Advertisement

ރިސޯޓުތަކަށް ލިބުނު 4.5 ބިލިއަން ޑޮލަރުގެ ތެރެއިން ބޭންކުތަކުން މާރުކުރީ އެންމެ 68 މިލިއަން ޑޮލަރު: އެމްއެމްއޭ

24 ސެޕްޓެންބަރު 2024 - 19:40 0

އަމަން ހަލީމް

އަމަން ހަލީމް

ރާއްޖޭގައި ހިންގާ ރިސޯޓެއް: ރިސޯޓުތަކަށް ލިބޭ އާމްދަނީގެ ބޮޑު ބަޔެއް ދިވެހި ބޭންކުތަކަށް ނުވަދޭ -- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު


ރިސޯޓުތަކަށް ލިބުނު 4.5 ބިލިއަން ޑޮލަރުގެ ތެރެއިން ބޭންކުތަކުން މާރުކުރީ އެންމެ 68 މިލިއަން ޑޮލަރު: އެމްއެމްއޭ

24 ސެޕްޓެންބަރު 2024 - 19:40 0

ރިސޯޓުތަކުން މިދިޔަ އަހަރު ރާއްޖޭގެ ބޭންކުތަކަށް ޖަމާކުރި ފައިސާގެ ތެރެއިން މާރުކުރީ އެންމެ 68 މިލިއަން ޑޮލަރު ކަމަށް މަރުކަޒީ ބޭންކު، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން މިއަދު ހާމަކޮށްފި އެވެ.

އެމްއެމްއޭއިން ހިއްސާކުރި މައުލޫމާތުން ދައްކާ ގޮތުގައި މިދިޔަ އަހަރު ރިސޯޓުތަކަށް 4.5 ބިލިއަން ޑޮލަރު އާމްދަނީގެ ގޮތުގައި ލިބުނެވެ. އޭގެ ތެރެއިން ރާއްޖޭގައި ހިންގާ ބޭންކުތަކަށް ޖަމާކުރީ 2.3 ބިލިއަން ޑޮލަރު ނުވަތަ ލިބުނު އާމްދަނީގެ 52 ޕަސެންޓެވެ.

ރިސޯޓުތަކުން ބޭންކުތަކަށް ޖަމާކުރި ފައިސާގެ ތެރެއިން ވެސް މާރުކުރަން ލިބުނީ ޖަމާކުރި ފައިސާގެ އެންމެ ތިން ޕަސެންޓެވެ. އަދި ރިސޯޓުތަކަށް ލިބުނު ޖުމްލަ އާމްދަނީގެ ނިސްބަތުން ބަލާނަމަ މާރުކުރީ އެންމެ 1.5 ޕަސެންޓެވެ.

އެމްއެމްއޭއިން ހިއްސާކުރި އެހެން ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި 2019 ގައި، އެއީ ކޮވިޑު ބަލިމަޑުކަމުގެ ކުރީ އަހަރު، ރިސޯޓުތަކަށް އާމްދަނީގެ ގޮތުގައި 3.4 ބިލިއަން ޑޮލަރު ލިބުނެވެ. އޭގެ ތެރެއިން 2.5 ބިލިއަން ޑޮލަރު ނުވަތަ 74 ޕަސެންޓު ޖަމާކުރީ ރާއްޖޭގެ ބޭންކުތަކަށެވެ.

ރިސޯޓުތަކަށް ލިބުނު އާމްދަނީ އޭގެ ހަތަރު އަހަރު ފަހުން 34 ޕަސެންޓު އިތުރުވީ ނަމަވެސް ބޭންކަށް ޖަމާކުރި ފައިސާ އޭރަށް ވުރެ މަދެވެ. އެގޮތުން އެ މުއްދަތުގެ ތެރޭގައި އާމްދަނީގެ 1.1 ބިލިއަން ޑޮލަރު އިތުރުވީއިރު، ބޭންކުތަކަށް ޖަމާކުރި އަދަދު 200 މިލިއަން ޑޮލަރު މަދެވެ.

ފާހަގަކޮށްލަން ޖެހޭ ގޮތުގައި 2019 ގައި ވެސް ރިސޯޓުތަކުން ޖަމާކުރި ޑޮލަރުގެ ތެރެއިން ބޭންކުތަކުން މާރުކުރީ 152.5 މިލިއަން ޑޮލަރެވެ. އެއީ ޖަމާކުރި ފައިސާގެ ހަ ޕަސެންޓެވެ.

ރިސޯޓުތަކުން ޖަމާކުރާ ފައިސާ ދަށްވުމާ ގުޅިގެން ބޭންކުތަކަށް ބޭނުންވާ ޑޮލަރު ހޯދަން އެމްއެމްއޭއަށް ބަރޯސާވާ މިންވަރު ވަނީ އިތުރުވެފަ އެވެ. އެގޮތުން 2019 ގައި އެމްއެމްއޭއިން ބޭންކުތަކަށް 376.6 މިލިއަން ޑޮލަރު ދޫކުރިއިރު، މިދިޔަ އަހަރު 480.1 މިލިއަން ޑޮލަރު ދޫކުރި އެވެ. އެއީ 27 ޕަސެންޓުގެ އިތުރުވުމެކެވެ.

ޓޫރިޒަމް ސެކްޓަރުގެ ބޮޑު ހިއްސާއެއް އޮންނަ ރިސޯޓުތަކުން މާރުކުރަން ލިބޭ ޑޮލަރު މަދު ނަމަވެސް 2019 އިން މިދިޔަ އަހަރުގެ ނިޔަލަށް ބޭންކުތަކުގައި ބަހައްޓާފައި ހުރި ބޭރު ފައިސާގެ ޑިޕޮސިޓް ވަނީ 1.2 ބިލިއަން ޑޮލަރުން 1.8 ބިލިއަން ޑޮލަރަށް އިތުރުވެފަ އެވެ. އެއީ 45 ޕަސެންޓުގެ އިތުރުވުމެކެވެ.

އެމްއެމްއޭއިން މި ތަފާސްހިސާބުތައް ހިއްސާކުރުމުގެ ކުރިން ވެސް ބޭންކުތައް މެދުވެރިކޮށް ޑޮލަރު މާރުނުކުރާ މައްސަލަ އޮތީ ފެންމަތިވެފަ އެވެ. މިހާރު ރާއްޖެއަށް ދިމާވެގެން އުޅޭ ބޭރު ފައިސާގެ ދަތިކަމުގެ މުގުލުގައި ވެސް އޮތީ ބޭންކުތަކަށް ޖަމާކުރާ ޑޮލަރު ނަގުދު ފައިސާގެ ގޮތުގައި ނަގައިގެން ގޮސް ކަޅު ބާޒާރުގައި މާރުކުރާ މައްސަލަ އެވެ.