Advertisement

ސަރުކާރުގެ ހަމައެކަނި ޒިންމާއަކީ މުސާރަ ދިނުމެއް ނޫން، މަސްވެރިން ބިކަވެއްޖެ: ޝަމްހީދު

ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު ޑރ. އަހުމަދު ޝަމްހީދު: އޭނާ ވިދާޅުވީ ސަރުކާރުން ފައިސާ ނުދީ މަސްވެރިން ބިކަ ކޮށްލާފަ ވާ ކަމަށް --- ފޮޓޯ: މަޖިލިސް އިދާރާ


ސަރުކާރުގެ ހަމައެކަނި ޒިންމާއަކީ މުސާރަ ދިނުމެއް ނޫން، މަސްވެރިން ބިކަވެއްޖެ: ޝަމްހީދު

މަސްވެރިންނަށް ދޭންޖެހޭ ފައިސާ ސަރުކާރުން ނުދިނުމުގެ ސަބަބުން އެ މަސްވެރިންގެ އާއިލާތައް ބިކަވެފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު ޑރ. އަހުމަދު ޝަމްހީދު މިއަދު ވިދާޅުވެއްޖެ އެވެ.

މަޖިލީހުގައި މިހާރު އޮތް އިދިކޮޅު އެމްޑީޕީގެ 12 މެންބަރުންގެ ޕީޖީ ގްރޫޕުގައި ހިމެނޭ ޝަމްހީދު މިހެން ވިދާޅުވެ އެކްސްގައި ޕޯސްޓުކުރައްވާފައިވަނީ، މިއަދު މެންދުރު ގއ. ދެއްވަދޫއަށް ދިޔަ ފިޝަރީޒް މިނިސްޓްރީގެ ޓީމެއް އެ ރަށުން ބޭރުކޮށްލި ހަބަރު ހިއްސާކުރައްވަމުންނެވެ. އެ ޓީމު ރަށުން ބޭރުކޮށްލީ ދެއްވަދޫ މަސްވެރިންނެވެ.

ސަރުކާރެއްގެ ހަމައެކަނި ޒިންމާއަކީ ދައުލަތުގެ ވަޒީފާތަކުގައި ތިބި މީހުންނަށް މުސާރަ ދިނުން އެކަނި ކަމުގައި ދެކިގެންނުވާނެ ކަމަށް ވެސް ޝަމްހީދު ވިދާޅުވި އެވެ.

"މަސްވެރިނާއި އަދި އެހެނިހެން އިންޑަސްޓްރީތަކުގައި މަސައްކަތް ކުރާ އާއިލާތަކަށް ދޭންޖެހޭ ފައިސާ ނުލިބުމުގެ ސަބަބުން އެ އާއިލާތަށް ވަނީ ބިކަވެފަ. ކެތްތެރިކަން ކޮޅުން ލާންފެށީމަ ފެންނާނެ މަންޒަރުތަކުގެ ކުޑަމިންވަރެއް މިއީ،" އޭނާގެ ޕޯސްޓުގައި އިތުރަށް ލިޔުއްވާފައިވެ އެވެ.

ދެއްވަދޫ އަކީ މި ދެ ހަފުތާގެ ތެރޭ މަސްވެރިކަމާ ބެހޭ ވުޒާރާގެ ޓީމު ބޭރުކޮށްލި ދެވަނަ ރަށެވެ. މިއީ މި އަހަރު ކުރީކޮޅު މަސްވެރިންނަށް ފައިސާ ނުލިބިގެން ސިލްސިލާކޮށް ކުރި މުޒާހަރާތައް މަޑުޖެހުމަށްފަހު އެ ހުޅުގަނޑު އަނެއްކާ ވެސް ފަޅައިގެން ގޮސްދާނެ ކަމުގެ އިޝާރާތެކެވެ.

ފިޝަރީޒްގެ ޓީމުން ގއ. ދާންދޫއަށް ވެސް އަރަން ބުރާސްފަތި ދުވަހު މަސައްކަތް ކުރި ނަމަވެސް އެ ރަށުގެ މަސްވެރިން ވެސް ވަނީ އެ ޓީމު ރަށުން ބޭރުކޮށްލައިފަ އެވެ. އޭގެ އިތުރުން، ސަރުކާރުގެ ޓީމުތައް އެ ރަށަށް ނާރުވާނެ ކަމަށް ރ. ދުވާފަރުގެ މަސްވެރިން ވެސް ވަނީ ބުނެފަ އެވެ.

މަސްވެރިންނަށް ފައިސާ ނުދެވުމާއި ވައުދު ނުފުއްދުމާ ގުޅުވައި ދުވާފަރު މަސްވެރިން ވަނީ ސަރުކާރާ ދެކޮޅު ހިޔާލުތައް ލިޔެ އެ ރަށު ބަނދަރުގައި ގިނަ ބެނާތަކެއް ވެސް ދަމާފަ އެވެ.