Advertisement

ހުލާސާކޮށް އިއްޔެ: މަޓީގެ ހިތްހަމަ ނުޖެހުން

3 އޮކްޓޯބަރު 2024 - 06:27 0

މަޓީގެ އިސްވެރިން. މިއީ ރާއްޖޭގެ ރިސޯޓު އޯނަރުން ހިއްސާވާ ޓޫރިޒަމް އިންޑަސްޓްރީގެ އެންމެ ނުފޫޒު ގަދަ ޖަމިއްޔާ -- ފޮޓޯ: މަޓީ


ހުލާސާކޮށް އިއްޔެ: މަޓީގެ ހިތްހަމަ ނުޖެހުން

3 އޮކްޓޯބަރު 2024 - 06:27 0

ޑޮލަރު ތާށިކަމުގެ މައްސަލަ ހައްލުކުރުމުގެ ގޮތުން ބޭރު ފައިސާ މާރުކުރުމުގެ ގަވާއިދާއި ބޭރު ފައިސާއާ ބެހޭ ގަވާއިދަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބަދަލު ގެނައީ ހުށަހެޅި އެއްވެސް ކަންބޮޑުވުމަކަށް އިޖާބަ ނުދީ ކަމަށް ރިސޯޓު ވިޔަފާރިވެރިންގެ ޖަމިއްޔާ، މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީސް (މަޓީ)އިން ބުނެފި ކަމަށް އިއްޔެ ރިޕޯޓުކުރި އެވެ.

އަންގާރަ ދުވަހު ގެނައި ބަދަލުގެ ސަބަބުން، ޑޮލަރު މާރު ކުރަން ޖެހޭނީ ޓުއަރިސްޓުން އެ ފެސިލިޓީއަކަށް އަންނަ މިންވަރަކުންނެވެ. ރިސޯޓުތަކަށް އަންނަ ކޮންމެ ޓުއަރިސްޓަކަށް 500 ޑޮލަރު އެ ފެސިލިޓީއަކުން މާރު ކުރަންޖެހެ އެވެ. ގެސްޓްހައުސްތަކަށް އަންނަ ކޮންމެ ޓުއަރިސްޓަކަށް 25 ޑޮލަރުގެ މަގުން ބޭންކަށް ޑޮލަރު މާރު ކުރަންޖެހެ އެވެ.

މި ބަދަލުތައް ގެނައީ ޓޫރިޒަމް ދާއިރާގެ މަސްލަހަތުވެރިންނާ މަޝްވަރާ ކުރުމަށް ފަހު ކަމަށް އެމްއެމްއޭއިން ބުނެފައިވެ އެވެ. އެހެން ނަމަވެސް, މަޓީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އެކަން އެގޮތަށް ހިނގާފައި ނުވާ ކަމަށެވެ.

"އެމްއެމްއޭގެ އެދިވަޑައިގަތުމަކަށް މި ޖަމިއްޔާއާއެކު ބޭއްވުނު ބައްދަލުވުމުގައި, ބޭރު ފައިސާ އާއި ބެހޭ އާ ގަވާއިދުގައި ހިމެނުއްވުމަށް އެ އޮތޯރިޓީން ހުށަހަޅުއްވާފައިވާ ހުށަހެޅުންތަކަކީ, މި ޖަމިއްޔާއަށް އެއްބަސްވެވޭނެ ކަންތައްތަކެއް ނޫން ކަމުގައި ވާނީ ދަންނަވާފައި. ގަވާއިދު ގެޒެޓު ކުރެވުނުއިރު, މި ޖަމިއްޔާގެ ފަރާތުން ހުށަހަޅި އެއްވެސް ކަންބޮޑުވުމަކަށް އެމްއެމްއޭގެ ފަރާތުން އިޖާބަ ދެއްވާފައި ނުވާކަން ފާހަގަކުރަން," މަޓީގެ ބަޔާނުގައި ބުނެފައިވެ އެވެ.

"އަދަދު" ނޫހަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މި ބަދަލުތައް ގެނައުމުގެ ކުރިން މަސްލަހަތުވެރިންނާއެކު މިދިޔަ ހަފްތާގެ ތެރޭގައި ބައްދަލުވުމެއް ބޭއްވި އެވެ. ޓޫރިޒަމް އިންޑަސްޓްރީން ދެކޭ ގޮތުގައި މިފަދަ ބޮޑު ބަދަލެއް ގެނައުމުގެ ކުރިން އެއް ބައްދަލުވުމަށް ވުރެ ގިނަ ބައްދަލުވުން ބާއްވައި އިންޑަސްޓްރީން ހުށަހަޅާ ކަންކަމަށް ރިއާޔަތް ކުރަން ޖެހެ އެވެ.

މަޓީން ބުނެފައިވާ ގޮތުގައި ގައުމަށް ދިމާވާ ކޮންމެ ކަމެއްގައި ވެސް އެ ޖަމިއްޔާގެ ފަރާތުން އަބަދުވެސް އެއްބާރުލުން ދޭނެ އެވެ.

ބޭރު ފައިސާއިން ލިބޭ އާމްދަނީ މާރުކުރަން، އާ ގަވާއިދުގެ ދަށުން ވަނީ، ޓޫރިޒަމް ދާއިރާގައި ހަރަކާތްތެރިވާ ވިޔަފާރިތައް އެމްއެމްއޭގައި ރަޖިސްޓްރީ ވާން 30 ދުވަހުގެ މުހުލަތެއް ދީފަ އެވެ. އަދި އަލަށް ރަޖިސްޓްރީ ކުރާ ވިޔަފާރިތަކުން ވެސް މީރާގައި ރަޖިސްޓްރީ ކުރާތާ 30 ދުވަހުގެ ތެރޭގައި މި ރަޖިސްޓްރޭޝަނަށް އެމްއެމްއޭއަށް ހުށަހަޅަން ޖެހެ އެވެ.

މުހިއްމު ބައެއް ހަބަރު