24 ސެޕްޓެންބަރު 2024 - 13:40 1
އަމަން ހަލީމް
ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު ޝަފީގު: ބަޖެޓުން ފައިސާ އުނިކުރަނީ މި އަހަރުގެ ބަޖެޓަށް ބޭނުންވާ ފައިސާ ހޯދުމުގައި ހުރި ދަތިތަކާ ގުޅިގެން -- ފޮޓޯ: ރައީސް އޮފީސް
24 ސެޕްޓެންބަރު 2024 - 13:40 1
މާލިއްޔަތު ތާށިވެ، ބަޖެޓަށް ފައިސާ ހޯދުމުގައި ހުރި ދަތިތަކާ ގުޅިގެން ސަރުކާރުން ފަށައިގެން އުޅޭ ހަރަދު ކުޑަކުރުމުގެ މަސައްކަތުގެ ދަށުން މި އަހަރުގެ ބަޖެޓުން ދެ ބިލިއަނަށް ވުރެ ގިނަ ރުފިޔާ އުނިކޮށްފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން ހާމަކޮށްފި އެވެ،
މި އަހަރަށް ފާސްކޮށްފައި ވަނީ 49.8 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. މި ބަޖެޓުގެ ތެރެއިން އާމްދަނީއަށް ކަނޑާފައި 14.6 ބިލިއަން ރުފިޔާއަކީ ފައިނޭންސް ކުރަން ޖެހޭ ފައިސާ އެވެ. މި ފައިސާ ލިބުން ދަތިވެ، ސަރުކާރުން ނިންމީ މި އަހަރުގެ ބަޖެޓުން އުނިކުރެވެން ހުރި ފައިސާ ދެނެގަތުމަށް ފަހު، އެ އަދަދު އުނިކުރާށެވެ.
މައުލޫމާތު ހޯދައި ލިބުމުގެ ހައްގުގެ ދަށުން ބަޖެޓުން އުނިކުރި ބައި ހޯދަން ފިނޭންސް މިނިސްޓްރީއަށް "އަދަދު" އިން ހުށަހެޅުމުން ދިން ޖަވާބުގައި އޮތީ، 2.4 ބިލިއަން ރުފިޔާ އުނިކޮށްފައިވާ ކަމަށެވެ.
އެންމެ ބޮޑު ބަޔެއް އުނިކުރީ އުމްރާނީ ތަރައްގީގެ މަޝްރޫއުތައް ހިންގާ ކޮންސްޓްރަޝަނާއި އިންފްރާސްޓްރަކްޗާ މިނިސްޓްރީގެ ބަޖެޓުންނެވެ. އެ ވުޒާރާގެ ބަޖެޓުން 912 މިލިއަން ރުފިޔާ އުނިކޮށްފައިވެ އެވެ. ދެން އެ ލިސްޓުގައި އޮތީ:
އޭގެ އިތުރުން ފިނޭންސް މިނިސްޓްރީގެ ހާއްސަ ބަޖެޓުންނާއި ވުޒާރާތަކާއި އިދާރާތަކާއި މިނިވަން މުއައްސަސާތަކާއި ހޮސްޕިޓާތައް ހިމެނޭހެން 63 ތަނެއްގެ ބަޖެޓުން ފައިސާ އުނިކޮށްފައިވެ އެވެ.
މިތަންތަނުގެ ބަޖެޓުން އުނިކުރި ފައިސާގެ ޖުމްލަ އަދަދު ހިއްސާކުރި ނަމަވެސް ފިނޭންސުން ދިން މައުލޫމާތުގައި ބަޖެޓު އުނިކުރި ދާއިރާތައް ހިމަނާފައި ނެތުމުން، ފައިސާ އުނިކުރީ ކޮން ދާއިރާތަކަކުން ކަމެއް ނޭނގެ އެވެ. "އަދަދު" އިން ވާނީ މި މައުލޫމާތު ވެސް ހިއްސާކޮށްދިނުމަށް ފިނޭންސުގައި އެދިފަ އެވެ.
ފިނޭންސް މިނިސްޓަރު ޝަފީގު މާލިއްޔަތު ކޮމިޓީގައި އެންމެ ފަހުން މައުލޫމާތު ދެއްވި ދުވަހު ވިދާޅުވެފައިވާ ގޮތުގައި ބަޖެޓު ކުޑަކުރުމުގައި އިސްކަންދޭނީ ފަންޑިން ނުލިބޭ ތަރައްގީގެ މަޝްރޫއުތަކާއި އޮފީސްތަކުގެ ޑިސްކްރެޝަނަރީ ބަޖެޓު، އެއީ މުވައްޒަފުން ނެގުމާއި ސަޕްލައިސް ފަދަ ހަރަދުތައް، ކުޑަކުރުމަށެވެ.
ބަޖެޓުން ފައިސާ އުނިކުރުމުގެ އިތުރުން ހަރަދު ކުޑަކުރުމުގެ ސިޔާސަތުގެ ދަށުން އާސަންދަ އާއި ސަބްސިޑީ ނިޒާމު ރިފޯމްކޮށް އެ ދާއިރާތަކުން ވެސް ހަރަދުތައް ކުޑަކުރުމުގެ މަސައްކަތް ސަރުކާރުން އަންނަނީ ކުރަމުންނެވެ. ފިނޭންސުން ބުނެފައި އޮތީ އަންނަ މަހުން ފެށިގެން މި ބަދަލުތައް ތަންފީޒުކުރަން ފަށާނެ ކަމަށެވެ.
އޭގެ އިތުރުން ސަރުކާރުގެ ސިޔާސީ މުވައްޒަފުން މަދުކޮށް ހަފުލާތައް ބާއްވާ ހަރަދުތައް ކަނޑާލުން ވެސް ހަރަދު ކުޑަކުރުމުގެ މަސައްކަތުގެ ތެރެއިން ކުރެވެމުންދާ ކަމަށް ސަރުކާރުން ބުނެފައިވެ އެވެ. ނަމަވެސް މިކަމާ ގުޅޭ މައުލޫމާތެއް ސަރުކާރުން ހާމައެއް ނުކުރެ އެވެ.
Comment