1 އޮކްޓޯބަރު 2024 - 14:44 0
އަހުމަދު އާއިދު
ފޮރިން މިނިސްޓަރު ހަލީލު އިންޑިއާގެ ސަފީރު މުނޫ މަހާވަރު އާ ބައްދަލުކުރައްވަނީ --- ފޮޓޯ: ފޮރިން މިނިސްޓްރީ
1 އޮކްޓޯބަރު 2024 - 14:44 0
ފޮރިން މިނިސްޓަރުގެ މަގާމަށް އިއްޔެ އައްޔަން ކުރެއްވި ޑރ. އަބްދުﷲ ހަލީލު އިންޑިއާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު މުނޫ މަހާވަރު އާ ބައްދަލު ކުރައްވައިފި އެވެ.
މިއީ އިއްޔެއާ ހަމައަށް ހެލްތު މިނިސްޓަރުގެ ގޮތުގައި ހުންނެވި ހަލީލު ހާރިޖީ ވަޒީރުގެ ގޮތުން ބޭއްވި ފުރަތަމަ ރަސްމީ ބައްދަލުވުމެވެ. މަހާވަރު އަކީ ބޭރުގެ ސަފީރުންގެ ތެރެއިން އާ ފޮރިން މިނިސްޓަރާ ރަސްމީކޮށް މަޝްވަރާކުރެއްވި ފުރަތަމަ ސަފީރެވެ.
ބައްދަލުވުމާ ގުޅިގެން ހަލީލު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މިއަދު މަޝްވަރާ ކުރެވުނީ ދެ ގައުމު ގުޅިގެން ކުރެވެމުންދާ މަސައްކަތްތަކާއި އިތުރު ދިމަދިމާލުން ގުޅުން ގާއިމުކޮށް ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭ ގޮތުން ކަމަށެވެ.
ފޮރިން މިނިސްޓްރީން ވެސް ބުނީ މިއަދު މަޝްވަރާ ކުރީ ގުޅުން ބަދަހިކުރުމާ ގުޅޭ ގޮތުން ކަމަށެވެ. ރާއްޖޭގައި ހުންނަ އިންޑިއާ އެމްބަސީން މިކަމާ ގުޅިގެން އަދި ބަހެއް ނުބުނެ އެވެ.
އާ ފޮރިން މިނިސްޓަރު އެންމެ ފުރަތަމަ އިންޑިއާގެ ސަފީރާ ބައްދަލުކޮށްފައި މިވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒު މި މަހު އެ ގައުމަށް ރަސްމީ ދަތުރެއް ކުރައްވަން ނިންމަވާފައިވަނިކޮށެވެ. ނަމަވެސް އިންޑިއާއަށް ވަޑައިގަންނަވާ ތާރީހާއި ރައީސްއާއެކު ވަޑައިގަންނަވާ ވަފުދުގެ ތަފުސީލެއް ސަރުކާރުން ހާމައެއް ނުކުރެ އެވެ.
މިދިޔަ ނޮވެމްބަރުގައި ރައީސް މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ފަހު ޗައިނާއަށް ކުރެއްވި ރަސްމީ ދަތުރަށް ފަހު އެނބުރި މާލެ ވަޑައިގެން އިންޑިއާއަށް ނުސީދާކޮށް ބަހުގެ ހަމަލާތަކެއް ދެއްވި އެވެ. އޭގެ އިތުރުން, ސަރުކާރުގެ އިސް މަގާމުތަކުގައި ތިއްބެވި ބައެއް ބޭފުޅުން އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ކުޑައިމީސްކޮށް ސޯޝަލް މީޑިއާގައި ކުރި ޕޯސްޓްތަކެއްގެ ސަބަބުން ދެ ގައުމުގެ ގުޅުން ގޯސްވި އެވެ.
ނަމަވެސް, މޯދީ ހުވާ ކުރެއްވުމުގެ ރަސްމިއްޔާތަށް ރައީސް ވަޑައިގެންނެވިފަހުން ދެ ގައުމުގެ ގުޅުން ދަނީ ރަނގަޅުވަމުންނެވެ.
ސަރުކާރުގެ މާލީ ހާލަތު ގޯސްވެފައިވާއިރު ރާއްޖޭން ދައްކަން ޖެހޭ ދަރަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރާ އެއް ގައުމަކީ އިންޑިއާ އެވެ. ބެލެވޭ ގޮތުގައި ރައީސްގެ މި ދަތުރުގައި ސަރުކާރުގެ މާލީ ހާލަތު ރަނގަޅު ކުރުމަށް އިންޑިއާގެ އެއްބާރުލުމަށް އެދިވަޑައިގަންނަވާނެ އެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment