Advertisement

އިޒްރޭލާ ދެކޮޅަށް އައިސީޖޭއަށް ހުށަހެޅި މައްސަލައަށް ތަދައްހުލްވާން ރާއްޖެއިން ހުށަހަޅައިފި

1 އޮކްޓޯބަރު 2024 - 19:22 2

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

އެޓާނީ ޖެނެރަލް އަހްމަދު އުޝާމް: އިޒްރޭލާ ދެކޮޅަށް އައިސީޖޭއަށް ހުށަހެޅި މައްސަލައަށް ތަދައްހުލްވާން ރާއްޖެއިން ވަނީ ހުށަހަޅާފައި -- ފޮޓޯ: އޭޖީ އޮފީސް


އިޒްރޭލާ ދެކޮޅަށް އައިސީޖޭއަށް ހުށަހެޅި މައްސަލައަށް ތަދައްހުލްވާން ރާއްޖެއިން ހުށަހަޅައިފި

1 އޮކްޓޯބަރު 2024 - 19:22 2

އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) ގައި ކުރިއަށްދާ "އެޕްލިކޭޝަން އޮފް ދަ ކޮންވެންޝަން އޮން ދަ ޕްރިވެންޝަން އެންޑް ޕަނިޝްމަންޓް އޮފް ދަ ކްރައިމް އޮފް ޖެނޮސައިޑް އިން ދަ ގާޒާ ސްޓްރިޕް (ދެކުނު އެފްރިކާ ވ. އިޒްރޭލު)" މައްސަލައަށް ދިވެހިރާއްޖެއިން ތަދައްހުލުވުމަށް މިއަދު ހުށަހަޅައިފި އެވެ.

އެޓާނީ ޖެނެރަލް (އޭޖީ) އޮފީހުން ބުނީ އެ މައްސަލައަށް ތަދައްހުލްވާން ހުށަހަޅަންޖެހޭ "ޑެކްލެރޭޝަން އޮފް އިންޓަރވެންޝަން"، އެ މައްސަލައަށް ރާއްޖެއިން ކަނޑައަޅާފައިވާ އޭޖެންޓް، އޭޖީ އަހްމަދު އުޝާމްގެ ފަރާތުން އައިސީޖޭއަށް ހުށަހަޅާފައިވާ ކަމަށެވެ.

އިޒްރޭލާ ދެކޮޅަށް ދެކުނު އެފްރިކާއިން 84 ސަފުހާގެ އެ މައްސަލަ ހުށަހެޅީ މިދިޔަ އަހަރުގެ ޑިސެންބަރު 29، ގައި އައިސީޖޭއަށް ހުށަހެޅި މައްސަލައެކެވެ.

އެ މައްސަލަ ދެކުނު އެފްރިކާއިން ހުށަހެޅީ އިޒްރޭލުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ގާޒާގައި ހިންގަމުންދާ ލާއިންސާނީ އަމަލުތަކަކީ، 1948 ވަނަ އަހަރުގެ ކޮންވެންޝަން އޮން ދަ ޕްރިވެންޝަން އެންޑް ޕަނިޝްމަންޓް އޮފް ދަ ކްރައިމް އޮފް ޖެނޮސައިޑް (ޖެނޮސައިޑް ކޮންވެންޝަން) އާ ހިލާފު އަމަލުތަކެއް ކަމަށް ބުނެ އެވެ.

"ރާއްޖެއިން ހުށަހެޅި އިންޓަރވެންޝަން ބިނާކޮށްފައިވަނީ ޖެނޮސައިޑް ކޮންވެންޝަންގެ ދަށުން އިންސައިޓްމަންޓް ޓު ކޮމިޓް ޖެނޮސައިޑް އަދި ޑިއުޓީ ޓު ޕަނިޝް ދަ އިންސައިޓްމަންޓް އޮފް ޖެނޮސައިޑް މާނަކޮށްފައިވާ ގޮތާ ގުޅޭގޮތުން،" އޭޖީ އޮފީހުން ބުންޏެވެ.

އިޒްރޭލުގެ ބާރުގެ ދަށަށް ގެނެސްފައިވާ ފަލަސްތީނުގެ ބިންތަކުގައި އިޒްރޭލުން ހިންގަމުންދާ އަމަލުތައް ކުށްވެރިކޮށް، އެ އަމަލުތަކަކީ ޖެނޮސައިޑް އަދި އެޕާތައިޑްގެ އަމަލުތަކެއްކަމާއި، އެއީ ބައިނަލްއަގްވާމީ ގާނޫނުތަކާ ހިލާފު ޖަރީމާތަކެއް ކަމަށް ދިވެހި ސަރުކާރުން ދަނީ ބައިނަލްއަގްވާމީ އެހެން މައިދާންތަކުގައި ކެނޑިނޭޅި ވަކާލާތުކުރަމުންނެވެ.

އެގޮތުން، އދ. ގެ އާންމު މަޖިލީހުގެ 79 ވަނަ ސެޝަންގެ އާންމު ބަހުސްގައި، ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ، ގާޒާގައި އިޒްރޭލުން ހިންގަމުންދާ ނަސްލު ނައްތާލުމުގެ ގަތުލުއާންމަކީ އިންސާފާއި ބައިނަލްއަގްވާމީ ނިޒާމަށް މަލާމާތެއްކަމާއި، އދ. ގެ ގަރާރުތަކާއި، ބައިނަލްއަގްވާމީ ގާނޫނާ ހިލާފު އެ ނިރުބަވެރިކަމުގެ އަމަލުތަކަށް އިޒްރޭލު ޖަވާބުދާރީ ކުރުވެން ޖެހޭނެ ކަމަށް ވިދާޅުވެފަ އެވެ.

އިޒްރޭލުން ފަލަސްތީނުގައި ހިންގަމުންދާ ނަސްލުހޭދުގެ އަމަލުތައް ވަގުތުން އަދި ދާއިމީކޮށް ހުއްޓާލުމަށް ދިވެހި ސަރުކާރުން ތަކުރާރުކޮށް އެކި ފަހަރު މަތިން ވަނީ ގޮވާލާފަ އެވެ.

އޭގެއިތުރުން ފަލަސްތީނާއި އިޒްރޭލުގެ މައްސަލައަށް އޮތް ހަމަ އެކަނި ދެމެހެއްޓެނިވި ހައްލަކީ، 1967 ގެ ކުރިން އޮތް ސަރަހައްދީ އިންތަކުގެ މައްޗަށް ބިނާކޮށް، އިރުމަތީ ގުދުސް ވެރިރަށެއްގެ ގޮތުގައި ކަނޑައަޅައި، މިނިވަން، މުސްތަގިއްލު އަދި އަމިއްލަ ސިޔާދަތީ ބާރު ހިނގާ ފަލަސްތީނުގެ ދައުލަތެއް ގާއިމުކުރުން ކަމަށްވާއިރު، އެ ހައްލު ހޯދުމަށް ފަލަސްތީނުގެ ރައްޔިތުންގެ ކުރާ މަސައްކަތަށް އެއްބާރުލުން ދިނުމުގައި ދިވެހި ދައުލަތް ސާބިތުކަމާއެކު ދެމިއޮންނާނެ ކަމުގައި ޔަގީންކަން ވަނީ އަރުވާފަ އެވެ.