Advertisement

ފިކުރީ ގޮންޖެހުންތަކާ އެއްވަރަށް ދީނީ ލީޑަރުން ތަމްރީނު ކުރަން ޖެހޭ: ޝަހީމް

18 ސެޕްޓެންބަރު 2024 - 14:15 0

މުހައްމަދު ނަސީމް

މުހައްމަދު ނަސީމް

އިސްލާމިކް މިނިސްޓަރު ޑރ.މުހައްމަދު ޝަހީމް އަލީ ސައީދު ޖަލްސާއެއްގައި ވާހަކަދައްކަވަނީ. ފޮޓޯ: އަބްދުﷲ އިޔާން/އަދަދު


ފިކުރީ ގޮންޖެހުންތަކާ އެއްވަރަށް ދީނީ ލީޑަރުން ތަމްރީނު ކުރަން ޖެހޭ: ޝަހީމް

18 ސެޕްޓެންބަރު 2024 - 14:15 0

ދީނީ ހަރުކަށި ހިޔާލުތަކުގެ ގޮންޖެހުންތަކާއި ލާދީނީ އޮއިވަރު ހިމެނޭ ގޮތުން ރާއްޖެއަށް ފިކުރީ ގޮންޖެހުންތައް ބޮޑު ކަމަށާއި ދީނީ ލީޑަރުންގެ ގޮތުގައި އިމާމުން ތަމްރީނު ކުރުމުގެ ބޭނުންތެރިކަން ބޮޑުވެފައިވާ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިއަދު ވިދާޅުވެއްޖެ އެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޝަހީމް ވިދާޅުވީ އިމާމުންގެ ފެންވަރު މަތިކޮށް، ހަރުދަނާ ޝަހުޝިއްޔަތުތަކަކަށް ހަދަން ސަރުކާރުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުން ކަމަށެވެ. އިމާމުންނަކީ ރަށްރަށުގައި ވަރަށް މުހިންމު ދައުރެއް އަދާކުރަމުން ގެންދާ ބައެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"މިއަދު އަޅުގަނޑުމެން މިވަނީ ފިކުރީ ގޮތުން މުޖުތަމައަށް ކުރިމަތިވާ ގޮންޖެހުންތަކާ އެއްވަރަށް އަަޅުގަނޑުމެންގެ ދީނީ ލީޑަރުން ތަމްރީނު ކުރުމަށް ބޭނުން ޖެހިފައި. ފިކުރީ ގޮތުން ދިވެހި ގައުމަށް ވަރަށް ގިނަ ގޮންޖެހުންތައް ކުރިމަތިވެފައި ވަނީ. ދީނީ ހަރުކަށި ހިޔާލުގެ ގޮންޖެހުންތަކާއި އަދި ލާދީނީ އެކިއެކި އޮއިވަރުތަކާ މިކަންކަމުގެ ތެރޭގައި އަޅުގަނޑުމެންގެ ގައުމީ ނައު ދަތުރުކުރަމުންދާ އިރުގައި ހަރުދަނާ، ރަނގަޅު ވިސްނުމުގެ މައްޗަށް ތަރުބިއްޔަތު ވެފައިވާ ދީނީ ލީޑަރުންތަކެއް، ދީނީ އިރުޝާދު ރަށްތަކުގެ އަހުލުވެރިންނަށް ދެވޭ ވަރަށް އަޅުގަނޑުމެންގެ އިމާމުން، ތަރުބިއްޔަތު ވެ ތަމްރީނުވެފައި ތިބުމަކީ ވަރަށް މުހިންމު ކަމެއް،" ޝަހީމް ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި ސަރުކާރުން އަންނަނީ އެ މަސައްކަތް، ގައުމީ ޕްރޮގްރާމެއްގެ ގޮތުގައި ހާއްސަ މަންހަޖެއްގެ ތެރެއިން ހިންގަމުންނެވެ. އެ ޕްރޮގްރާމްގެ ތެރެއިން މިހައިތަނަށް 402 އިމާމުން ތަމްރީނު ކޮށްފައި ވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ރާއްޖޭގައި ހަރުކަށި ހިޔާލާއި ލާދީނީ އޮއިވަރުގެ މައްސަލައަށް އެޑްރެސްކުރަން އިސްލާމިކް މިނިސްޓްރީން ކުރަމުން އަންނަނީ ކޮން މަސައްކަތެއްތޯ "އަދަދު"ން ސުވާލުކުރުމުން ޝަހީމް ވިދާޅުވީ ހަރުކަށި ފިކުރުތައް އާއްމުވުން އެއީ ރާއްޖެއަށް އެކަނި ކުރިމަތިވެފައި އޮތް ކަމެއް ނޫން ކަމަށާއި ދުނިޔޭގެ ނިސްބަތުން ރާއްޖޭގެ ހާލަތު ރަނގަޅު ކަމަށެވެ.

"އެއީ ގައުމަށް އޮތް ނުރައްކަލެއްގެ ގޮތުގައި އަޅުގަނޑަކަށް އެހާ ބޮޑަށް ފާހަގައެއް ނުކުރެވޭ، އެހެން ގައުމުތަކާ ބަލާފައި، އެހެން ބައެއް ގައުމުތަކާ ބަލާފައި،" ޝަހީމް ވިދާޅުވި އެވެ.

ރާއްޖޭގައި އެ މައްސަލައަށް އިލްމީ ގޮތުން ހައްލު ހޯދޭނެ ކަމަށް ގަބޫލުކުރައްވާ ކަމަށް ވެސް ވިދާޅުވި އެވެ.