Advertisement

ކްލަބް މޯލްޑިވްސް ކަޕް: އެމްޕީއެލް ގަދަ 16 އަށް، ވެމްކޯ އާއި މޯލްޑިވިއަން އަށް ފުރަތަމަ މޮޅު

30 ސެޕްޓެންބަރު 2024 - 04:35 0

ވެމްކޯ ޓީމުގެ އަލީ ރެޒާ ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.---- ފޮޓޯ: އިމޭޖަސް،އެމްވީ


ކްލަބް މޯލްޑިވްސް ކަޕް: އެމްޕީއެލް ގަދަ 16 އަށް، ވެމްކޯ އާއި މޯލްޑިވިއަން އަށް ފުރަތަމަ މޮޅު

30 ސެޕްޓެންބަރު 2024 - 04:35 0

ކްލަބް މޯލްޑިވްސް ކަޕްގައި ރޭ ކުޅުނު މެޗުތަކަށް ބަލާއިރު، ކުޅުނު ދެ ވަނަ މެޗުން ވެސް މޮޅުވެ، މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ގަދަ 16 ބުރުގެ ޖާގައެއް ޔަގީންކުރިއިރު، އެންމެ ފަހުގެ ޗެމްޕިއަން، ކްލަބް ވެމްކޯ އާއި މުބާރާތަށް ރަނގަޅަށް ތައްޔާރުވި މޯލްޑިވިއަން އިން ފުރަތަމަ މޮޅު ހޯދައިފި އެވެ.

ގްރޫޕް ޖީގައި، އެމްޕީއެލް އިން ރޭގެ މެޗުގައި، މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) ބަލިކުރީ 10-1 އިންނެވެ. އެ ގްރޫޕްގައި ފުރަތަމަ މެޗުން އެމްޕީއެލް އަތުން ބަލިވި ވެމްކޯ ރޭ ކުޅުނު މެޗުން ވަނީ ކްލަބް އާރްއޯއެލް އަތުން 10-0 އިން މޮޅުވެފަ އެވެ.

ގްރޫޕް އީގައި އޭޑީކޭ އަތުން ދިވެހި ސިފައިންގެ ކްލަބް މޮޅުވީ 7-0 އިންނެވެ. އަދި ގްރޫޕް އެފްގައި، މޯލްޑިވިއަނުން ވަނީ ފަހި ރެކްރިއޭޝަން ކްލަބް އަތުން 4-2 އިން މޮޅުވެފަ އެވެ.

ރޭގެ މެޗުގައި އެމްޕީއެލްގެ އަހުމަދު އަޔާޒް (އަޔާ)، މުހައްމަދު ސާދު ނިޒާރު، މުހައްމަދު ދާނިޝް އިބްރާހިމް އަދި އަހުމަދު ބައްސާމް، ކޮންމެ ކުޅުންތެރިއަކު ދެ ގޯލު ޖެހި އެވެ. ދެން ލަނޑުތައް ޖެހީ، އަލީ ފާސިރު (ސެންޓޭ) އަދި މުހައްމަދު ސަހާއު (ބޭލް) އެވެ. އެމްއައިބީގެ ލަނޑު ޖެހީ، ޝިނާން ޝަރީފް އެވެ.

އެމްޕީއެލް ޓީމުގެ އަޔާ (ކ) ބޯޅަ ހިފައިގެންދަނީ.---- ފޮޓޯ: އިމޭޖަސް،އެމްވީ


ވެމްކޯ އަށް ރޭގެ މެޗުގައި ލަނޑުތައް ޖަހައިދިނީ، އިރާންގެ ކުޅުންތެރިޔާ، އަލީރެޒާ ޝެއިކްލާރު ހެޓްރިކަކާއި، މުހައްމަދު އައްޒާމް ދެ ގޯލާއި އިސްމާއިލް ވަޖީހު (ވައްޖެ) ދެ ގޯލާއި އަލީ އަލްސަން ދެ ގޯލުގެ އިތުރުން އަލީ ޝިޔާހު (ޝިޔަޅޭ) ގޯލެކެވެ.

މި ގްރޫޕުން އެމްޕީއެލް ދެ މެޗުން ހަ ޕޮއިންޓް ހޯދިއިރު، ދެ ވަނައިގައި އޮތް ވެމްކޯ އާއި ތިން ވަނައިގައި އޮތް އާރްއޯއެލަށް ވަނީ ތިން ޕޮއިންޓް ލިބިފަ އެެވެ. އެމްއައިބީ އަށް ދެ މެޗުން ޕޮއިންޓެއް ނުލިބެ އެވެ.

މޯލްޑިވިއަން އިން ރޭ ކުޅުނު މެޗުގައި ލަނޑުތައް ޖެހީ، ހުސެއިން އަފްޒަލް ހެޓްރިކެއްގެ އިތުރުން އަހުމަދު އަފްލާޒް އެވެ. ފަހި ޓީމުގެ ދެ ލަނޑު ވެސް ޖެހީ މުހައްމަދު ސަމީހު އެވެ. ފުރަތަމަ މެޗުން މޮޅުވި އޭޑީކޭ އަތުން ސިފައިން މޮޅުވިއިރު، ލަނޑުތައް ޖެހީ، ފަހުމާން އަބްދުލް ހަމީދު ދެ ގޯލާއި މުހައްމަދު މުއާދު، މުހައްމަދު މަފާޒް، އަހުމަދު ހާމީ ނަޖާހު، އަހުމަދު މަަޖީދު އެވެ.