Advertisement

ސީޒަން ފެށިތާ ހަަތަރު މެޗަށް ފަހު ރޯމާ އިން ޑި ރޮސީ ވަކިކޮށްފި

18 ސެޕްޓެންބަރު 2024 - 15:19 0


ސީޒަން ފެށިތާ ހަަތަރު މެޗަށް ފަހު ރޯމާ އިން ޑި ރޮސީ ވަކިކޮށްފި

18 ސެޕްޓެންބަރު 2024 - 15:19 0

ރޯމް (ސެޕްޓެމްބަރު 18) - އާ ސީޒަނުގައި ރޯމާ އިން ކުޅުނު ހަތަރު މެޗުގެ ނަތީޖާ ދަށްވުމާ ގުޅިގެން، ރޯމާ އިން އެ ޓީމުގެ ކޯޗުކަމުން ޑަނިއޭލޭ ޑި ރޮސީ ވަކިކޮށްފި އެވެ.

ރޯމާގެ ކުރީގެ ތަރި، ޑި ރޮސީ، 41، އެ ޓީމުގެ ކޯޗުކަމާ ހަވާލުވީ މި އަހަރުގެ ޖެނުއަރީ މަހުގަ އެވެ. ރޯމާ އިން ޑި ރޮސީ ގެނައީ، އެ ޓީމުގެ ކޯޗަކަށް ހުރި ހޯސޭ މޮރީނިއޯ ވަކިކޮށްފަ އެވެ.

އިންޓަރިމް ކޯޗަކަށް ރޯމާއާ ހަވާލުވުމަށް ފަހު ޑި ރޮސީ އެ ޓީމާ އެކު ކުރި މަސައްކަތް ވަރަށް ރަނގަޅެވެ. އެ ގޮތުން، އޭނާ ވަނީ އެ ޓީމަށް ޔޫރޮޕާ ލީގުގެ ސެމީ ފައިނަލުން ފުރުސަތު ހޯދައިދިނުމުގެ އިތުރުުން އިޓާލިއަން ލީގުގެ ހަ ވަނަ ހޯދައިދީ، އަންނަ ސީޒަނުގެ ޔޫރޮޕާ ލީގަށް ކޮލިފައިކޮށްދީފަ އެވެ.

މި ހުރިހާ ކަމަކަށް ބެލުމަށް ފަަހު، ރޯމާ އިން ވަނީ 2027 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް ޑި ރޮސީގެ ކޮންޓްރެކްޓް އާ ކޮށްފަ އެވެ. އެކަމަކު، މި ފަހަރުގެ ލީގުގައި ފުރަތަމަ ކުޅުނު ހަތަރު މެޗުގެ ތެރެއިން ތިން މެޗުން އެއްވަރުވެ، އެއް މެޗުން ބަލިވުމާ ގުޅިގެން ރޯމާގެ މެނޭޖްމަންޓުން ނިންމީ، ޑި ރޮސީ ވަކިކުރުމަށެވެ.

"މިއީ މި ކްލަބް ކުރިއަށްދިއުމާއި މި ވަގުތުގެ ހާލަތަށް ބަލާއިރު އެންމެ ރަނގަޅު ނިންމުން ކަމުގައި ދެކެން. ޑަނިއޭލޭ (ޑި ރޮސީ) އަށް ކްލަބްގެ އިހުތިރާމް އަބަދުވެސް އޮންނާނެ،" ރޯމާ އިން ނެރުނު ބަޔާނުގައިވެ އެވެ.

ޑި ރޮސީ ވަނީ ކުޅުންތެރިއެއްގެ ގޮތުގައި ރޯމާގައި ހޭދަކުރި 22 އަހަރު އެ ޓީމަށް 616 މެޗު ކުޅެދީފަ އެވެ. ރޯމާގެ ކޯޗަކަށް ހުރެ ޑި ރޮސީ އެ ޓީމު ގޮވައިގެން ނުކުތް 30 މެޗުގެ ތެރެއިން މޮޅުވީ 14 މެޗުންނެވެ. އެ މެޗުތަކަށް ބަލާއިރު، ވިން ރޭޝިއޯ އަކީ 46.67 ޕަސެންޓް އެވެ.

ކޯޗިން ކެރިއަރުގައި ރޯމާގައި މަސައްކަތްކުރުމުގެ ކުރިން، އިޓަލީގެ ދެ ވަނަ ޑިވިޝަންގެ ޓީމު ސްޕާލްގައި ވެސް ޑި ރޮސީ ހުއްޓެވެ. އެ ޓީމުގެ ކޯޗުކަމުން ޑި ރޮސީ ވަކިކުރީ ހަތަރު މަސް ތެރޭގަ އެވެ. އެހެންކަމުން، ޑި ރޮސީގެ ކޯޗިން ކެރިއަރުގައި އޭނާ އެންމެ ފަހުން އިރުޝާދުދިން ދެ ޓީމުން ވެސް ވަކިވާން މި ޖެހުނީ، މަގާމާ ހަވާލުވިތާ އަހަރެއް ވެސް ނުވެ އެވެ.