Advertisement

ސުޕްރީމް ކޯޓުން މައްސަލަ އަލުން ބަލަން އެންގުމާއެކު ސަމާހު އަނެއްކާ ވެސް ބަންދުކޮށްފި

23 ސެޕްޓެންބަރު 2024 - 20:42 2

އަހުމަދު އާއިދު

އަހުމަދު އާއިދު

ޕޮލިސް އާދަމް ހަލީމް މަރާލި މައްސަލާގައި ދައުވާކޮށްފައިވާ ސަމާހު: އޭނާ އަނެއްކާވެސް މައްސަލަ ނިމެންދެން ވަނީ ބަންދުކޮށްފަ --- ފޮޓޯ: ސުޕްރީމް ކޯޓު


ސުޕްރީމް ކޯޓުން މައްސަލަ އަލުން ބަލަން އެންގުމާއެކު ސަމާހު އަނެއްކާ ވެސް ބަންދުކޮށްފި

23 ސެޕްޓެންބަރު 2024 - 20:42 2

މީގެ 12 އަހަރު ކުރިން ކ. ކާށިދޫގައި ޑިއުޓީއަށް ނުކުމެ ހުއްޓައި ވަޅިއަކުން ހަމަލާދީ މަރާލި ޕޮލިސް އާދަމް ހަލީމް މަރާލި މައްސަލާގައި ހުކުމް ކޮށްފައިވާ މުހައްމަދު ސަމާހުގެ މައްސަލަ އަލުން ބެލުމަށް ސުޕްރީމް ކޯޓުން ނިންމި ނިންމުމާއެކު، އަލުން މައްސަލަ ބަލާ ނިމެންދެން އޭނާ ބަންދުކުރުމަށް ސުޕްރީމް ކޯޓުން އަމަރުކޮށްފި އެވެ.

ޖުލައި 23، 2012 ގައި ހިނގި އެ ހާދިސާއާ ގުޅިގެން ކ. ކާށިދޫ، ސުވާސާގޭ މުހައްމަދު ސަމާހުގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ކަނޑައަޅައި އޭނާ މަރާލުމަށް ކްރިމިނަލް ކޯޓުން ހުކުމް ކުރީ 2013 ވަނަ އަހަރުގެ ތެރޭގަ އެވެ. ހައި ކޯޓުން އެ ހުކުމް ދެމެހެއްޓީ ސެޕްޓެމްބަރު 30، 2020 ގަ އެވެ.

ނަމަވެސް ދަށު ކޯޓުތަކުގެ ނިންމުން ބާތިލުކޮށް މައްސަލަ އަލުން ބަލަން ސުޕްރީމް ކޯޓުން އެންގީ މިއަދު އެވެ.

އެ ނިންމުމާއެކު ސަމާހު މިއަދު މިނިވަންވި އެވެ. ނަމަވެސް ސުޕްރީމް ކޯޓުން ވަނީ ދަށު ކޯޓުން ސަމާހުގެ މައްސަލަ ބަލާ ނިންމަންދެން އޭނާ ރިމާންޑު ޖަލެއްގައި ބަންދުކުރުމަށް ކަރެކްޝަންސްގެ މައްޗަށް އަމަރުކޮށްފަ އެވެ. އެހެންކަމުން އޭނާ މިހާރު ވަނީ އަނެއްކާވެސް ބަންދުކޮށްފަ އެވެ.

މިއަދުގެ ޝަރީއަތު މަޖިލީހުގައި ކުރި ހުކުމުގައި ވަނީ ސަމާހުއަށް އަނިޔާކުރިކަން އެނގޭނެ ހެކިން ތިބިކަމަށާއި އެ ހެކިން ޝަރީއަތުގެ މަޖިލީހަށް ހާޒިރުކުރުމަށް އެދޭ ކަމަށް ކްރިމިނަލް ކޯޓާއި ހައި ކޯޓުގައި ސަމާހުގެ ފަރާތުން ބުނެފައިވާކަން އެނގޭ ކަމަށެވެ.

ސުޕްރީމް ކޯޓުގައި މި މައްސަލަ ބެއްލެވީ ފަސް ފަނޑިޔާރުންގެ ބެންޗަކުންނެވެ. ފަނޑިޔާރު ހުސްނުއްސުއޫދުގެ އިތުރުން ދެން ތިއްބެވީ، ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރާއި، ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދާއި، ފަނޑިޔާރު މަހާޒް އަލީ ޒާހިރާއި، ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހީމެވެ. ރިޔާސަތު ބެލެހެއްޓެވީ ސުއޫދު އެވެ.