18 ސެޕްޓެންބަރު 2024 - 16:39 2
ލީވާން އަލީ ނާސިރު
އެމްއެންޑީއެފްގެ އޮފިސަރެއް: މީހެއްގެ އިނގިލި ބުރިކޮށް ޓޯޗާކުރީ ދެ ސިފައިން ހިމެނޭ ފަސް މީހުންގެ ގްރޫޕަކުން ކަމަށް ފުލުހުން ބުނުން -- ފޮޓޯ: އަދަދު ފައިލް
18 ސެޕްޓެންބަރު 2024 - 16:39 2
މީހެއްގެ އިނގިލި ބުރިކޮށް ޓޯޗާކުރީ ދެ ސިފައިން ހިމެނޭ ފަސް މީހުންގެ ގްރޫޕަކުން ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.
ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޗީފް ސުޕްރިޓެންޑެންޓް އޮފް ޕޮލިސް ހަސަން ޝިފާއު ބުނީ، އުމުރުން 30 އަހަރުގެ ދިވެހި ފިރިހެނަކު ރަހީނުކޮށް ޖިސްމާނީ ގޮތުން ބޮޑެތި އަނިޔާތަކެއްދީ، ތޫނު ހަތިޔާރެއް ބޭނުން ކޮށްގެން އޭނާގެ ވައަތު ފައިގެ ކުޑަވައި އިނގިލީގެ ދެވަނަ ބަދައާ ހިސާބުން ބުރިކޮށްލާފައިވާ ކަމަށެވެ.
"އޭނާގެ ވައަތު ލޯ މަތީގައި ޖަހައި މާރާމާރީ ހިންގުމުގެ ސަބަބުން އޭނާގެ ވައަތު ލޮލަށް ލޭ އަރާ ވައަތު ލޯ ދުޅަވެ ނޫފައިގަނެފައި ހުރި. އޭގެ އިތުރުން ހަށިގަނޑުގެ އެކި ތަންތަނުގައި އަލިފާން ޖެއްސުމުގެ ސަބަބުން ލިބިފައިވާ އަނިޔާތަކެއް ކަމަށް ބެލެވޭ ޒަހަމްތަކަކާއި އަދި އޭނާގެ ހަށިގަނޑުގެ އެކި ތަންތަނުގައި ތަޅައި މާރާމާރީ ހިންގުމުގެ ސަބަބުން ލިބިފައިވާ ޒަހަމްތައް ފެންނަން ހުރި،" ޝިފާއު ވިދާޅުވި އެވެ.
މައްސަލައާ ގުޅިގެން ހައްޔަރުކުރީ ރ. ކަނދޮޅުދޫ، މެހުރާ، އަލީ ސާމީ، 25، އާއި ގދ. ގައްދޫ، ހުދުވެލި، އަހުމަދު ސާއިފް ވަހީދު، 18، އާއި ތ. ތިމަރަފުށި، އުތުރުގެއާގެ، މުހައްމަދު ނަހުޝާން ހުސެއިން، 21، ގެ އިތުރުން އެމްއެންޑީއެފްގެ ދެ މުވައްޒަފުން ކަމަށްވާ ކ. މާފުށި، ފުލްމޫން، މުހައްމަދު ނަފާހް، 23، އަދި ލ. ގަން، ތުނޑި ލިންކް، އަހުމަދު ޒަޔާން، 24، އެވެ.
ޝިފާއު ވިދާޅުވީ ހައްޔަރުކުރި ދެ ސިފައިންގެ މައުލޫމާތު އެމްއެންޑީއެފްއަށް ދީ އެ މީހުންނަށް އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމަށް އެ މުއައްސަސާއިން މަސައްކަތް ކުރަމުންދާ ކަމަށެވެ.
މައްސަލައާ ގުޅިގެން ހައްޔަރުކުރި ފަސް މީހުން މިވަގުތު ތިބީ ބަންދުގައިކަން ފާހަގަކުރައްވާ ޝިފާއު ވިދާޅުވީ މައްސަލައާ ގުޅިގެން 18 އަހަރުން ދަށުގެ ކުޑަ ތިން ކުދިން ހިމެނޭތީ އެކަން ވެސް ބަލަމުންދާ ކަމަށެވެ.
އަނިޔާ ލިބުނު ފަރާތް ލައްވައި މަސްތުވާތަކެތި ވިޔަފާރި ކުރި ކަމަށް ތުހުމަތު ކުރެވޭ ކަމަށާއި އޭނާ ރަހީނު ކޮށްގެން ގެންގުޅުނު ދެ އެޕާޓްމަންޓުގައި މަސްތުވާތަކެތި ވިޔަފާރިކުރަން ބޭނުން ކުރާ ތަކެތި ފެނިފައިވާ ކަމަށް ޝިފާއު ވިދާޅުވި އެވެ.
އޭގެއިތުރުން އެ ދެ އެޕާޓްމަންޓުން ހައްޔަރުކުރި ފަސް މީހުންނާ ގުޅޭ ބައެއް ތަކެތި ފެނިފައިވާ ކަމަށް ވެސް ޝިފާއު ވިދާޅުވި އެވެ.
Comment