17 ސެޕްޓެންބަރު 2024 - 13:21 3
އަމަން ހަލީމް
ޕްރިންސިޕަލް ސެކްރެޓަރީ ޓު ދަ ޕްރެޒިޑެންޓް އޮން ކެބިނެޓް އެފެއާޒް އަލީ ހަބީބު: އޭނާގެ އިތުރުން އެހެން ދެ މީހަކު ވެސް ބޭންކުގެ ބޯޑަށް އައްޔަނުކުރަން ސަރުކާރުން ހުށަހަޅާފައިވޭ -- ފޮޓޯ: ރައްޔިތުންގެ މަޖިލިސް
17 ސެޕްޓެންބަރު 2024 - 13:21 3
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ޑިރެކްޓަރުންގެ ބޯޑުގެ ޗެއާމަންގެ މަގާމަށް ޕްރިންސިޕަލް ސެކްރެޓަރީ ޓު ދަ ޕްރެޒިޑެންޓް އޮން ކެބިނެޓް އެފެއާޒްގެ މަގާމުގައި ހުންނެވި އަހްމަދު އަލީ ހަބީބު އައްޔަނުކުރަން ސަރުކާރުން ހުށަހަޅައިފި އެވެ.
ބީއެމްއެލްގެ ހިއްސާދާރުންނަށް ފޮނުވި ލިޔުމެއްގައިވާ ގޮތުގައި، މިހާރު ހުށަހަޅާފައިވާ ދެ މީހުންގެ އިތުރުން ހަބީބު އައްޔަނުކުރަން ސަރުކާރުން ހުށަހެޅީ ބޭންކުގެ ހިންގާ ގަވާއިދުގެ 49 ވަނަ މާއްދާގެ ދަށުންނެވެ.
ބޭންކުގެ ހިންގާ ގަވާއިދުގެ 49 މާއްދާގައި އޮންނަނީ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގައި ހުސްވެފައިވާ މަމާމުތަކަށް އައްޔަނުކުރުމަށް ހުށަހަޅާ ޑިރެކްޓަރުންގެ އަދަދު ހުސްވެފައިވާ މަގާމުތަކުގެ އަދަދާ އެއްވަރުވާ ހާލަތުގައި ނުވަތަ މަދުވާ ހާލަތުގައި، ކުންފުނީގެ ހިއްސާދާރުންނަށް އެ މަގާމުތަކަށް ޑިރެކްޓަރުންގެ ނަން ހުށަހެޅީދާނެ ކަމުގަ އެވެ.
ބީއެމްއެލްއިން ބުނީ އެ ބޭންކުގެ އެޕޮއިންޓްމަންޓު، ނޮމިނޭޝަން އެންޑް ރެނިއުމަރޭޝަން ކޮމިޓީން ހަބީބަކީ ބޭންކުގެ ބޯޑަށް އައްޔަނުކުރަން ގާބިލު ކަމަށް ފާސްކޮށްފައިވާ ކަމަށެވެ.
ބީއެމްއެލްގެ ބޯޑުން މި މަގާމު ހުސްވީ، ބޭންކުގެ ހާއްސަ ޖަލްސާގެ އެޖެންޑާ އިއުލާންކުރި ފަހުން އެ ބޭންކުގެ ސީއޯއޯ އަދި ކާލް ސްޓުމްކާ އިސްތިއުފާދެއްވުމާ ގުޅިގެންނެވެ. މި ހާއްސަ ޖަލްސާ އޮންނާނީ އަންނަ ހަފުތާގަ އެވެ.
ކެބިނެޓް ސެކެޓްރީގެ މަގާމަށް ވަޑައިގަތުމުގެ ކުރިން ހަބީބަކީ އެޕޯލޯ ހޯލްޑިންސްގެ ކުންފުނީގެ ޖެނެރަލް މެނޭޖަރަކަށް 16 އަހަރު ވަންދެން ހުންނެވި މީހެކެވެ. އެ މުއްދަތުގެ ތެރޭގައި އޭނާ ވަނީ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ ބޯޑު ޑިރެކްޓަރެއްގެ މަގާމު ވެސް، އޭޕްރިލް، 2012 އިން ފެބްރުއަރީ، 2019 ގެ ނިޔަލަށް އަދާކުރައްވާފަ އެވެ.
ހަބީބު މަތީ ތައުލީމު ހާސިލުކުރެއްވީ އެކައުންޓިން ދާއިރާއިންނެވެ. އޭނާއަކީ އިނގިރޭސިވިލާތުގެ ޗާޓާޑް އިންސްޓިޓިއުޓް އޮފް މެނޭޖްމަންޓް އެކައުންޓަންޓްސްގެ (ސީމާ) ގެ މެމްބަރެއް ވެސް މެ އެވެ. އޭގެ އިތުރުން އޭނާއަކީ މެގެޓޮން އާއި ކޮކޯބޮލޯ މޯލްޑިވްސް އާއި ދި އެކްސްކުއިޒިޓް ހޮލިޑޭސްގެ މެނޭޖިން ޑިރެކްޓަރެވެ.
ބީއެމްއެލްގެ ހާއްސަ ޖަލްސާ ބާއްވަނީ އެ ބޭންކުގެ މައި ހިއްސާދާރުގެ ހައިސިއްޔަތުން ސަރުކާރުން ބޭނުންވެގެންނެވެ.
Comment