Advertisement

އެފްޓީއޭގެ ދަށުން ދިވެހި ވިޔަފާރިތަކަށް ލިބޭ ފުރުސަތުތައް ޗައިނާގެ ވިޔަފާރިތަކަށް ނުލިބޭނެ

17 ސެޕްޓެންބަރު 2024 - 18:49 0

ސާއިފް ޝިޔާދު

ސާއިފް ޝިޔާދު

އިކޮނޮމިކް މިނިސްޓަރު ސައީދު. ޗައިނާގެ އިތުރުން އެހެން ގައުމުތަކާއެކު ވެސް އެފްޓީއޭ ގާއިމުކުރަން ސަރުކާރުން ދަނީ މަސައްކަތް ކުރަމުން. --- ފޮޓޯ: ރައީސް އޮފީސް


އެފްޓީއޭގެ ދަށުން ދިވެހި ވިޔަފާރިތަކަށް ލިބޭ ފުރުސަތުތައް ޗައިނާގެ ވިޔަފާރިތަކަށް ނުލިބޭނެ

17 ސެޕްޓެންބަރު 2024 - 18:49 0

ޗައިނާއާއެކު ހަދާފައި އޮތް ފްރީ ޓްރޭޑް އެގްރިމެންޓުގެ ދަށުން ދިވެހި ވިޔަފާރިތަކަށް ޗައިނާގައި ލިބޭ ފުރުސަތުތައް ރާއްޖޭގައި ޗައިނާގެ ވިޔަފާރިތަކަށް ނުލިބޭނެ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.

ރައީސް އޮފީހުގައި މިއަދު ހަވީރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ސައީދު ހާމަކުރެއްވި ގޮތުގައި އެ އެފްޓީއޭއަށް އަންނަ ޖެނުއަރީން ފެށިގެން އަމަލުކުރާނެ އެވެ. އޭގެ ދަށުން ބެއިޖިން, ޝަންހާއީ އަދި ޓިއަންޖިންގެ ފްރީ ޒޯންތަކުގައި ދިވެހި ޓްރެވަލް އޭޖެންޓުންނާއި ޓުއާ އޮޕަރޭޓަރުންނަށް ހަރަކާތްތެރިވެވޭނެ ކަމަށް ސައީދު ވިދާޅުވި އެވެ.

"އަދަދު" ނޫހުން ސުވާލުކުރީ ޗައިނާގެ ފްރީ ޒޯންތަކުގައި ދިވެހިންނަށް އޮޕަރޭޓު ކުރެވޭ ގޮތަށް ރާއްޖޭގައި ޗައިނާގެ ވިޔަފާރިތަކަށް ހަރަކާތްތެރިވެވޭނެތޯ އެވެ.

"ދިވެހިރާއްޖޭގައި އެ ބޭފުޅުންނަށް ހަރަކާތްތެރިއެއް ނުވެވޭނެ އީކުއަލް ޓާފްގައި (އެއްހަމައެއްގައި). އަޅުގަނޑުމެން ހުންނާނެ ރެސްޓްރިކްޝަންތަކެއް ލާފައި ދިވެހި ކުންފުނިތައް ހިމާޔަތް ކުރަން. ކުރިއަށް އޮތް ތަނުގައި ވެސް ސަރުކާރުން ކަންކަން ކުރިއަށް ގެންދާނީ އެގޮތަށް," އެ ސުވާލުގެ ޖަވާބުގައި ސައީދު ވިދާޅުވި އެވެ.

ދެ ގައުމުގެ މެދުގައި އެ ގައުމެއްގެ ފައިސާއަކުން މުއާމަލާތް ކުރެވޭ ގޮތް ހަދާފައިވާއިރު މާލީ ގޮތުން ވިޔަފާރިއަށް ފަހި ކުރުމަށް އިތުރު މަސައްކަތްތަކެއް ކުރަމުންދާ ކަމަށް ވެސް ސައީދު ވިދާޅުވި އެވެ.

ޗައިނާއާއެކު ހަދާފައި އޮތް ފްރީ ޓްރޭޑް އެގްރިމެންޓުގެ އިތުރުން އިންޑިއާއާ އެކު ވެސް އެފަދަ އެގްރިމެންޓެއް ހަދަން މަސައްކަތް ކުރަމުންދާ ކަމަށް މިއަދު ވެސް ސައީދު ވިދާޅުވި އެވެ.

ޗައިނާއާއެކު މިހާރު ވެސް 700 މިލިއަން ޑޮލަރުގެ ވިޔަފާރި ކުރާ ކަމަށާއި އެކަމަކު ފްރީ ޓްރޭޑް އެގްރިމަންޓަށް އަމަލު ކުރަން ފެށުމުން އެ އަދަދު ވަރަށް ބޮޑުތަނުން އިތުރުވެ، އެއް ބިލިއަން ޑޮލަރަށް އަރާނެ ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ.