Advertisement

ސަރުކާރު މުވައްޒަފުންނަށް މުސާރަ ދޭން 800 މިލިއަން ރުފިޔާގެ ލޯނެއް ނަގައިފި

26 ސެޕްޓެންބަރު 2024 - 15:45 2

ފައިނޭންސް މިނިސްޓަރު ޑރ. މުހައްމަދު ޝަފީގު އަދި ރައީސް މުއިއްޒު: ސަރުކާރުގެ ހަރަދުތައް ކުޑަ ކުރަން ރައީސް މުއިއްޒު ވަނީ ޖޫން 27، ގައި ނިންމަވާފައި -- ފޮޓޯ: ރައީސް އޮފީސް


ސަރުކާރު މުވައްޒަފުންނަށް މުސާރަ ދޭން 800 މިލިއަން ރުފިޔާގެ ލޯނެއް ނަގައިފި

26 ސެޕްޓެންބަރު 2024 - 15:45 2

ސަރުކާރު މުވައްޒަފުންނަށް މި މަހުގެ މުސާރަ ދިނުމަށް ބޭންކް އޮފް މޯލްޑިވްސް އިން 800 މިލިއަން ރުފިޔާގެ ލޯނެއް ނަގައިފި އެވެ.

ފިނޭންސް މިނިސްޓްރީއަށް ބީއެމްއެލް އިން 800 މިލިއަން ރުފިޔާގެ ލޯނެއް ދޫކުރިކަން "އަދަދު" އަށް ވަނީ އިތުބާރު ހިފޭ މަސްދަރަކުން ކަށަވަރުވެފަ އެވެ. އަދި ޓީ-ބިލްގެ ގޮތުގައި އެ ލޯނު ނެގީ ސަރުކާރު މުވައްޒަފުންނަށް މުސާރަ ދިނުމަށް ކަން ވެސް މި ނޫހަށް ވަނީ ކަށަވަރުވެފަ އެވެ.

ސަރުކާރުން 800 މިލިއަން ރުފިޔާގެ ލޯނެއް ނެގިއިރު، މިދިޔަ މަހު އިންޑިއާއަށް ދައްކަން ޑިއުވި 50 މިލިއަން ޑޮލަރުގެ ލޯނެއް އެ ގައުމުގެ ސަރުކާރުގައި އެދިގެން އެއް އަހަރު ދުވަހުގެ މުއްދަތައް ވަނީ ރޯލްއޯވާކޮށްފަ އެވެ.

ރާއްޖޭގެ އިގްތިސާދީ ހާލަތު ރަނގަޅު ނަމަވެސް މާލީ ހާލަތު ދަށް ކަމަށް ތަޖުރިބާކާރުން ބުނެ އެވެ. މާލީ ހާލަތު ގޯސްވެގެން، ހަރަދުތައް ކުޑަ ކުރަން ނިންމާފައިވާ ކަމަށް ޖޫން 27، ގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވި އެވެ.

"ދައުލަތުގެ ހަރަދުތައް ކުޑަކުރުމަށްޓަކައި ގިނަ ފިޔަވަޅުތަކެއް އެޅުމަށް ވަނީ ނިންމާފައި. އެގޮތުން، ސަރުކާރުގެ ރިކަރަންޓް ހަރަދު ކުޑަކުރުމަށް އެކި ފިޔަވަޅުތައް އެޅުން ހިމެނޭ. މީގެ ތެރޭގައި، ސިޔާސީ މަގާމުތަކުގެ އަދަދު މަދުކުރުމާއި، އެކި މުނާސަބަތުތަކުގައި ބާއްވާ ހަފުލާތަކަށް ކުރާ ހަރަދުތައް ކުޑަކުރުން ނުވަތަ ނުބޭއްވުން ހިމެނޭ،" ރައީސް ވިދާޅުވެފައިވެ އެވެ.

ސަރުކާރުގެ މާލީ ހާލަތު ގޯސްވުމުގެ މައިގަނޑު އެއް ސަބަބަކީ ސަރުކާރުގެ ހަރަދުތައް އިތުރުވުން ކަމަށް ތަޖުރިބާކާރުން ބުނެ އެވެ. އޭގެ ތެރޭގައި 37 މިލިއަން ޑޮލަރަށް ޑްރޯން ގަތުމާއި ދެއްކުމުގެ އޮބްލިގޭޝަނެއް ނެތް 50 މިލިއަން ޑޮލަރުގެ ލޯނެއް އިންޓްރެސްޓާއެކު އިންޑިއާއަށް މި އަހަރު ކުރީކޮޅު ދެއްކުން ހިމެނެ އެވެ.