Advertisement

ތުރެޓު އެސެސްމަންޓަކަށް ފަހު މިނިސްޓަރު އިހުސާނުގެ ސެކިއުރިޓީއާ ސިފައިން ހަވާލުވެއްޖެ

17 ސެޕްޓެންބަރު 2024 - 13:56 1

އަހުމަދު އާއިދު

އަހުމަދު އާއިދު

ހޯމް މިނިސްޓަރު އިހުސާން: ތުރެޓު އެސެސްމަންޓަކަށްފަހު އޭނާގެ ސެކިއުރިޓީ ބެލެހެއްޓުމާ ސިފައިން ވަނީ ހަވާލުވެފަ --- ފޮޓޯ: ރައީސް އޮފީސް


ތުރެޓު އެސެސްމަންޓަކަށް ފަހު މިނިސްޓަރު އިހުސާނުގެ ސެކިއުރިޓީއާ ސިފައިން ހަވާލުވެއްޖެ

17 ސެޕްޓެންބަރު 2024 - 13:56 1

ދައުލަތުގެ ވަޒީރުންގެ ސެކިއުރިޓީއާ ގުޅޭގޮތުން ހަދާ ތުރެޓު އެސެސްމަންޓަށް ފަހު ފުލުހުންގެ ބަދަލުގައި ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާންގެ ސެކިއުރިޓީ ބެލެހެއްޓުމާ ސިފައިން ހަވާލުވެއްޖެ އެވެ.

އާންމު އުސޫލުގެ ދަށުން ވަޒީރުންގެ ތެރެއިން ސިފައިން ސެކިއުރިޓީ ފޯރުކޮށްދެނީ ޑިފެންސް މިނިސްޓަރަށެވެ. ނަމަވެސް, މިދިޔަ ހަފުތާއިން ފެށިގެން ހޯމް މިނިސްޓަރުގެ ހަށިފާރަވެރިންގެ ގޮތުގައި ވެސް ހަރަކާތްތެރިވަނީ ސިފައިންނެވެ.

އެކަން މިނިސްޓަރު އިހުސާން ވަނީ "އަދަދު" އަށް ކަށަވަރު ކޮށްދެއްވާފަ އެވެ.

"ފުލުހުންނާއި ސިފައިން ސެކިއުރިޓީ މި ބަލަހައްޓާ ހުރިހާ މީހުންނަށްވެސް ރޫޓިންކޮށް ހަދާނެ ސެކިއުރިޓީ އެސެސްމަންޓެއް. އެ އެސެސްމަންޓަށް ބަލާފަ ބުނާނީ ސެކިއުރިޓީ ލެވެލް މަތިކުރަން،" ފޯނުން ވާހަކަ ދައްކަވަމުން އިހުސާން ވިދާޅުވި އެވެ.

މި ސަރުކާރުގައި އެންމެ ނުފޫޒުގަދަ އެއް ވަޒީރުގެ ގޮތުގައި ފާހަގަކުރެވޭ އިހުސާނުގެ ވުޒާރާގެ ދަށުން ގިނަ އިދާރާތަކެއް ދަނީ ހިންގަމުންނެވެ. އޭގެތެރޭގައި ފުލުހުންނާއި އިމިގްރޭޝަން އަދި ކަސްޓަމްސް ހިމެނެ އެވެ.

މި އިދާރާތަކުން އެކުލަވާލާފައިވާ ހާއްސަ ޓާސްކްފޯހަކުން މިހާރު ކުރިއަށް ގެންދާ އެންމެ ވަރުގަދަ އޮޕަރޭޝަނަކީ ބިދޭސީ މަސައްކަތްތެރިންގެ މައްސަލަ ހައްލުކުރަން ކުރާ މަސައްކަތެވެ. އެގޮތުން ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ބަންދުކޮށް ޑީޕޯޓުކުރުމާއި އެމީހުން ހިންގަމުންދާ ވިޔަފާރިތައް ހުއްޓުވުމުގެ މަސައްކަތް ހޯމް މިނިސްޓްރީގެ ދަށުން ދަނީ ކުރަމުންނެވެ.

އޭގެއިތުރުން ގޭންގުތައް ނައްތާލާ ގޭންގު ކުށްތައް ހުއްޓުވުމަށް ގިނަ މަސައްކަތްތަކެއް ކުރަން ރާވާފައިވާ ކަމަށް އިހުސާން ވަނީ މީގެކުރިން ވިދާޅުވެފަ އެވެ.