Advertisement

ހަފުތާ14 ގައި އިއުލާނު ކުރީ ކުޅުދުއްފުށީ އެއާޕޯޓް ޓާމިނަލް ބޮޑު ކުރަން، އިތުރުވީ ހަޓެއް

21 ސެޕްޓެންބަރު 2024 - 12:54 0

އަހުމަދު ސައީދު

އަހުމަދު ސައީދު

ކުޅުދުއްފުށީ އެއާޕޯޓްގެ މުވައްޒަފުން ވައި ޖައްސާލަން ތިބޭ ހަޓް: ޓާމިނަލް ތަރައްގީ ކުރުމުގެ އެއްވެސް މަސައްކަތެއް ނުފެށޭ -- ފޮޓޯ/ އަދަދު


ހަފުތާ14 ގައި އިއުލާނު ކުރީ ކުޅުދުއްފުށީ އެއާޕޯޓް ޓާމިނަލް ބޮޑު ކުރަން، އިތުރުވީ ހަޓެއް

21 ސެޕްޓެންބަރު 2024 - 12:54 0

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ "ހަފުތާ14" ގައި، ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީން އެންމެ މުހިންމު ޕްރޮޖެކްޓެއްގެ ގޮތުގައި އިއުލާނު ކުރި ހދ. ކުޅުދުއްފުށީ އެއާޕޯޓްގެ ޓާމިނަލްގެ މަސައްކަތް ދިހަ މަސް ދުވަސްވީއިރު ވެސް ނުފެށޭތީ އެ ރަށު ރައްޔިތުން ޝަކުވާކުރަން ފަށައިފި އެވެ.

ކުޅުދުއްފުށި އެއާޕޯޓްގެ ޓާމިނަލް ބޮޑުކޮށް، އަލުން ތަރައްގީ ކުރުމަށްޓަކައި ޝައުގުވެރިވާ ކުންފުނިތަކުން އެކްސްޕްރެޝަން އޮފް އިންޓަރެސްޓް (އީއޯއައި) ހުށަހެޅުމަށް މި އަހަރުގެ ޖެނުއަރީ، 3 ގައި ރީޖަނަލް އެއާޕޯޓްސް އިން، ހުޅުވާލި ފުރުސަތު އެ މަހުގެ ނުވަ ވަނަ ދުވަހު ހަމަވެއްޖެ އެވެ. ނަމަވެސް މިހާތަނަށް އައިިއިރު، ކުޅުދުއްފުށީގައި ޓާމިނަލްގެ އެއްވެސް މަސައްކަތެއް ނުފަށަ އެވެ.

ކުޅުދުއްފުށި އެއާޕޯޓު މަޝްރޫއުގައި ހިމެނޭ ކަންކަން

  • 11،345 އަކަފޫޓުގެ ޕެސެންޖާ ޓާމިނަލެއް ތަރައްގީކުރުން
  • ޕެސެންޖާ ޓާމިނަލް ސަރަހައްދުގައި ޝޭޑިންއެއް ލުން
  • މި ވަގުތު ބޭނުންކުރެވެމުންދާ ޕެސެންޖާ ޓާމިނަލްގެ ސްޓްރަކްޗާއަށް ގެންނަން ޖެހޭ ބަދަލުތަށް ގެނައުން
  • ޕެސެންޖަރުންނަށް ދެވޭ ހިދުމަތްތައް ފުޅާކުރުމަށް ބޭނުންވާ އެހެނިހެން ތަންތަން ގާއިމްކުރުން

ރީޖަނަލް އެއާޕޯޓްސްއަށް އެކި ފަހަރު މަތިން ގުޅައިގެން ވެސް އެ ޕްރޮޖެކްޓާ ބެހޭ އެއްވެސް މައުލޫމާތެއް ނުލިބުނެވެ. ނަމަވެސް ހަފުތާ14 ގެ ވެބްސައިޓުގައި ވާގޮތުން، ކުޅުދުއްފުށީ އެއާޕޯޓް ޓާމިނަލް ބޮޑުކުރުމުގެ މަސައްކަތް ފެށުން 100 ޕަސެންޓް ވަނީ ހާސިލު ކުރެވިފަ އެވެ.

"އަދަދު" އަށް އެނގިފައިވާ ގޮތުގައި، އެއާޕޯޓު ޓާމިނަލުގެ މަސައްކަތާއި ގުޅޭ ފަހުގެ އެއްވެސް މައުލޫމާތެއް ކުޅުދުއްފުށީ ސިޓީ ކައުންސިލަށް ވެސް ނުލިބެ އެވެ.

ކުޅުދުއްފުށީގެ ބައެއް މީހުން ބުނާ ގޮތުގައި އެއާޕޯޓު ތަރައްގީ ކުރުމުގެ އެއްވެސް މަސައްކަތެއް ނުފެށި ވާއިރު، މިދިޔަ ދިހި މަސް ދުވަހުގެ ތެރޭގައި ކުރި ހުންނެވި މެނޭޖަރުގެ ދަށަށް ދެ މެނޭޖަރުން އިތުރުވެ، މުވައްޒަފުން ވައި ޖައްސާލަށް ތިބޭނެ ހަޓެއް ހަދާފައިވާކަން ފާހަގަވެ އެވެ.

ރީޖަނަލް އެއާޕޯޓްސްގެ އިސްވެރިން މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ކުޅުދުއްފުށީ ސިޓީ ކައުންސިލާ ބައްދަލުކުރަނީ -- ފޮޓީޯ/ ރީޖަނަލް އެއާޕޯޓްސް


އާރުއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު އަހުމަދު މުބީން ކުރިން ވިދާޅުވެފައިވާ ގޮތުގައި އޭނާ ކުންފުންޏާ ހަވާލުވި ފުރަތަމަ ދުވަހުން ފެށިގެން ވެސް އެންމެ ބޮޑު އިސްކަމެއް ދީފައިވާ އެއް މަޝްރޫއަކީ ކުޅުދުއްފުށި އެއާޕޯޓަށް ގެންނަންޖެހޭ ބަދަލުތައް ދެނެގަނެ، މަސައްކަތް ފެށުމެވެ.

މިދިޔަ އަހަރުގެ ޑިސެމްބަރު މަހު، ރީޖަނަލް އެއާޕޯޓްސް ގެ އިސްވެރިން ކުޅުދުއްފުށީ ސިޓީ ކައުންސިލާ ބައްދަލުކޮށް، އެއާޕޯޓުގައި އަޅާ ޓާމިނަލުގެ ކޮންސެޕްޓް ހިއްސާކޮށްފައިވެ އެވެ. އަދި ކުޅުދުއްފުށި އެއާޕޯޓާ އިންވެގެން، ކުޅި ހިމެނޭހެން އުތުރަށް އޮންނަ ހުސްބިން ޓޫރިޒަމަށް ތަރައްގީކުރުމަށް ވެސް ކައުންސިލާއި އެކު އެއްބަސްވުމުގައި ސޮއިކޮށްފައިވެ އެވެ.

އުތުރުގެ އިގްތިސާދީ މައި ހަބު ކަމަށްވާ ކުޅުދުއްފުށީގައި އެއާޕޯޓެއް ހުޅުވީ ސެޕްޓެމްބަރު، 2018 ގަ އެވެ. އޭރު ވަރަށް އާދައިގެ ފެންވަރަކަށް ހަދައި ހުޅުވި އެ އެއާޕޯޓުގެ ޓާމިނަލާއި ފަޔާ ސްޓޭޝަންގެ މަސައްކަތް ނިންމާ، މޯލްޑިވިއަން އިން ޝެޑިއުލް ދަތުރުތައް ފެށީ އޮގަސްޓު 9، 2019 ގަ އެވެ.