Advertisement

ފެނަކައިން ކޮންޓްރެކްޓަށް ނެގި މުވައްޒަފުން ވަކިކުރަން އަނެއްކާ ވެސް ނިންމައިފި

18 ސެޕްޓެންބަރު 2024 - 15:22 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

ފެނަކައިން ކޮންޓްރެކްޓަށް ނެގި މުވައްޒަފުން ވަކިކުރަން އަނެއްކާ ވެސް ނިންމުން -- އާޓްވޯކް: ސާއިފް ޝިޔާދު


ފެނަކައިން ކޮންޓްރެކްޓަށް ނެގި މުވައްޒަފުން ވަކިކުރަން އަނެއްކާ ވެސް ނިންމައިފި

18 ސެޕްޓެންބަރު 2024 - 15:22 0

ފެނަކަ ކޯޕަރޭޝަންގެ އިންހައުސް އިންޖީނުގެ އަދި އޮފީސް އިމާރާތް ކުރުމުގެ މަޝްރޫއުތަކަށް ނަގާފައި ތިބި ކޮންޓްރެކްޓް މުވައްޒަފުން ވަކިކުރަން އަނެއްކާ ވެސް ނިންމައިފި އެވެ.

ފެނަކައިން ނެރުނު އިންޓާނަލް މެމޯއެއްގައި ބުނީ ކުންފުނިން ހިންގަމުން އައި އިންހައުސް އިންޖީނުގެ އަދި އޮފީސް އިމާރާތް ކުރުމުގެ ޕްރޮޖެކްޓްތަކަކީ ހަރަދު ބޮޑުކޮށް ގެއްލުމުގައި ހިންގާ މަޝްރޫއުތަކެއް ކަމަށާއި މާދަމާއިން ފެށިގެން އެ މުވައްޒަފުން ދޫކޮށްލާނެ ކަމަށެވެ.

"ސެޕްޓެމްބަރު 19، ވަނަ ދުވަހުން ފެށިގެން ޕްރޮޖެކްޓްތަކުގައި މަސައްކަތް ކުރާ މުވައްޒަފުން ދޫކޮށްލެވޭނެ ވާހަކަ އެ މުވައްޒަފުންނަށް އަންގައިދެއްވުން އެދި ދެންނެވިން،" މެމޯގައި ބުންޏެވެ.

އޭގެ އިތުރުން އެ މުވައްޒަފުން ދޫކޮށްލީ ހަރަދު ކުޑަ މޮޑެލް އަކަށް މަޝްރޫއުތައް ކުރިއަށް ގެންދިޔުމަށް ކުންފުނީގެ ބޯޑުން ނިންމާފައިވާތީ ކަމަށް މެމޯގައި ބުންޏެވެ.

ފެނަކައިގެ އެމްޑީ މުއާޒް މުހައްމަދު ރަޝީދު "އަދަދު" އަށް ވިދާޅުވީ އެ މުވައްޒަފުން ވަކި ކުރަން މިދިޔަ އޯގަސްޓް މަހުގެ ތެރޭގައި ނޯޓިސް ދިނުމަށް ފަހު، ނޯޓިސް ކެންސަލް ކުރީ ބޯޑަށް ގެންގޮސް އެކަން ނިންމުމަށް ކަމަށެވެ.

"ކުރިން ވެސް އެ މުވައްޒަފުން ވަކިކުރަން ނިންމުމަށްފަހު ނޯޓިސް ކެންސަލް ކުރީ. މިހާރު ބޯޑަށް އެ ކަންތައް ގެންގޮސްފައި ބޯޑުން ޑިޒިޝަން ނެގީ،" މުއާޒް ވިދާޅުވި އެވެ.

ފެނަކައިގެ ހަރަދު ކުޑަކުރުމުގެ ގޮތުން ކަމަށް ބުނެ އެ ކުންފުނީގެ އެކި މަޝްރޫއުތަކަށް ނަގާފައިވާ 731 ކޮންޓްރެކްޓް މުވައްޒަފުން ވަކިކުރަން ނިންމިކަން އިއުލާން ކުރީ މިދިޔަ މަހު އެވެ.

މަޝްރޫއުތައް ހުއްޓިފައި ވަނިކޮށް އެ މަޝްރޫއުތަކަށް ނަގާފައި ތިބި މުވައްޒަފުންނަށް މުސާރަ ދޭން ޖެހޭތީ އުނދަގޫތަކެއް ދިމާވާކަން ފާހަގަކުރައްވާ މުއާޒް ކުރިން ވިދާޅުވީ އެ މުވައްޒަފުންނަށް ހަތް މިލިއަނާއި ނުވަ މިލިއަން ރުފިޔާއާ ދެމެދުގެ އަދަދަކަށް ފައިސާ ހަރަދުވާ ކަމަށެވެ.

ސަރުކާރުން ގިނަ އަދަދެއްގެ ސިޔާސީ މުވައްޒަފުން ނަގައި، އެ މުވައްޒަފުންނަށް ބޮޑު ހޭދައެއްކޮށް، ސަރުކާރު ހިއްސާވާ ކުންފުނިތަކުން އާދައިގެ މުވައްޒަފުންނާ ގުޅޭ މިފަދަ ނިންމުންތައް ނިންމާތީ ގިނަ ބަޔަކު އަންނަނީ ހިތްހަމަނުޖެހުން ފާޅުކުރަމުންނެވެ.