Advertisement

އިސްލާމިކް މިނިސްޓްރީން ސަލަފު ޖަމިއްޔާއާ ބައްދަލުކޮށްފި

2 އޮކްޓޯބަރު 2024 - 14:56 1

މޫސާ ނާޝިއު

މޫސާ ނާޝިއު

އިސްލާމިކް މިނިސްޓްރީ އާއި ޖަމިއްޔަތު ސަލަފާ ބޭއްވި ބައްދަލުވުމުގެ ތެރެއިން. މީގެކުރިން ވެސް މިފަދަ ބައްދަލުވުންތައް ބާއްވާފައިވޭ ---ފޮޓޯ:އިސްލާމިކް މިނިސްޓްރީ


އިސްލާމިކް މިނިސްޓްރީން ސަލަފު ޖަމިއްޔާއާ ބައްދަލުކޮށްފި

2 އޮކްޓޯބަރު 2024 - 14:56 1

އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ޖަމިއްޔަތު ސަލަފުގެ އިސްވެރިންނާ މިއަދު ބައްދަލުކުރައްވައިފި އެވެ.

ސަލަފުގެ އިސްވެރިންނާއި އެ މިނިސްޓްރީން ބައްދަލުކުރިކަން އިސްލާމިކް މިނިސްޓްރީގެ އޮފިޝަލް އެކްސް އެކައުންޓުން ވަނީ ހާމަކޮށްފަ އެވެ.

އެ ބައްދަލުވުން ބޭއްވީ މިނިސްޓްރީގެ އެދުމުގެ މަތިން އާންމުކޮށް ޖަމިއްޔާތަކާ ބައްދަލުވުން ބާއްވާ އުސޫލުން ކަމަށް މިނިސްޓްރީން ބުންޏެވެ. އެ ބައްދަލުވުމުގައި މަޝްވަރާކުރީ ދީނީ ހަރަކާތްތައް ހިންގުމުގައި ދެ ފަރާތުން ވެސް ގުޅިގެން ކުރެވިދާނެ ކަންކަމާ ބެހޭ ގޮތުންނެވެ.

މި ބައްދަލުވުމުގައި އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމްގެ އިތުރުން އެ މިނިސްޓްރީގެ ބައެއް އިސްވެރިން ބައިވެރިވެވަޑައިގަތެވެ. ސަލަފުގެ ފަރާތުން ބައިވެރިވީ ސެކްރެޓަރީ ޖެނެރަލް އަހްމަދު ޝަރީފްގެ އިތުރުން މުހައްމަދު ތަސްލީމެވެ.

މީގެކުރިން ވެސް މިނިސްޓްރީން ވަނީ ސަލަފާ އެކީގައި ބައްދަލުވުމެއް ބާއްވައިފަ އެވެ. އެ ބައްދުލުވުން ބޭއްވީ ސަލަފުގެ އެދުމުގެ މަތިންނެވެ.

ކުރީގެ ބައްދަލުވުމުގައި މަޝްވަރާކުރީ މިނިސްޓްރީ އާއި ސަލަފްއާ ގުޅިގެން މަސައްކަތް ކުރުމުގެ މުހިންމުކަމުގެ މައްޗަށެވެ. އަދި އެ ބައްދަލުވުމަށް ފަހު މިނިސްޓްރީއާ ދެމެދު ރަނގަޅު ގުޅުމެއް އުފެދިފައިވާ ކަމަށް ސަލަފުން ބުނެފައިވެ އެވެ.

ޖަމިއްޔަތު ސަލަފަކީ ދީނީ ހޭލުންތެރިކަން އިތުރުކުރުމުގެ މަގުސަދުގައި މަސައްކަތް ކުރާ ރާއްޖޭގެ އެންމެ ދުވަސްވީ އެއް ޖަމިއްޔާ އެވެ. އެ ޖަމިއްޔާ ރަޖިސްޓްރީކޮށް ހިންގަން ފެށީ މީގެ 17 އަހަރު ކުރިން މާޗް 12، 2006 ގަ އެވެ.