެ ޓީމު ބަލިކޮށްފަ އެވެ. އިމިގްރޭޝަން އަށް ލަނޑުތައް ޖަހައިިދިނީ، ޝާމިލް ރަޝީދު ދެ ގޯލާއި ޝައިފާން އަހުމަދު މަނިކް އާއި އަބްދުﷲ ރިމާހު އެވެ.

މި ގްރޫޕްގެ އެއް ވަނަ ސްޓެލްކޯ ދިޔައީ ހަތް ޕޮއިންޓާ އެކު އެވެ. ދިރާގުން ދެ ވަނަ ހޯދީ ފަސް ޕޮއިންޓާ އެކު އެވެ. ތިން ވަނަ ހޯދި އިމިގްރޭޝަން އަށް ތިން ޕޮއިންޓާ އެކު، ރަނގަޅު ލަނޑުގެ ފަރަގެއް އޮތުމުން، އެ ޓީމަށް، މުބާރާތުގެ ގްރޫޕް ސްޓޭޖު ނިމޭ ގޮތަކުން، ގަދަ 16 އިން ފުރުސަތު ލިބިދާނެ އެވެ. ކަސްޓަމްސް ގްރޫޕްގެ ފުލަށް ދިޔައީ އެއް ޕޮއިންޓާ އެކު އެވެ.