Advertisement

އެފްއޭއެމްގެ ނޯމަލައިޒޭޝަން ކޮމިޓީ އާއި ފީފާގެ ވަފުދާ ޕީޖީ އައްބާސް ބައްދަލު ކުރައްވައިފި

24 ސެޕްޓެންބަރު 2024 - 19:43 2

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން

ޕީޖީ އައްބާހާއި ފީފާ އަދި އެފްއޭއެމްގެ ވަފުދު ބައްދަލުވުމުގެ ތެރެއިން -- ފޮޓޯ: ޕީޖީ އޮފީސް


އެފްއޭއެމްގެ ނޯމަލައިޒޭޝަން ކޮމިޓީ އާއި ފީފާގެ ވަފުދާ ޕީޖީ އައްބާސް ބައްދަލު ކުރައްވައިފި

24 ސެޕްޓެންބަރު 2024 - 19:43 2

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ނޯމަލައިޒޭޝަން ކޮމިޓީ އާއި ރާއްޖެއަށް މިހާރު އައިސް އުޅޭ ބައިނަލްއަގުވާމީ ފުޓުބޯޅައާ ބެހޭ ޖަމިއްޔާ (ފީފާ) ގެ ވަފުދުގެ ބޭފުޅުންނާ ޕްރޮސެކިއުޓާ ޖެނެރަލް، އައްބާސް ޝަރީފު މިއަދު ބައްދަލު ކުރައްވައިފި އެވެ.

އެފްއޭއެމްގެ ނޯމަލައިޒޭޝަން ކޮމިޓީން އެދިގެން ކުރިއަށް ގެންދިޔަ އެ ބައްދަލުވުމުގައި ޕީޖީ އައްބާސް ވަނީ އެފްއޭއެމްގެ ފައިސާއަށް ހިޔާނާތްތެރިވި މައްސަލައިގެ އެންމެ ފަހުގެ މައުލޫމާތު ހިއްސާ ކުރައްވައިފަ އެވެ.

އެ ހިޔާނާތުގެ ތެރެއިން އެފްއޭއެމުން ގެއްލުނު ފައިސާ އާއި މުދާ އަނބުރާ ހޯދުމަށް އެޅެން ހުރި ފިޔަވަޅުތަކާ ގުޅޭ ގޮތުން އެ ބައްދަލުވުމުގައި މަޝްވަރާ ކުރި ކަމަށް ޕީޖީ އޮފީހުން ބުންޏެވެ.

މާލޭގައި ހުންނަ ޖެން ހޮޓަލުގައި ކުރިއަށް ގެންދިޔަ އެ ބައްދަލުވުމުގައި އެފްއޭއެމްގެ ކުރީގެ ވެރިންގެ މައްޗަށް ހިންގަމުންދާ ޖިނާއީ ތަހުގީގާ ގުޅިގެން އެފްއޭއެމްގެ މަސައްކަތްތައް އާންމު ހާލަތަކަށް ރުޖޫއަ ކުރަން ހުރި ދަތިތައް އެފްއޭއެމްގެ ނޯމަލައިޒޭޝަން ކޮމިޓީގެ ފަރާތުން އައްބާސްއާ ހިއްސާ ކުރި އެވެ.

އެފްއޭއެމްގެ ތެރޭގައި އެފަދަ ހިޔާނާތުގެ ކަންކަން ތަކުރާރު ނުވާނެ ގޮތަކަށް ކަންކަން ރާވައި ކުރިއަށް ގެންދިޔުމަށް އިލްތިމާސް ކުރައްވައި އައްބާސް ވިދާޅުވީ އެފްއޭއެމް އާންމު ހާލަތައް ރުޖޫއަ ކުރުމަށް ކުރިމަތިވެފައި ހުރި ގޮންޖެހުންތަކަށް ތަހުގީގީ އިދާރާތަކާ ވާހަކަ ދައްކައިގެން ހައްލެއް ހޯއްދަވައިދެއްވާނެ ކަމަށެވެ.

އެފްއޭއެމަށް އެކި ފަރާތްތަކުން ދޭ ފައިސާއަށް އެ އެސޯސިއޭޝަނުުގެ އިސްވެރިން ހިޔާނާތްތެރިވެ އިތުރު ކުށުގެ އަމަލުތައް ހިންގާކަމަށް ތުހުމަތު ކުރެވޭ މައްސަލަ ތަހުގީގު ކުރަން އެންގީ އޮކްޓޯބަރު 22، 2023، ގައި ކުރީގެ ޕީޖީ ހުސެއިން ޝަމީމް އެވެ.

އެފްއޭއެމްގެ ހިޔާނާތުގެ މައްސަލަ އަދިވެސް ފުލުހުން ތަހުގީގު ކުރަމުންދާއިރު، އެ އެސޯސިއޭޝަނަށް ފީފާއިން ދިން ފައިސާއިން އެފްއޭއެމްގެ ކުރީގެ ރައީސް، ބައްސާމް އަދީލް، އަމީން އެވެނިއު އިން ދެ އެޕާޓުމެންޓު ގަތް މައްސަލައިގައި ދައުވާ ކޮށްދޭން އެދި ފުލުހުން ވަނީ ޕީޖީ އޮފީހަށް ފޮނުވައިފަ އެވެ.

އެ މައްސަލައިގައި ދައުވާ ކުރަން ފޮނުވާފައިވަނީ، އަމީން އެވެނިއުގެ ވެރިފަރާތް، ކަމަށްވާ އަމީން ކޮންސްޓްރަކްޝަންގެ އިތުރުން، އެފްއޭއެމްގެ އޭރުގެ ފައިނޭންސިއަލް ޑިޕާޓްމަންޓްގެ ހެޑް މުހައްމަދު އަގީލް އަދި އެފްއޭއެމްގައި އޭރު އިސްކޮށް އުޅުނު އަދި ފަހުން ކްލަބް ވެލެންސިއާގެ ޗެއާމަން ކަމަށް ނުފޫޒު ފޯރުވައިގެން އައި ކަމަށް ބުނާ ހަސަން ވަހީދު (ދޮނާ) ގެ މައްޗަށެވެ.

ފުލުހުންގެ ތަހުގީގުން ހާމަވީ ގޮތުގައި ބައްސާމް ވަނީ ފީފާ އިން ކޮވިޑް ލޯނުގެ ގޮތުގައި ދިން އެއް މިލިއަން ޑޮލަރު އަމީން އެެވެނިއު އިން އެޕާޓްމަންޓް ގަންނަން ބޭނުންކޮށްފަ އެވެ.

ފީފާ އިން އެފްއޭއެމް އަށް ދިން، ކޮވިޑް ލޯންގެ 1.9 މިލިއަން ޑޮލަރުގެ ތެރެއިން، އެއް މިލިއަން ޑޮލަރު ހޭދަކޮށް، ތިން ޕޭމަންޓެއް ގޮތަށް ބަހާލައިގެން، އަމީން އެވެނިއު އިން އެޕާޓްމަންޓް ގަންނަން ބައްސާމް ވަނީ ހަރަދުކޮށްފަ އެވެ.

އެގޮތުން، އޭޕްރީލް 14، 2021، ގައި ލިބުނުު، އެއް މިލިއަން ޑޮލަރު (15،420،000 ރުފިޔާ)، އަމީން ކޮންސްޓްރަކްޝަން އަށް ދީފައި ވަނީ، ތިން ޕޭމަންޓަކަށް ބަހާލައިގެން އޭޕްރީލް 20، 20221، ގައި 6،168،000 ރުފިޔާ އާއި އޮކްޓޯބަރު 31، 2021، ގައި 3،084،000 ރުފިޔާ އަދި ނޮވެމްބަރު 30، 2021، ގައި 6،168،000 ރުފިޔާ އެވެ.

ފީފާގެ އިންވެސްޓިގޭޓަރީ ޗެމްބަރުން ހޯދި ހޯދުމުން، އެފްއޭއެމްގެ އެންމެ އިސްވެރިޔާގެ މަގާމުގެ ނުފޫޒު ބޭނުންކޮށްގެން، ހަދިޔާ ހޯދުމާއި ރާއްޖެ އަށް ލިބޭ ފަންޑް/ފައިސާ ނަަހަަމަ ގޮތުގައި ބޭނުންކުރުމުގެ ކަންތައްތަކެއް ކޮށްފައިވާތީ، ބައްސާމް ނުވަ މަހަށް ފުޓްބޯޅައިގެ ހުރިހާ ހަރަކާތަކުން ސަސްޕެންޑް ކުރުމަށް ޖޫން 20، 2024، ގައި ވަނީ ނިންމައިފަ އެވެ.

ފީފާ އިން ދޭ ފައިސާގެ ތެރެއިން 10،000 ޑޮލަރު އަމިއްލަ އެކައުންޓަށް ފޮނުވައި ބޭނުން ކުރި މައްސަލައިގައި ބައްސާމްގެ މައްޗަށް، މި އަހަރުގެ ފެބްރުއަރީ މަހު ޕީޖީން ވަނީ ހިޔާނާތާއި މަނީ ލޯންޑަރިންގެ ދައުވާ އުފުލައިފަ އެވެ. އެ މައްސަލަ ނިމެންދެން އޭނާގެ ޕާސްޕޯޓް ވެސް އޮތީ ހިފަހައްޓައިފަ އެވެ.