Advertisement

ދިރާގަށް 36 އަހަރު: ހަމައެކަނި ފުޅާކުރީ ނެޓްވޯކާއި ހިދުމަތެއް ނޫން

1 އޮކްޓޯބަރު 2024 - 09:08 1

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު


ދިރާގަށް 36 އަހަރު: ހަމައެކަނި ފުޅާކުރީ ނެޓްވޯކާއި ހިދުމަތެއް ނޫން

1 އޮކްޓޯބަރު 2024 - 09:08 1

މީގެ 36 އަހަރު ކުރިން އެ ކުންފުނި އުފެދުނުއިރު ފޯނުގެ ހިދުމަތް ދެމުން އައީ ރާއްޖޭގެ އެންމެ ދެ ރަށުގަ އެވެ. އެކަމަކު މިއަދު ފެންނަ މަންޒަރު މުޅިން ތަފާތެވެ. މިއަދު ރާއްޖެ ފެންނަނީ ބައެއް ސަރަހައްދީ ގައުމުތަކަށް ވުރެ ވެސް ކުރީގަ އެވެ. އަދި އެ ކުންފުނީގެ އިސްނެގުމުގައި ރާއްޖޭގެ މުއާސަލާތީ ހިދުމަތަށް ބޮޑެތި ކުރިއެރުންތަކެއް ގެނެސްދީފައިވެ އެވެ. އެއީ ދިވެހިރާއްޖޭގެ ގުޅުން ޕްރައިވެޓް ލިމިޓެޑް (ދިރާގު) އެވެ.

ދިރާގަށް މިއަދު 36 އަހަރު ފުރިގެންދާއިރު އެ ކުންފުނިން ދަނީ ނެޓްވޯކާއި ހިދުމަތް ފުޅާ ކުރުމުގެ އިތުރުން މުޖުތަމައު ބިނާ ކުރުމަށް އެކި ގޮތް ގޮތުން އެހީތެރިކަން ފޯރުކޮށްދެމުންނެވެ. އެ ކުންފުނި ފާހަގަ ވަނީ އިޖުތިމާއީ ހަރަކާތްތަކާއި، ކުޅިވަރުގެ ހަރަކާތްތަކާއި، މުނިފޫހިފިލުވުމުގެ އިތުރުން ޒުވާނުންނާ ގުޅޭ އެކި ހަރަކާތްތަކަށް ވަރަށް ބޮޑަށް އެހީތެރިވާ ކުންފުންޏެއް ގޮތުގަ އެވެ.

މުއާސަލާތީ ގޮތުން ރާއްޖެ ގުޅާލުމަށް ދިރާގުން ކުރަމުންދާ މަސައްކަތުގެ ދަށުން އެ ކުންފުނިން އަންނަނީ ބޮޑެތި އިންވެސްޓްމަންޓުތަކެއް ކޮށްގެން މަސައްކަތްތަކެއް ކުރަމުންނެވެ. އޭގެ ތެރޭގައި އެންމެ ފަހުގެ ގްލޯބަލް ސުޕަ ހައިވޭ ކަމަށްވާ ބައިނަލްއަގުވާމި ސީމީވީ 6 ސަބްމެރިން ކޭބަލް ދިވެހިރާއްޖެއާ ގުޅާލުމުގެ މަސައްކަަތް ވެސް އަންނަނީ ކުރަމުންނެވެ.

އުފާވެރި މުޖުތަމައުއެއް ބިނާ ކުރުމަށް ދިރާގުން އެހީވުން

ރާއްޖޭގައި ގައުމީ ފެންވަރުގައި އަދި ބައިނަލްއަގުވާމީ ފެންވަރުގައި ބާއްވާ ގިނަ އިވެންޓުތަކާއި މުބާރާތްތަކުގައި ދިރާގުން އަންނަނީ އަބަދުވެސް އެހީތެރިވަމުންނެވެ. އެގޮތުން މުހިންމު އަދި ބޭނުންތެރި އިވެންޓުތަކާއި މުބާރާތްތަކުގެ ޑިޖިޓަލް ޕާޓްނަރުކަން ނެގުމުގެ އިތުރުން އެ ކުންފުނިން އަބަދުވެސް މުޖުތަމައު ބިނާކުރަން އެހީތެރިވެދެ އެވެ.

ރާއްޖޭގައި އެކި ޖަމިއްޔާތަކުން ކުރަމުންދާ މަސައްކަތްތަކަށް ހިތްވަރު ދިނުމުގެ ގޮތުން ދިރާގުން އަންނަނީ ކޮންމެ އަހަރަކު ވެސް އެހީތެރިކަން ފޯރުކޮށްދެމުންނެވެ. އެގޮތުން އެ ކުންފުނިން ބާއްވާ ދިރާގު ރޯޑް ރޭސްގައި ކޮންމެ އަހަރަކު ވެސް މުޖުތަމައުއަށް ފައިދާހުރި މަސައްކަތް ކުރާ އެތައް ޖަމިއްޔާއަކަށް މާލީ ގޮތުން އެހީތެރިކަން ފޯރުކޮށްދެ އެވެ.

މި އަހަރުގެ ދިރާގު ރޯޑް ރޭސް ދިރާގުން އޮކްޓޯބަރު 25، ގައި ބާއްވާއިރު އެ ކުންފުނިން 12 އެންޖީއޯއަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފަ އެވެ. އަދި އޭގެ ތެރެއިން އެންމެ ގިނަ ނޮމިނޭޝަން ލިބޭ ޖަމިއްޔާއަކަށް ދެ ލައްކަ ރުފިޔާ ދިނުމަށް ވެސް އެ ކުންފުނިން އޮތީ ނިންމާފަ އެވެ. އޭގެއިން ވެސް އެނގެނީ ދިރާގުން މުޖުތަމައު ބިނާ ކުރުމަށް އެހީތެރިކަން ފޯރުކޮށްދޭ މަސައްކަތެވެ.

ދިރާގުން އަންނަނީ އެކި ޖަމިއްޔާތަކާއި ކުންފުނިތަކާއި ގުޅިގެން ރާއްޖޭގައި ހުނަރުވެރި އަދި ހޭލުންތެރި މުޖުތަމައުއެއް ބިނާ ކުރުމަށް ވެސް އެކި ޕްރޮގްރާމްތައް ހިންގަމުންނެވެ. އޭގެ ތެރޭގައި ސްޕާކްހަބް ގުޅިގެން "ލީން ސްޓާޓްއަޕް" ޕްރޮގްރާމް ފާހަގަކޮށްލެވެ އެވެ. އެ ޕްރޮގްރާމުން ޒުވާނުންނަށް އެންޓްރިޕްރިނުއެރަލް ސްކިލްތައް ދަސްކޮށްދީ، އެކި ތަމްރީންތައް ދިނުމުގެ އިތުރުން ވިޔަފާރިތައް ފަށަން އެހީތެރިވެދެ އެވެ.

ދިރާގުން ވަނީ މަޝްހޫރު އަދި ކުރިއަރަމުން އަންނަ ގިނަ އެތުލީޓުންނާއި ފަންނާނުންނާއެކު ބްރޭންޑް އެމްސެޑާޝިޕް ޕްރޮގްރާމް ކުރިއަށްގެންދަމުންނެވެ. އޭގެ ތެރޭގައި ޓީޓީ ތަރި ފާތިމަތު ދީމާ އަލީ، އަލްމަރުހޫމް އަހުމަދު ނާޝިދު (ޒީރޯ ޑިގްރީ)، ރާޅާއެޅުންތެރިޔާ އިބްރާހިމް އަރީފް (ފުކޫ)، އަބްދުލް ގަފޫރު އަލީ (ގައްބެ)، ދުވުންތެރިޔާ ހަސަން ސާއިދު އަދި ޒޫނާ ނަސީމް (ޒޫންޓި) ހިމެނެ އެވެ.

ދިރާގުން ދަނީ ހިދުމަތް ފުޅާ ކުރަން ގިނަ މަސައްކަތަކެއް ކުރަމުން

މުޅި ރާއްޖެއަށް އެންމެ ފުރަތަމަ އިންޓަނެޓްގެ ހިދުމަތް ފޯރުކޮށްދިން ދިރާގުން ޓެކްނޮލޮޖީގެ ގޮތުން ރާއްޖެ ކުރިއެރުވުމަށް އަބަދުވެސް އެކި މަސައްކަތްތަކެއް ކުރަމުންދެ އެވެ. އެގޮތުން އެ ކުންފުނިން މި އަހަރު ފެށި ސީމީވީ-6 ސަބްމެރިން ކޭބަލްއަކީ ރާއްޖެއަށް ބޮޑެތި ކުރިއެރުންތަކެއް ގެނެސްދޭނެ އިންވެސްޓުމަންޓެކެވެ.

ދިރާގުން ބުނާ ގޮތުގައި މިއީ ރާއްޖޭގެ މުވާސަލާތީ ތާރީހުގައި ބައިނަލްއަގުވާމީ ސަބްމެރިން ކޭބަލް ސިސްޓަމް ކޮންސޯޓިއަމްގެ ފުރިހަމަ މެންބަރެއްގެ ގޮތުގައި ރާއްޖޭގެ ޑިޖިޓަލް ހިދުމަތް ދޭ ކުންފުންޏެއް ބައިވެރިވާ ފުރަތަމަ ފަހަރު ކަމަށްވާއިރު އެ މަސައްކަތް 2026 ގެ ކުރީކޮޅު ނިންމާލެވޭނެ ކަމަށް އަންދާޒާ ކުރެ އެވެ.

ސީމީވީ-6 ސަބްމެރިން ކޭބަލް ސިސްޓަމަކީ ދެކުނު އިރުމަތީ އޭޝިއާ، މެދުއިރުމަތި އަދި ހުޅަނގު ޔޫރަޕް ގުޅުވާލަދޭ ގްލޯބަލް ސުޕަހައިވޭއެކެވެ. އެންމެ ފަހުގެ ކަނޑުއަޑީގެ ކޭބަލް ޓެކްނޮލޮޖީން ފަރުމާކޮށްފައިވާ މި ސިސްޓަމް ސިންގަޕޫރުން ފެށިގެން ފަރަންސޭސިވިލާތާ ދެމެދު 11 ގައުމެއްގައި ޖައްސާނެ އެވެ.

އެ ބޮޑު އިންވެސްޓްމަންޓުގެ ސަބަބުން ދުނިޔޭގެ މުހިންމު އިންޓަނެޓް އެކްސްޗޭންޖް ޕޮއިންޓްތަކާއި ޑޭޓާ ސެންޓަރުތަކާއި ދިވެހިރާއްޖެ ސީދާ ގުޅުވާލެވި، ރާއްޖޭގެ ބައިނަލްއަގުވާމީ ކަނެކްޓިވިޓީ އިތުރަށް ހަރުދަނާވެގެންދާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

ދިރާގަކީ މުޅި ދެކުނު އޭޝިއާގައި އަދި ރާއްޖޭގައި ފުރަތަމަ ފަހަރަށް ކޮމާޝަލް 5ޖީ ހިދުމަތް ދޭން ފެށި ކުންފުންޏެވެ. އެ ކުންފުނިން ރާއްޖޭގެ އާބާދީގެ 60 ޕަސަންޓަށް 5ޖީ ހިދުމަތް އަންނަނީ ފޯރުކޮށްދެމުންނެވެ.

ދިރާގުގެ ފައިބާ ބްރޯޑްބޭންޑްގެ ހިދުމަތް ރާއްޖޭގެ އާބާދީގެ ގާތްގަނޑަކަށް 100 ޕަސަންޓަށް ފޯރުކޮށްދީ ގުޅާލާފައިވާއިރު ރާއްޖޭގެ 187 ރަށެއްގައި 100 ޕަސަންޓު މޮބައިލް 4ޖީ ކަވަރޭޖް އެ ކުންފުނިން ފޯރުކޮށްދެ އެވެ.

"އޫކްލާ" އިން ހޮވި ރާއްޖޭގެ އެންމެ ހަލުވި މޯބައިލް ނެޓްވޯކް އެވޯޑު ޖެހިޖެހިގެން ތިން ވަނަ ފަހަރަށް ދިރާގަށް ވަނީ މި އަހަރު ލިބިފަ އެވެ. މިދިޔަ އަހަރުގެ ތިންވަނަ ކުއާޓަރުން ފެށިގެން ހަތަރު ވަނަ ކުއާޓަރުގެ ޕަފޯމަންސަށް ބަލާ، އެ އެވޯޑަކީ ލިބުނު ބޮޑު ޝަރަފެއް ގޮތުގައި ދިރާގުން ދެކެ އެވެ.

އޭގެ އިތުރުން މި އަހަރުގެ އޭޝިއަން ޓެލެކޮމް އެވޯޑްސްގައި ރާއްޖޭގެ ބްރޯޑްބޭންޑް ޓެލެކޮމް ކުންފުނީގެ އެވޯޑު ވެސް ދިރާގުން ވަނީ ހޯދާފަ އެވެ. އެ އެވޯޑަކީ މި ސަރަހައްދުގެ މުވާސަލާތީ ސިނާއަތުގެ ކާބިޔާބީތައް ފާހަގަކޮށް، ޒަމާނީ ޑިޖިޓަލް މާހައުލެއް ބިނާކުރުމަށް ކުންފުނިތަކުން ހޯދާފައިވާ ކުރިއެރުންތައް ފާހަގަކޮށް ދޭ އެވޯޑެކެވެ.

ދިރާގުން ކަސްޓަމަރުންނަށް ހުޅުވާލަނީ އަގުހުރި އެތައް ފުރުސަތެއް

ދިރާގުން ކަސްޓަމަރުންނާ އޮންނަ ގުޅުމަށް އަބަދުވެސް ބޮޑު އަހަމިއްޔަތު ކަމެއް ދެއެވެ. އެގޮތުން ކަސްޓަމަރުންނަށް އަމާޒުކޮށް ތަފާތު އެކި ޕްރޮމޯޝަންތައް ކުރިއަށް ގެންގޮސް، އަގުހުރި އެތައް އިނާމެއް ވަނީ ކަސްޓަމަރުންނަށް ދީފަ އެވެ.

ދިރާގުން ކަސްޓަމަރުން ޝައުގުވެރި ކުރުވުމަށް ކޮންމެ މަހަކު ވެސް ތަފާތު އެކި އޮފާތައް އިއުލާން ކުރާއިރު އެ އޮފާތަކަކީ ކަސްޓަމަރުން ހިތްހަމަ ޖެހޭ ފަދަ އޮފާތަކެއްކަން ކަށަވަރު ކުރުމަށް އެ ކުންފުނިން ހިޔާލުތައް ވެސް ހޯދަ އެވެ.

ދިރާގުން މިދިޔަ އަހަރު ހުޅުވާލި "ވިން އަ ޓެސްލާ" ޕްރޮމޯޝަންގެ ދަށުން ޓެސްލާ ކާރު މި އަހަރު ހަވާލުކޮށްފައިވާއިރު އެއީ ރާއްޖޭގައި މިހާތަނަށް ޕްރޮމޯޝަނެއްގައި ދިން އެންމެ އަގުބޮޑު އިނާމެވެ.

ދިރާގުން މި އަހަރު ވެސް ކަސްޓަމަރުންނަށް ތަފާތު އެކި އޮފާތަކާއެކު ޕްރޮމޯޝަންތައް ދަނީ ކުރިއަށް ގެންދަމުންނެވެ. އެގޮތުން އަހަރީ ދުވަހާ ދިމާކޮށް 1.6 މިލިއަން ރުފިޔާގެ އަގުހުރި "މެޖެލަން 32" ސްޕީޑް ބޯޓެއް ލިބޭ ޕްރޮމޯޝަނެއް ވަނީ ފަށާފަ އެވެ.

އަލްޝާލީ މެރިން މޯލްޑިވްސްގެ އެ އުފެއްދުން ނަސީބުވެރި ފަރާތަަށް ދިނުމަށް ހަމަޖެހިފައި ވަނީ ޔަމަހާގެ އޮތޮރައިޒްޑް ޑިސްޓްރިބިއުޓާ އެލިއާއިން ފޯރުކޮށްދޭ 175 ހޯސްޕަވާގެ ދެ އިންޖީނާއެކުގަ އެވެ. އެ ޕްރޮމޯޝަންގައި އެހެން ނެޓްވޯކްތަކުގެ ކަސްޓަމަރުންނަށް ދިރާގަށް ބަދަލުކޮށްގެން ބައިވެރިވުމުގެ ފުރުސަތު ވެސް އޮތީ ހުޅުވާލާފަ އެވެ.

ދިރާގަށް 36 އަހަރު ފުރިގެންދާއިރު އެ ކުންފުނީގެ ހޯދި ކާމިޔާބީތަކާއެކު އަމާޒު ހުރީ ރާއްޖޭގައި މިހާރަށްވުރެ ވެސް ފުޅާކޮށް ހިދުމަތްދީ، މުއާސަލާތީ ގޮތުން ރާއްޖެއަކީ މުޅި މި ސަރަހައްދުގައި ވެސް އެންމެ ކުރިއަރާފައިވާ ގައުމަށް ހެދުމަށެވެ.