22 ސެޕްޓެންބަރު 2024 - 20:46 0
22 ސެޕްޓެންބަރު 2024 - 20:46 0
ބޫޓާނުގައި މިހާރު ކުރިއަށްދާ 17 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕްގައި، ރާއްޖޭގެ ކެޕްޓަން، މުހައްމަދު އިލާން އިމްރާން ޖެހި ގޯލުން 1-1 އިން ބަންގްލަދޭޝާ އެއްވަރުކޮށް، ރާއްޖޭން ސެމީ ފައިނަލުގެ އުންމީދު ބޮޑުކޮށްފި އެވެ.
ތިން ޓީމު ވާދަކުރާ ގްރޫޕް އޭގެ ފުރަތަމަ މެޗުގައި ބަންގްލަދޭޝް ވަނީ އިންޑިއާ އަތުން 1-0 އިން ބަލިވެފަ އެވެ. ދެ ވަނަ މެޗުގައި ރާއްޖެއާ 1-1 އިން އެއްވަރުވެ، ބަންގްލަދޭޝްގެ ގްރޫޕް ސްޓޭޖުގެ މެޗުތައް މި ވަނީ ނިމިފަ އެވެ.
އިންޑިއާ، މި ވަގުތު ގްރޫޕްގެ އެއް ވަނައިގައި އޮތީ ތިން ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް ރާއްޖެ އާއި ތިން ވަނައިގައި އޮތް ބަންގްލަދޭޝަށް ވަނީ ޕޮއިންޓެއް ލިބިފަ އެވެ.
ރާއްޖެ ޓީމުގެ އިލާން ބޮލުން ބޯޅަ ފޮނުވާލަނީ.--- ފޮޓޯ: ސާފް
ގްރޫޕްގެ ފަހު މެޗުގައި، އިންޑިއާއާ އެއްވަރުކޮށްލައިގެން ވެސް ރާއްޖެ އަށް ސެމީ ފައިނަލަށް ދެވޭނެ އެވެ. މިދިޔަ އަހަރުގެ މުބާރާތުގެ ސެމީ ފައިނަލުގައި އިންޑިއާ އިން ވަނީ 8-0 އިން ރާއްޖެ ބަލިކޮށްފަ އެވެ.
މިދިޔަ އަހަރުގެ 16 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕްގެ ފައިނަލުގައި ކުޅުނު ބަންގްލަދޭޝް އިން ރާއްޖެ ކޮޅަށް ލީޑުނެގީ ދެ ވަނަ ހާފުގެ ހަތަރު ވަނަ މިނިޓްގައި މުހައްމަދު މުރުސިދު ޖެހި ގޯލުންނެވެ.
ރާއްޖޭން އެއްވަރުކުރީ 79 ވަނަ މިނިޓްގައި، ބަންގްލަދޭޝްގެ ޑިފެންސް ފަހަތަށް ދިޔަ ބޯޅައެއް ހޯދުމަށް ފަހު ތިރިތިރިން ގޯލަށް ބޯޅަ ފޮނުވާލައިގެން އިލާން އެވެ.
އޭގެ ފަހުން، ދެ ޓީމުން ވެސް އެޓޭކްކޮށް ގޯލެއް ޖެހޭތޯ މަސައްކަތްކޮށްފައިވެ އެވެ.
މެޗުގެ ތެރެއިން ރާއްޖެ ޓީމުގެ ކީޕަރު މާހިލް ބޯޅަ ހިފައިގެން.--- ފޮޓޯ: ސާފް
މުބާރާތަށް ގޮސް ރާއްޖޭން ބޫޓާނުގައި ކުރިއަށްގެންދިޔަ ފަރިތަކުރުންތަކުގެ ތެރެއިން ޓީމުގެ އެއް ވަނަ ކީޕަރު، މުހައްމަދު އިޒްޔާން އިބްރާހިމް ނައީމްގެ ފަޔަށް ލިބުނު އަނިޔާއަކާ ހެދި އޭނާ އަށް މުބާރާތުގައި ދެން ނުކުޅެވޭނެ އެވެ. ބަންގްލަދޭޝާ ދެކޮޅަށް ކުޅެން އަރައި، ރާއްޖޭގެ ގޯލު ބެލެހެއްޓި، ހަސަން މާހިލް ނާސިރު ވަނީ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދައިފަ އެެވެ.
މެޗަށް ފަހު މާހިލް ބުނީ، މިއީ މުޅި ޓީމު އެކުވެގެން ކުރި މަސައްކަތުން މުބާރާތުގައި ކުރިއަށްދިއުމަށް ލިބުނު ވަރަށް މުހިންމު ޕޮއިންޓެކެވެ.
މީގެ ދެ އަހަރު ކުރިން ބޭއްވި 17 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕްގައި ބަންގްލަދޭޝް އިން ވަނީ ރާއްޖެ އަތުން 5-0 އިން މޮޅުވެފަ އެވެ.
ރާއްޖެ އާއި އިންޑިއާ ކުޅޭ ގްރޫޕްގެ ފަހު މެޗު އޮންނާނީ އަންގާރަ ދުވަހު އެވެ.
Comment