Advertisement

ހުލާސާކޮށް އިއްޔެ: އާސަރަހާ މިސްކިތް ހުޅުވުން

about 8 hours 0

އާސަހަރާގެ މިސްކިތް. -- ފޮޓޯ: މާލޭ ސިޓީ ކައުންސިލް


ހުލާސާކޮށް އިއްޔެ: އާސަރަހާ މިސްކިތް ހުޅުވުން

about 8 hours 0

އާ ސަހަރާގެ މިސްކިތާއި ހިނަވާގެ ދޮޅު އަހަރަށް ފަހު އިއްޔެ ހުޅުވި އެވެ.

އެ މިސްކިތާއި ހިނަވާގެ ހުޅުވައި ދެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒެވެ.

އެ މަނިކުފާނުގެ މޭޔަރުކަމުގައި އެ މަޝްރޫއު މެއި 27، 2023 ގައި ބަޔަކާ ހަވާލުކުރީ ދެ މަސް ދުވަހުން ނިންމުމަށެވެ. ނަމަވެސް ރައީސުލްޖުމްހޫރިއްޔާގެ މަގާމާ ހަވާލުވެވަޑައިގަތުމަށް މޭޔަރުގެ މަގާމުން އިސްތިއުފާ ދެއްވިއިރު ވެސް އެ މަޝްރޫއު ނުނިންމެ އެވެ.

އެ މަސައްކަތް 4.9 މިލިއަން ރުފިޔާ އަށް ހަވާލުކުރި ކުންފުންޏަށް މަސައްކަތް ނުނިންމި ލަސްވަމުންދާތީވެ، އެއްބަސްވުން ބާތިލުކޮށް، ޑިސެމްބަރު 2023 ގައި އެހެން ބަޔަކާ މަސައްކަތް ހަވާލުކުރީ 4.6 މިލިއަން ރުފިޔާ އަށެވެ. ނަމަވެސް އަގަށް ފަހުން ހަތް ލައްކަ އިތުރުކުރި އެވެ.

އެހެންވެ، މޭޔަރު އާދަމް އާޒިމް، ޖެނުއަރީ 2024 ގައި މަގާމާ ހަވާލުވެވަޑައިގެންނެވިއިރު އާ ސަރަހާ މިސްކިތާއި ހިނަވާގެ މަރާމާތަށް 10.2 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށް، އެ މައުލޫމާތު އެނގޭ މީހަކު އަދަދު ނޫހަށް ބުންޏެވެ.

އާ ސަރަހާ މިސްކިތާއި ހިނަވާގޭގެ ކޮންކްރީޓު މަސައްކަތް ނިންމުން އާޒިމް ވަޑައިގެން ހަލުއިކޮށް، ފިނިޝިންގެ މަސައްކަތް އިއުލާނުކޮށްގެން އެހެން ބަޔަކާ ގާތްގަނޑަކަށް 2.5 މިލިއަން ރުފިޔާ އަށް ހަވާލުކުރި އެވެ. އެހެންވެ، އެ މަޝްރޫއުގެ ޖުމުލަ އަގު 12.7 މިލިއަން ރުފިޔާ އަށް އަރާނެ އެވެ.

އާސަހަރާ މިސްކިތާއި މައްޔިތުންގެ މޫނު ބަލަން ޒިޔާރަތްކުރާ މީހުން ތިބުމަށް ހާއްސަކޮށްފައިވާ ސަރަހައްދު އެއާ ކަންޑިޝަންކޮށްފައި ވަނީ އަމިއްލަ ބައެއް ކުންފުނިތަކުގެ އެހީގަ އެވެ. އެކަމަށްޓަކައި އެ ފަރާތްތަކަށް އާޒިމް ޝުކުރު އަދާ ކުރެއްވި އެވެ.

"މި މަސައްކަތް ނިންމުމަށް އެކި ގޮތްގޮތުން އެހީތެރިވެދެއްވި ބޭފުޅުންނަށް ވެސް ޝުކުރު ދަންނަވަން. ހާއްސަކޮށް އެލިއާ މޯލްޑިވްސް، އެޕޯލޯ ހޯލްޑިންގްސް އާއި ހައިމަން ކޮންސްޓްރަކްޝަން އަދި ޕްރޯއޭސީ،" އާދަމް އާޒިމް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވި އެވެ.

އާސަހަރާ މިސްކިތް މިހާރު ވަނީ ދެ ފަންގިފިލާއަށް ހަދައިފަ އެވެ. ހިނަވާގޭގައިވެސް ވަނީ، ޖާގަ ތަނަވަސް، ހިނެވުމަށް ހާއްސަ ތިން ތަނެއް ހަދައިފަ އެވެ. ކުރިން ހުންނަނީ ދެ އަށްޓެވެ.

މިސްކިތާއި ހިނަވާގެ ހުޅުއްވައި ދެއްވުމަށްފަހު، އިއްޔެގެ ހުކުރު ނަމާދުގައި ރައީސް މުއިއްޒު ބައިވެރިވެވަޑައިގަތެވެ.

މުހިއްމު ބައެއް ހަބަރު