Advertisement

އިމިގްރޭޝަންގެ އޮފިސަރަކަށް ހެދިގެން ގޮސް ބިދޭސީއެއް އަތުން ފޭރިއްޖެ

17 ސެޕްޓެންބަރު 2024 - 10:48 0

އަހުމަދު އާއިދު

އަހުމަދު އާއިދު

ިމި މައްސަލާގައި ފުލުހުން ހައްޔަރުކުރި މީހާ: އޭނާއާއެކު ބިދޭސީން އުޅޭ ތަނަށް އިތުރު ދެ މީހުން ވަތް --- ފޮޓޯ: ފުލުހުން


އިމިގްރޭޝަންގެ އޮފިސަރަކަށް ހެދިގެން ގޮސް ބިދޭސީއެއް އަތުން ފޭރިއްޖެ

17 ސެޕްޓެންބަރު 2024 - 10:48 0

އިމިގްރޭޝަންގެ އޮފިސަރަކަށް ހެދިގެން ގޮސް ބިދޭސީ މީހެއްގެ އަތުން ފައިސާތަކެއް ފޭރުނު މައްސަލައެއްގައި މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ، އިމިގްރޭޝަންގެ އޮފިސަރެއްގެ ނަމުގައި ބިދޭސީން ދިރިއުޅޭ ތަނަކަށް ވަނީ ތިން މީހަކު ކަމަށެވެ. އޭގެ ތެރެއިން ހައްޔަރުކޮށްފައިވަނީ ގ. ބެރުގެ، މުހައްމަދު ނަވީން، 44، އެވެ.

އޭނާ ހައްޔަރުކުރީ ކޯޓު އަމުރެއްގެ ދަށުން ކަމަށް ފުލުހުން ބުންޏެވެ. އެ މައްސަލަ ރިޕޯޓުކޮށްފައިވަނީ އިއްޔެ އެވެ.

ފުލުހުން ބުނީ ބިދޭސީން އުޅޭ ތަނަށް ވަދެ ނަވީން އާއި އިތުރު ދެ މީހަކު ވެގެން ބަންގްލަދޭޝް މީހެއްގެ އަތުން މޯބައިލް ފޯނަކާއި 9،000ރ. ފޭރިގަނެފައިވެ އެވެ.

އެ މައްސަލަ އިތުރަށް ތަހުގީގުކުރަމުންދާ ކަމަށް ފުލުހުން ބުނި ނަމަވެސް ނަވީން އާއެކު ދެން އެތަނަށް ވަން ދެ މީހުން މިހާތަނަށް ދެނެގަނެވިފައިވާ ކަމެއް ފުލުހުން ސާފުކޮށްދީފައެއް ނުވެ އެވެ.

އިމިގްރޭޝަންގެ އޮފިސަރުންނަށް ހެދިގެން ފޭރިފައި މި ވަނީ، ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރަން އެ އިދާރާއިން ބޮޑު އޮޕަރޭޝަނެއް ފަށާފައި އޮއްވަ އެވެ. އެގޮތުން ވޭތުވެދިޔަ ދެތިން މަސްދުވަސް ތެރޭ ގަވާއިދާ ހިލާފަށް އުޅޭ ގިނަ އަދަދެއްގެ ބިދޭސީން ވަނީ ޑީޕޯޓުކޮށްފަ އެވެ.

މީގެ ކުރިން ވެސް އިމިގްރޭޝަންގެ އޮފިސަރުންނަށް ހެދިގެން ސްކޭމް ކުރުމުގެ މައްސަލަތަކެއް ފެންމަތިވި އެވެ. އެފަހަރު ބޭރު ބަޔަކު އިމިގްރޭޝަނުގެ ޔުނީފޯމާ އެއްގޮތް ޔުނީފޯމެއް އަޅައިގެން ވީޑިއޯ ކޯލު ކޮށް ޒާތީ މައުލޫމާތާއި ފޭސް އައިޑީ ފަދަ ތަކެތި ހޯދި ކަމަށްވެ އެވެ. އެކަމަށް ސަމާލުވުމަށް މި ފަހުން އެ އިދާރާއިން ވަނީ އިލްތިމާސްކޮށްފަ އެވެ.