Advertisement

ވެރިކަމަށް 320 ދުވަސްވީއިރުވެސް "ކަނޑުން ގެއްލުވައިލި ބައި" ހޯދަން ކުރާނެ ކަމެއް ސަރުކާރަކަށް ނުނިންމޭ

3 އޮކްޓޯބަރު 2024 - 15:15 0

އަހުމަދު އާއިދު

އަހުމަދު އާއިދު

ރައީސް މުއިއްޒު އަދި ބަންޑާރަނައިބު އުޝާމް: "ގެއްލުވާލި ކަނޑު" ހޯދަން ކުރާނެ ކަމެއް ސަރުކާރަށް އަދިވެސް ނުނިންމޭ --- ފޮޓޯ: ރައީސް އޮފީސް


ވެރިކަމަށް 320 ދުވަސްވީއިރުވެސް "ކަނޑުން ގެއްލުވައިލި ބައި" ހޯދަން ކުރާނެ ކަމެއް ސަރުކާރަކަށް ނުނިންމޭ

3 އޮކްޓޯބަރު 2024 - 15:15 0

މި ސަރުކާރުގެ ފުރަތަމަ 100 ދުވަހަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އެކުލަވާލި ހަފުތާ 14 ގައި ހިމެނުއްވި އެންމެ ބޮޑު އަދި ގައުމު ސިޔާދަތާ ގުޅޭ އެއް ވައުދަކަށްވީ ރާއްޖޭގެ ދެކުނު ކަނޑުން "ގެއްލުނު" ކަމަށް ބުނާ ސަރަހައްދު ހޯދުމަށް އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް) ގައި އެ މައްސަލަ އިސްތިއުނާފު ކުރުމަށް ނިންމުމެވެ.

ހަފުތާ 14 އެކުލަވައިލައި އިއުލާނުކުރީ ރައީސް މުއިއްޒު ވެރިކަމުގެ ހުވާ ކުރެއްވުމުގެ ދެ ދުވަސް ކުރިންނެވެ. އެމަނިކުފާނު ވެރިކަމަށް ވަޑައިގެންނެވިތާ މިހާރު 320 ދުވަސް ވަނީ ފުރިފަ އެވެ. ނަމަވެސް އެޓާނީ ޖެނެރަލްގެ އޮފީހުން މި ނޫހަށް މައުލޫމާތު ދިން ގޮތުގައި މި މައްސަލާގައި އަމަލުކުރާނެ ގޮތެއް ސަރުކާރުން އަދިވެސް ނުނިންމަ އެވެ.

މިއަދާ ހަމައަށް ސަރުކާރުން މި މައްސަލާގައި އާންމުކުރީ މި އަހަރުގެ މެއި މަހުގެ ތެރޭގަ އެވެ. އޭރު އޭޖީ އަހުމަދު އުޝާމް ވިދާޅުވީ މި މައްސަލާގައި ސަރުކާރުން އެކުލަވާލި ކޮމިޓީގެ ރިޕޯޓު ދިރާސާކުރެއްވުމަށްފަހު ކަމަށެވެ.

އޭނާގެ އޮފީހުން އިއްޔެވެސް ދިނީ ދާދި އެއް ޖަވާބެކެވެ. އެގޮތުން ތަޖުރިބާކާރުންގެ ލަފަޔާއި ކޮމިޓީގެ ރިޕޯޓު ލިބިފައިވާ ކަމަށާއި އެ މައްސަލަ އިތުރަށް ކުރިއަށް ގެންދެވޭނީ ނިންމަން ޖެހޭ ކަންކަން ނިންމުމަށް ވަޒީރުންގެ މަޖިލީހަށް ހުށަހެޅިގެން ކަމަށް އޭޖީ އޮފީހުގެ މީޑިއާ އޮފިޝަލު އިއްޔެ ވިދާޅުވި އެވެ.

އޭޖީގެ ދިރާސާގެ މައްޗަށް އެކުލެވޭ ގޮތެއް ކެބިނެޓަށް ހުށަހެޅުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށްވެސް އޭނާ ވިދާޅުވި އެވެ. ނަމަވެސް އެކަމަށް ނަގާނެ މުއްދަތެއް ސާފެއް ނޫނެވެ.

"މައްސަލައާ ގުޅޭ ގޮތުން ކެބިނެޓުން ނިންމަވާ ގޮތެއް ވީއެންމެ އަވަސް ފުރުސަތެއްގައި ހިއްސާކުރާނެކަމުގައިވެސް ދަންނަވަން،" އޭޖީގެ މީޑިއާ އޮފިޝަލު ކުރެއްވި މެސެޖުގައިވެ އެވެ.

ޗާގޯސް އައިލެންޑްސް އާއި ރާއްޖެއާ ދެމެދު އިން ކަނޑައަޅަން އިޓްލޮސްއަށް ހުށަހެޅި މައްސަލައިގައި އެ ޓްރައިބިއުނަލުން ވަނީ، އެ ރަށްތަކުގެ މައްޗަށް މޮރިޝަސް އަށް ސިޔާދަތީ ބާރު އޮތް ކަމަށް ކަނޑައަޅާއި، މޮރިޝަސް އާއި ރާއްޖެއާ ދެމެދު ފުށުއަރާ 95،000 އަކަ ކިލޯމީޓަރުގެ ސަރަހައްދެއް ބައިކޮށްފަ އެވެ.

މިދިޔަ އަހަރު ނިންމި އެ ނިންމުމާއެކު ކަނޑުން "ބައެއް ގެއްލުނީ" ނިމިދިޔަ ސަރުކާރުން މައްސަލާގައި އަމަލުކުރި ގޮތުންނާއި އޭރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މޮރިޝަސްގެ ބޮޑުވަޒީރަށް ފޮނުއްވި ސިޓީއެއްގެ ސަބަބުން ކަމަށް އޭރު އިދިކޮޅުގައި އޮތް ޕީއެންސީން ދިޔައީ ބުނަމުންނެވެ.

އަދި ސިޔާސީ ޕާޓީތައް އެއްވެ ކަނޑު ހޯދުމަށް ކޯލިޝަނެއްވެސް އެކުލަވައިލި އެވެ. އެ ކޯލިޝަނުގައި ބަންޑާރަނައިބުވެސް ހުންނެވި އެވެ. ނޫސްވެރިންގެ ބައްދަލުވުންތަކާއި އެއްވުންތައް ބޭއްވި އެ ކޯލިޝަނުގެ ބައެއް ބޭފުޅުން ވަނީ ޗާގޯސްގެ މައްޗަށް ރާއްޖޭގެ ސިޔާދަތީ ބާރު ހިނގަން ޖެހޭ ކަމަށްވެސް ވިދާޅުވެފަ އެވެ.

ނަމަވެސް މި ސަރުކާރުން ވެރިކަމާ ހަވާލުވެ އެ ސިޓީ އާންމުކުރިއިރު، އިދިކޮޅުގައި ތިބެ ކުރި ތުހުމަތުތަކަށް ބާރުދޭ ވާހަކައެއް އެ ސިޓީއަކު ނެތެވެ. 100 ދުވަހުގެ ތެރޭގައި އިސްތިއުނާފުކުރަން ނިންމި މައްސަލަ އިސްތިއުނާފުކުރާނެ ކަމުގެ ޔަގީންކަމެއްވެސް މިހާރަކު ނެތެވެ.