Advertisement

ޕީސީބީގެ އެންގުމާ ހިލާފަށް އެމްއޭސީއެލްއިން މި މަހުވެސް ޑޮލަރުން މުސާރަ ދީފި

އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފު މުހައްމަދު: އެ ކުންފުނިން ވަނީ ޕީސީބީގެ އެންގުމާ ހިލާފުވެފަ --- ފޮޓޯ: އަދަދު


ޕީސީބީގެ އެންގުމާ ހިލާފަށް އެމްއޭސީއެލްއިން މި މަހުވެސް ޑޮލަރުން މުސާރަ ދީފި

ސަރުކާރުގެ ކުންފުނިތަކުން މުވައްޒަފުންނަށް ޑޮލަރުން މުސާރަ ދިނުން ހުއްޓާލަން ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން އަންގާފައިވަނިކޮށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން މި މަހުވެސް ޑޮލަރުން މުސާރަ ދީފި އެވެ.

ސަރުކާރުގެ ކުންފުނިތަކާއި އެ ކުންފުނިތަކުގެ ސަބްސިޑަރީ ކުންފުނިތަކުގެ ހަރަދު ކުޑަކުރުމަށް އަންގާ ޕީސީބީން ސާކިއުލާއެއް ނެރުނީ މި މަހު ތިނެއްގަ އެވެ.

އެގޮތުން ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުންގެ ހަރަދު ކުޑަކުރުމަށް އަޅަން އެންގި ފިޔަވަޅުތަކުގެ ތެރެއިން ހަތަރުވަނައަށް ޕީސީބީން އަންގާފައިވަނީ ޑޮލަރުން ޑޮލަރުން އާމްދަނީ ލިބޭ ސަރުކާރުގެ ކުންފުނިތަކުން މުވައްޒަފުންނަށް ޑޮލަރުން މުސާރަ ދިނުން ހުއްޓާލުމަށެވެ. ސަރުކާރު ކުންފުނިތަކުގެ ތެރެއިން ޑޮލަރުން މުސާރަ ދެނީ އެމްއޭސީއެލް އިން އެކަންޏެވެ.

ނަމަވެސް، އޭގެ ފަހުން އެމްއޭސީއެލްގެ މުވައްޒަފުންނަށް މަހު މުސާރަ ދިނީ އިއްޔެ އެވެ. މި ނޫހާ ވާހަކަ ދެއްކި އެ ކުންފުނީގެ އެތައް މުވައްޒަފުންނެއް ބުނީ އެހެން މަސްތަކެކޭވެސް އެއްގޮތަށް މި މަހުވެސް މުސާރައިގެ ދެބައިކުޅަ އެއްބައި ދިނީ ޑޮލަރުން ކަމަށެވެ. އެ ފައިސާ އިއްޔެ ވަނީ ޖަމާވެފަ އެވެ.

ޕީސީބީގެ އެންމެ ފަހުގެ ތަފާސްހިސާބުތައް ދައްކާގޮތުން އެމްއޭސީއެލްގައި ޖުމްލަ 4،264 މުވައްޒަފުން އެބަ ތިއްބެވެ.

ހަރަދު ކުޑަކުރުމަށް އަންގާފައިވަނިކޮށް އެމްއޭސީއެލް އިން އެ އެންގުމާ ހިލާފުވި ސަބަބެއް އެ ކުންފުނިން ހާމަކޮށްފައި ނުވެ އެވެ.

މި މަހުގެ ކުރީކޮޅު ޕީސީބީން މިފަދަ ނިންމުމެއް ނިންމީ ރާއްޖެއަށް ދިމާވެފައިވާ ޑޮލަރުގެ މައްސަލަ ވަރަށް ބޮޑުވެފައިވާ ދުވަސްވަރެއްގަ އެވެ. އެގޮތުން މި ފަހުން ސަރުކާރުގެ މައި ހިއްސާ އޮންނަ ބޭންކު، ބީއެމްއެލް އަށް ޑޮލަރު ލިބުން ދަތިވެ ރުފިޔާ އެކައުންޓުތަކަށް ދެމުންދިޔަ ޑޮލަރު ސަޕޯޓު ކަނޑާލަންވެސް އެ ބޭންކުން ނިންމި އެވެ.

ނަމަވެސް ސަރުކާރާއި އެމްއެމްއޭ އާއެކު މަޝްވަރާ ކުރުމަށްފަހު އެ ނިންމުން ފަހުން ވަނީ އުވާލާފަ އެވެ. މިވަގުތު އެމްއެމްއޭގައި ހުންނަ ބޭނުންކުރެވޭ ޑޮލަރުގެ ރިޒާވްވެސް ހުރީ ރެކޯޑު އަދަދަކަށް ދަށަށް ގޮސްފަ އެވެ.