Advertisement

ކުންފުނީގެ ބިލަށް ބަދަލެއް ނުގެނެސް 10 މިނެޓު ތެރޭ ކޮމިޓީން ފާސްކޮށްފި

16 ސެޕްޓެންބަރު 2024 - 12:13 0

އަހުމަދު އާއިދު

އަހުމަދު އާއިދު

މަޖިލީހުގެ އިގުތިސޯދީ ކޮމިޓީގެ ބައްދަލުވުމެއްގެ ތެރެއިން: އެ ކޮމިޓީން މިއަދު ވަނީ ކުންފުނީގެ ބިލު ބަދަލެއް ނުގެނެސް ކޮމިޓީން ފާސްކޮށްފަ --- ފޮޓޯ: މަޖިލިސް އިދާރާ


ކުންފުނީގެ ބިލަށް ބަދަލެއް ނުގެނެސް 10 މިނެޓު ތެރޭ ކޮމިޓީން ފާސްކޮށްފި

16 ސެޕްޓެންބަރު 2024 - 12:13 0

ދައުލަތުގެ ކުންފުނިތަކުން، އަމިއްލަައަށް އެކުލަވައިލާ ހިންގާ ގަވާއިދުގެ ދަށުން ކުންފުނީގެ ބޯޑަށް ޑިރެެކްޓަރުން އިތުރުކުރެވޭ ގޮތަށް ކުންފުނީގެ ގާނޫނު ބަދަލުކުރަން ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބިލު އިތުރު އެއްވެސް ބަދަލެއް ނުގެނެސް މަޖިލީހުގެ އިގުތިސޯދީ ކޮމިޓީން ފާސްކޮށްފި އެވެ.

ސަރުކާރުގެ ފަރާތުން، ރައްޔިތުންގެ މަޖިލީހުގެ ފޭދޫ އުތުރު ދާއިރާގެ މެންބަރު އިސްމާއީލް ނިޒާމު މި ބިލު މަޖިލީހަށް ހުށަހެޅުއްވީ ސެޕްޓެމްބަރު 11، ގަ އެވެ. އެ ބިލުގެ އިބްތިދާއީ ބަހުސަށްފަހު ބިލު ބަލައިގަނެ ކޮމިޓީއަށް ފޮނުވަން ފާސްކުރީ މިއަދު އެވެ.

ބިލު ބަލައިގަތީ ވޯޓުގައި ބައިވެރިވި 77 މެންބަރުންގެ އިއްތިފާގުންނެވެ.

މި ބިލު ދިރާސާ ކުރުމަށް އިގުތިސޯދީ ކޮމިޓީގެ ބައްދަލުވުން ފެށީ މިއަދު ހެދުނު 11:30 ގަ އެވެ. ސަރުކާރުން ހުށަހެޅި ބިލަށް އެއްވެސް ބަދަލެއް ނުގެނެސް ކޮމިޓީން ފާސްކޮށް އަނބުރާ ތަޅުމަށް ފޮނުވަން ނިންމީ ކޮމިޓީ ބައްދަލުވުމުގައި ބައިވެރިވި އަށް މެންބަރުންގެ އިއްތިފާގުންނެވެ.

ކުންފުނީގެ ގާނޫނަށް ގިނަ ބަދަލުތަކެއް ގެންނަން ހުށަހެޅި މި ބިލުގައި ބަދަލުކުރަން ހުށަހަޅާފައިވާ އެއް މާއްދާ އަކީ ކުންފުނިތަކުގައި ޑިރެކްޓަރުން ތިބޭނެ ގޮތް ބަޔާންކުރާ، 113 ވަނަ މާއްދާ އެވެ. އެ މާއްދާގެ (ރ) ގައި މިހާރު އޮތް ގޮތުން ސަރުކާރު ކުންފުންޏެއްގެ ބޯޑުގައި އެންމެ މަދުވެގެން ތިބޭނެ ޑިރެކްޓަރުންގެ އަދަދު ކަނޑައެޅޭނީ އެހެން ގާނޫނަކުން، އެ ކުންފުންޏެއް އުފައްދާ ގާނޫނުން ނުވަތަ ގަރާރަކުންނެވެ.

އާ ބިލުގައި އޮތް ގޮތުން ކުންފުނީގެ ހިންގާ ގަވައިދުން ވެސް ބޯޑު މެންބަރުންގެ އަދަދު ކަނޑައެޅޭނެ އެވެ.

ކުންފުނިތަކުގެ އަހަރީ އާއްމު ޖަލްސާ ބާއްވަން ގާނޫނުގައި މިހާރު ދީފައި އޮތް މުހުލަތު ކުރުކުރަން ވެސް މި ބިލުގައި އެބަ އޮތެވެ. ކުންފުނީގެ ގާނޫނުގެ 100 ވަަނަ މާއްދާގައިވާ ގޮތުން އަހަރީ އާއްމު ޖަލްސާ ބާއްވަން، އެކަމަށް އޮންނަ އުސޫލުން ހުށަހަޅައިފި ނަމަ ޖަލްސާގެ ދައުވަތު ދޭން 21 ދުވަހުގެ މުހުލަތެއް އޮވެ އެވެ. އަދި ޖަލްސާ ބާއްވަން ޖެހޭނީ ޖަލްސާ ބާއްވަން ހުށަހަޅާތާ ތިން މަސްދުވަހުގެ ތެރޭގަ އެވެ.