29 ސެޕްޓެންބަރު 2024 - 04:50 0
ސެލެކްޓް ކޮމިޓީ އޮން ސީސީޕީގެ ސީނިއާ އެޑްވައިޒަރު ވިކް އަދި ޑެޕިއުޓީ މިނިސްޓަރ މިޒްނާ: މަޝްވަރާ ކުރީ ރާއްޖޭގެ ޑިޕްލޮމެޓިކް ޕާޓްނަރުންގެ އިގްތިސާދީ، އިޖްތިމާއީ އަދި ސެކިއުރިޓީ މަސްލަހަތުތަކާ ގުޅޭ ގޮތުން -- ފޮޓޯ: ޑިފެންސް މިނިސްޓްރީ
29 ސެޕްޓެންބަރު 2024 - 04:50 0
ޗައިނީސް ކޮމިއުނިސްޓް ޕާޓީގެ "ނުރައްކާތައް" ބަލަން އެމެރިކާގެ ރައްޔިތުންގެ މަޖިލީހުގެ ތިރި ގެއިން އުފައްދާފައިވާ ކޮމިޓީގެ ސީނިއާ އެޑްވައިޒަރު ކެރޮލީން ވިކް ވެރި ރަށް މާލެއަށް ވަޑައިގެން، ރާއްޖޭގެ ޑިޕްލޮމެޓިކް ޕާޓްނަރުންގެ ސެކިއުރިޓީ މަސްލަހަތުތައް އޮޅުންފިލުވައިފި އެވެ.
ވިކް ވަނީ މިނިސްޓްރީ އޮފް ޑިފެންސްގެ ޑެޕިއުޓީ މިނިސްޓަރު މިޒްނާ އަލީއާ އެކު ސެޕްޓެމްބަރު 1، ގައި ސިފައިންގޭގައި ބައްދަލު ކުރައްވައިފަ އެވެ. އޭނާއާ އެކު ތިން މީހުންގެ ޓީމެއް އަދި އެމެރިކާއިން ރާއްޖެއަށް ކަނޑައަޅާފައިވާ އެމްބެސެޑަރު ހޫގޯ ޔޮން ބައިވެރިވެވަޑައިގެންނެވި އެވެ.
މިނިސްޓްރީ އޮފް ޑިފެންސް އިން ސޯޝަލް މީޑިއާ ޕްލެޓްފޯމް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ބުނީ، އެ ބައްދަލުވުމުގައި ރާއްޖޭގެ ޑިޕްލޮމެޓިކް ޕާޓްނަރުންގެ އިގްތިސާދީ، އިޖްތިމާއީ އަދި ސެކިއުރިޓީ އިންޓްރެސްޓްްސް ނުވަތަ މަސްލަހަތުތަކާ ގުޅޭ ގޮތުން މަޝްވަރާ ކުރި ކަމަށެވެ.
ސެލެކްޓް ކޮމިޓީ އޮން ސީސީޕީގެ ވެބްސައިޓުގައި ބުނެފައި ވަނީ އެ ކޮމިޓީއަކީ ޗައިނީސް ކޮމިއުނިސްޓް ޕާޓީ ނުވަތަ ސީސީޕީގެ ނުރައްކާތަކާ ދެކޮޅަށް މަސައްކަތްކޮށް، އެމެރިކާ އާއި އެ ގައުމުގެ ރައްޔިތުން ދިފާއު ކުރުމަށް، ހުރިހާ ޕާޓީތަކާ ގުޅިގެން މަސައްކަތް ކުރަން ހަދާފައިވާ ކޮމިޓީއެއް ކަމަށެވެ.
ރާއްޖޭގެ އެންމެ މުހިންމު ޑިޕްލޮމެޓިކް ޕާޓްނަރުންގެ ގޮތުގައި ބަލަނީ އިންޑިއާގެ އިތުރުން ޗައިނާ އެވެ. ޒަމާނުއްސުރެ ރާއްޖެއިން އެންމެ ބޮޑަށް ގުޅުން ބަދަހި ކުރަމުން އައީ އިންޑިއާއާއެކު އެވެ. ނަމަވެސް ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގެން ފަހުން ޗައިނާއާއެކު އޮތް ގުޅުން ވަނީ ވަރުގަދަވެފަ އެވެ.
ނޮވެމްބަރު، 2023، ގައި ވެރިކަމާ ހަވާލުވެވަޑައިގެން ރައީސް މުއިއްޒުގެ އެންމެ ފުރަތަމަ ފުރަމާނަ ދަތުރު ކުރެއްވީ ވެސް ޗައިނާއަށެވެ. އެ ދަތުރު ނިންމާލެއްވުމަށްފަހު ޖެނުއަރީ، 2024، ގައި މާލެ ވަޑައިގެން އިންޑިއާގެ ސަފީރު މުނޫ މަހާވަރުގެ ހާޒިރުގައި ރައީސް މުއިއްޒު ވަނީ އިންޑިއާއަށް ވަރަށް ވަރުގަދަ ބަހުގެ ހަމަލާތަކެއް ދީފަ އެވެ.
އޭގެ ފަހުން، އެމެރިކާއިން ވެސް އަންނަނީ ރާއްޖެއާ ވަރަށް ބޮޑަށް ގުޅުން ބަދަހި ކުރަމުންނެވެ. އެގޮތުން، އެކި ދާއިރާތަކަށް ނިސްބަތްވާ އެމެރިކާ ސަރުކާރުގެ ވަރަށް ސީނިއާ އޮފިޝަލުން ވަނީ ރާއްޖެ ވަޑައިގެންފަ އެވެ. ރާއްޖެއަށް ދޭ އެހީތައް ވެސް އެމެރިކާއިން ވަނީ ގިނަކޮށްފަ އެވެ. ދެ ފަހަރެއްގެ މަތިން އަށް މިލިއަން ޑޮލަރަކާއި ހަތަރު މިލިއަން ޑޮލަރު ދިނުމަށް އެ ގައުމުން ވަނީ އެއްބަސްވެފަ އެވެ.
އޭގެ އިތުރުން، ކަނޑު ޕެޓްރޯލް ކުރާ ހަތަރު އުޅަނދަކާއި އަސްކަރީ މަތިންދާބޯޓެއް ރާއްޖެއަށް ހަދިޔާ ކުރަން ވެސް އެމެރިކާއިން ވަނީ ނިންމައިފަ އެވެ.
0.00%
0.00%
0.00%
0.00%
މި ލިޔުން ކިޔާލުމުން
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment