23 ސެޕްޓެންބަރު 2024 - 13:42 0
މުހައްމަދު ޝަހްޒާން
އައްޑޫގެ ގުޅިފައި އޮތް ރަށްތަކާ ދެމެދު އަޅާފައި އޮތް ބުރިޖު -- ފޮޓޯ: ކޮންސްޓްރަކްޝަން މިނިސްޓަރީ
23 ސެޕްޓެންބަރު 2024 - 13:42 0
އައްޑޫގެ ގުޅިފައިވާ ރަށްތަކާއި ހަންކެޑެ ވަކިކޮށް އެ ރަށް ރިސޯޓަކަށް ހަދަން ތަރައްގީކުރި ހަންކެޑެ ބުރިޖު މިދިޔަ މަހު ރަސްމީކޮށް ދިވެހި ސަރުކާރާ ހަވާކު ކުރި ނަމަވެސް އާންމުކޮށް އެ ބުރިޖުގެ ބޭނުން ކުރެވޭނެ ދުވަހެއް އަދި ނޭނގޭ ކަމަށް އައްޑޫގެ މޭޔަރު، އަލީ ނިޒާރު ވިދާޅުވެއްޖެ އެވެ.
"އަދަދު" އާ ވާހަކަ ދައްކަވަމުން ނިޒާރު ވިދާޅުވީ މިމަހު އެ ބުރިޖު އާންމުކޮށް ހުޅުވާލަން ނިންމާފައި އޮތް ނަމަވެސް ނުނިމޭ އެތައް މަސައްކަތެއް އަދިވެސް އެބަހުރި ކަމަށެވެ.
"މިމަހު ހުޅުވާ ގޮތަށް އޮތީ، 20 ގައި ހުޅުވާ ގޮތަށް އަބަދުވެސް ވާހަކަ ދެކެވުނީ، އެކަމަކު ނުވެފައި އެއޮތީ، އެމީހުންގެ މައްސަލަތަކެއްގައި ލަސްވެފައި،" އޭނާ ވިދާޅުވި އެވެ. ".... ދަށަށް އަޅާފައި ހުރި ވެލި ނެގުމާއި ޕެއިންޓިން މަސައްކަތްތަކާއި ރެއިލިން މަސައްކަތްތައް ވެސް އެބަހުރި ނުނިމި، ދެން މަސައްކަތްތައް ނުނިމި ހުރެގެން ނުވެގެން އެދަނީ."
ގާތްގަނޑަކަށް 1.4 ކިލޯމީޓަރު ދިގު، ހަތަރު ލޭނުގެ ހަންކެޑެ ބްރިޖަކީ އިންޑިއާގެ އެގްޒިމް ބޭންކުން ލިބިފައިވާ 800 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓުގެ ދަށުން ހިންގި މަޝްރޫއެކެވެ. އެ މަސައްކަތް އިންޑިއާގެ އެފްކޮންސް ކުންފުންޏާ ހަވާލުކުރީ އޮކްޓޯބަރު، 2021، ގަ އެވެ.
އެ ބްރިޖުގެ މަސައްކަތް ނިންމައި މިދިޔަ ޖުލައި މަހު އާންމުކޮށް ހުޅުވައިލާނެ ކަމަށް އިންފްރާސްޓްރަކްޗާ މިނިސްޓަރީން މީގެ ކުރިން ބުންޏެވެ. ނަމަވެސް އެ ތާރީހަށް އެކަން ނުކުރެވޭނެ ކަމަށް ބަލައި ބުރިޖު ބޭނުން ކުރަން ދެން ފަށާނެ ތާރީހެއްގެ ގޮތުގައި ކަނޑައެޅީ މިމަހުގެ 20 އެވެ.
އެހެން އެކަން އޮތް ނަމަވެސް ބުރިޖުގެ ބޭނުން ހިފޭނެ ދުވަހެއް އަދި ނޭނގޭ ކަމަށް ނިޒާރު ވިދާޅުވި އެވެ.
"އެހެން ވަކި ތާރީހެއް ވެސް އެ ބޭފުޅުން ނުދޭ އެކަން ކުރެވޭނެ، މިހާރަކު، އެހެންވީމަ ވަކި ތާރީހެއް ދަންނަވާކަށް ނޭނގެ،" ނިޒާރު ވިދާޅުވި އެވެ.
ހަންކެޑެ ބުރިޖަކީ ކުރިން ވެރިކަމުގައި އޮތް އެމްޑީޕީގެ ސަރުކާރުން އައްޑޫގެ ޓޫރިޒަމް ކުރިއަރުވަން ގެންގުޅުނު ތަސައްވުރުގެ ތެރެއިން ކުރެވުނު މަސައްކަތެކެވެ. މި ސަރުކާރުން ވެސް ވަނީ މިހާރު ގެންގުޅޭ "އައްސޭރި ޓޫރިޒަމް" ސިޔާސަތުގެ ދަށުން މި ޕްރޮޖެކްޓު ކުރިއަށް ގެންދަން ނިންމާފަ އެވެ.
ހަންކެޑެ ތަރަައްގީކުރަނީ ޗައިނާގެ ނެޝަނަލް އިލެކްޓްރިކަލް އިންޖިނިއަރިން ކޮމްޕެނީ (ސީއެންއީއީސީ) އިންނެވެ. ގާތްގަނޑަކަށް 142.9 މިލިއަން ޑޮލަރު (2.3 ބިލިއަން ރުފިޔާ) ގެ މި މަޝްރޫއުގެ ދަށުން ހެންކެޑެގައި 1041 ކޮޓަރި (2082 އެނދު) ތަރައްގީކުރާނެ އެވެ.
Comment