Advertisement

ފްރާންސްގެ ގައުމީ ޓީމަށް ކުޅުން ގްރީޒްމަން ހުއްޓާލައިފި

1 އޮކްޓޯބަރު 2024 - 07:43 0


ފްރާންސްގެ ގައުމީ ޓީމަށް ކުޅުން ގްރީޒްމަން ހުއްޓާލައިފި

1 އޮކްޓޯބަރު 2024 - 07:43 0

މެޑްރިޑް (އޮކްޓޫބަރު 1) - ފްރާންސްގެ ގައުމީ ޓީމަށް ކުޅުން އެ ޓީމާއެކު ގިނަ ކާމިޔާބީތަކެއް ހޯދައިފައިވާ އެންޓޮއިން ގްރީޒްމަން ހުއްޓާލައިފި އެވެ.

ރިޓަޔާމަންޓް އިއުލާނުކުރިއިރު، ގްރީޒްމަންގެ އުމުރަކީ 33 އަހަރެވެ.

ފްރާންސްއާ އެކު ގްރީޒްމަން ހޯދި އެންމެ ބޮޑު ކާމިޔާބީ އަކީ 2018 ވަނަ އަހަރު ރަޝިޔާގައި ކުރިއަށްދިޔަ ވޯލްޑް ކަޕް ހޯދުމެވެ.

ފްރާންސް އަށް 137 މެޗު ކުޅެދިން ގްރީޒްމަން ވަނީ އެ ޓީމަށް 44 ގޯލް ޖަހައިދީފަ އެވެ.

ގްރީޒްމަން އޭނާގެ ސޯޝަލް މީޑިއާ އެކައުންޓްތަކަށް އާންމުކުރި ވީޑިއޯގައި ބުނީ، ފްރާންސްއާ އެކު ހޭދަކުރި 10 އަހަރު ދުވަހަކީ އޭނާގެ ހަޔާތުގައި އެންމެ މުހިންމު ދުވަސްތައް ކަމަށެވެ. އަދި ގައުމީ ޓީމަށް ކުޅުން ހުއްޓާލަން ނިންމީ އާ ކުޅުންތެރިންނަށް ފުރުސަތު ދިނުމުގެ ބޭނުމުގައި ކަމަށްވެސް ބުނެފައިވެ އެވެ.

"ފްރާންސްގެ ޖާޒީގައި ކުޅެން ލިބުނު ފުރުސަތަކީ ހަޔާތުގައި ލިބުނު އެންމެ ބޮޑު އުފާ. ފްރާންސް ޖާޒީލުމަކީ ފަހުރެއް. 10 އަހަރަށްފަހު ގައުމީ ޓީމާ ވަކިމިވަނީ, ގިނަ ޗެލެންޖުތަކަކާއި, ކާމިޔާބީތަކަކާ, ހަނދާނުން ނުފިލާނެ ވަގުތުތަކެއް ހޭދަކުރުމަށްފަހު. މިއީ އަހަރެން މުޅިން އާ ސޮފުހާއެއް ހުޅުވަންވީ ވަގުތު." ގްރީޒްމަން ބުންޏެވެ.

ފްރާންސްގެ ކޯޗު ޑިޑިއޭ ޑެޝޯމްޕްސް އެންމެ އިތުބާރު ކުރާ ކުޅުންތެރިންގެ ތެރޭގައި ގްރީޒްމަން ހިމެނެ އެވެ. އޭނާ އެންމެ ފުރަތަމަ 2014 ވަނަ އަހަރު ގައުމީ ޓީމުގައި ހިމެނީ ޑިޝޮމްޕްސް އެވެ. އޭގެ ފަހުން ގައުމީ ސްކޮޑުން ބަރާބަރަށް ގްރީޒްމަން އަންނަނީ ޖާގަ ހޯދަމުންނެވެ.

ވޯލްޑް ކަޕްގެ އިތުރުން، ގްރީޒްމަން ވަނީ ފްރާންސްއާ އެކު ނޭޝަންސް ލީގު ވެސް ކާމިޔާބުކޮށްފަ އެވެ. އަދި 2016 ވަނަ އަހަރު ފްރާންސް އިން ހޯސްޓްކުރި ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ފައިނަލުގައި ވެސް ކުޅުނެވެ. މީގެ އިތުރުން، ގަތަރުގައި 2022 ގައި ބޭއްވި ވޯލްޑް ކަޕްގައި ވެސް ފްރާންސް އިން ފައިނަލުގައި ކުޅުނުއިރު، ގްރީޒްމަން ޓީމުގައި ހިމެނެ އެވެ.