މިހާރު އެމެރިކާގެ ނިއުޔޯކުގައި ކުރިއަށްދާ އދ. ގެ 79 ވަނަ އާންމު މަޖިލީހުގެ ޖަލްސާގެ ބަހުސްގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ތަގުރީރުކުރެއްވީ ރާއްޖެ ގަޑިން ރޭގެ ވަގުތެއްގަ އެވެ.
މިއީ އެމަނިކުފާނު އދ. ގެ އާންމު މަޖިލީހުގައި ބައިވެރިވެވަޑައިގެންނެވި ފުރަތަމަ ފަހަރެވެ. އެމަނިކުފާނު 18 މިނެޓުގެ ވިދާޅުވި ވާހަކަތަކަށް ބައެއް މީހުންގެ ތައުރީފު ވެސް ލިބިވަޑައިގަތެވެ. އެ ތަގުރީރުގައި އެމަނިކުފާނު ފާހަގަކުރެއްވި އެއްބައި ނުކުތާތަކަށް ބައެއް މީހުންގެ ފާޑުކިޔުން ވެސް އަމާޒުވި އެވެ. އޭގެ ތެރޭގައި ސިޔާސީންނާއި އާންމުން ވެސް ހިމެނެ އެވެ.
އިނގިރޭސި ބަހުން ރައީސް ދެއްވި ތަގުރީރު މިހާރު ވަނީ ރައީސް އޮފީހުގެ ވެބްސައިޓުގައި ޝާއިއުކޮށްފަ އެވެ. އެ ތަގުރީރަށް ފުންކޮށް ފީނާލާއިރު ފެނުނު ހަގީގަތާ ހިލާފު ހަތަރު ވާހަކައެއް މި ލިޔުމުގައި ހިމަނާލާނަމެވެ.
ހަގީގަތާ ހިލާފު ހަތަރު ވާހަކައެއް
- ސިއްހީ ހިދުމަތް ދިނުމަށާއި ތައުލީމު ފޯރުކޮށްދިނުމާއި އިޖުތިމާއީ ކަންކަމުގައި އާޓިފިޝަލް އިންޓެލިޖެންސް ބޭނުންކުރުން - ރައީސް މިހެން ވިދާޅުވި ނަމަވެސް މި ދާއިރާތަކުގެ ކަންކަން ދުވަހުން ދުވަހަށް ބައްޓަން ކުރުމުގައި އޭއައި ބޭނުން ނުކުރާ ކަމަށް ކަމާ ބެހޭ ވުޒާރާތަކުގައި މަސައްކަތް ކުރާ އޮފިޝަލުން މައުލޫމާތު ދީފައިވެ އެވެ.
- ޑްރޯން ބޭނުންކޮށްގެން ބޭސް ޑެލިވާ ކުރުން - ރައީސް މިހެން ވިދާޅުވި ނަމަވެސް ޑްރޯން ބޭނުންކޮށްގެން ބޭސް ފޯރުކޮށްދިނުމަށް މިދިޔަ ސަރުކާރުން "މޯލްޑިވްސް ހެލްތު ލައިން" އިފްތިތާހު ކުރި ނަމަވެސް މިއަދާ ހަމައަށްވެސް އެ ހިދުމަތް ފަށާފައި ނުވެ އެވެ. މި ސަރުކާރުން އެންމެ ފަހުން މި އަހަރު ފެބްރުއަރީ މަހު ބުނީ ހަ މަސް ދުވަހުގެ ތެރޭ އެ ހިދުމަތް ފަށާނެ ކަމަށެވެ. އެ މުއްދަތުވެސް މިހާރު ވަނީ ހަމަވެފަ އެވެ.
- ސްމާޓް ރޯޑު ސިސްޓަމް އިމްޕްލިމެންޓު ކުރުން - ރައީސް މިހެން ވިދާޅުވި ނަމަވެސް ރާއްޖޭގައި މިހާތަނަށް މިފަދަ ސްމާޓް ރޯޑު ސިސްޓަމެއް ގާއިމުކޮށްފައި ނުވެ އެވެ.
- ޑިވެލޮޕްމަންޓު ބޭންކު ސެޓް އަޕް ކުރުން - ރާއްޖޭގައި ފުރަތަމަ ފަހަރަށް ޑިވެލޮޕްމަންޓު ބޭންކެއް މި ވެރިކަމުގައި އުފެއްދި ނަމަވެސް އެ ބޭންކު އެކުލަވާލުމުގެ މަސައްކަތެއް ނުނިމެ އެވެ. އެ ބޭންކުން ހިދުމަތް ދޭން މި އަހަރުގެ ޖުލައި މަހު ފަށާނެ ކަމަށް ބުނި ނަމަވެސް އަދިވެސް އެކަން ކުރެވިފައެއް ނުވެ އެވެ.
Comment