Advertisement

"އަދަދު" ނޫހުން ގެނެސްދިން "ބައިލައްކަ" ޑޮކިއުމެންޓްރީގެ މަައްސަލަ ރައީސް އޮފީހުން އެމްއެމްސީއަށް ހުށަހަޅައިފި

15 ސެޕްޓެންބަރު 2024 - 14:18 1

އަހުމަދު އާއިދު

އަހުމަދު އާއިދު

ރައީސް މުއިއްޒު އަދި ރައީސް އޮފީހުގެ ކޮމިއުނިކޭޝަން މިނިސްޓަރު ހަލީލު: "ބައިލައްކަ" ޑޮކިއުމެންޓްރީއާ ގުޅުވާ އަދަދު ނޫހުގެ މައްސަލަ ރައީސް އޮފީހުން އެމްއެމްސީއަށް ހުށަހަޅައިފި --- ފޮޓޯ: ރައީސް އޮފީސް


"އަދަދު" ނޫހުން ގެނެސްދިން "ބައިލައްކަ" ޑޮކިއުމެންޓްރީގެ މަައްސަލަ ރައީސް އޮފީހުން އެމްއެމްސީއަށް ހުށަހަޅައިފި

15 ސެޕްޓެންބަރު 2024 - 14:18 1

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ފަރާތުން ޕީއެންސީގެ މެންބަރުންނަށް ފައިސާ ދެއްވާ ވާހަކައަށް ބިނާކޮށް މި ނޫހުން ގެނެސްދިން "ބައިލައްކަ" ޑޮކިއުމެންޓަރީ އާއި އެވާހަކަ ގެނެސްދިން ހަބަރުތަކުގެ މައްސަލަ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އަށް ހުށަހަޅައިފި އެވެ.

ޑޮކިއުމެންޓްރީ އާއި "ރައީސްގެ ފަރާތުން ޕީއެންސީގެ ކޮންމެ މަޖިލިސް މެންބަރަކަށް މިމަހު 75،000 ރުފިޔާ" ސުރުހީގައި ޝާއިއުކުރި ހަބަރާ ގުޅިގެން "ގާނޫނީ ފިޔަވަޅު" އަޅަން އެދޭނެ ކަމަށް ސަރުކާރުން ބުނީ ސެޕްޓެމްބަރު 11، ގަ އެވެ.

އެކަމުގެ ތަފުސީލު ހޯދުމަށް ސުވާލުކުރުމުން ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ، މިހާރު އެ މައްސަލަ މީޑިއާ ކައުންސިލަށް ހުށަހަޅާފައިވާނެ ކަމަށެވެ.

"އަދަދު ނޫހުން ކަނޑައެޅިގެން ދޮގު މައުލޫމާތު ފެތުރި މައްސަލަ އެމްއެމްސީއަށް ވާނީ ހުށަހާޅާފަ،" އޭނާ ވިދާޅުވި އެވެ.

ޑޮކިއުމެންޓަރީ އާއި ހަބަރު ގެނެސްދިން ދުވަހު ތަރުޖަމާނުގެ ރަސްމީ ސޯޝަލް މީޑިއާ އެކައުންޓުން ކުރެއްވި ޕޯސްޓުގައި ހީނާ ވަނީ، އެއީ ރައީސްއަށް ނިސްބަތްކޮށް ފިތުނަ އުފެއްދުމުގެ ބޭނުމުގައި ފެތުރި ހަބަރެއް ކަމަށެވެ.

"ރައީސުލްޖުމްހޫރިއްޔާއަށް ނިސްބަތްކޮށް، ފިތުނަ އުފެއްދުމުގެ ބޭނުމުގައި މިފަދަ ދޮގު ހަބަރެއް ފެތުރި މައްސަލަ ކަމާބެހޭ ފަރާތްތަކަށް ހުށަހަޅައި ގާނޫނީ ފިޔަވަޅު އެޅުމުގެ މަސައްކަތް މިދަނީ ކުރަމުން،" އޭނާ އެދުވަހު ލިޔުއްވި އެވެ.

ކޮންމެ މަހެއްގައި ވެސް މެންބަރުންނަށް ފައިސާ ބަހާ ވާހަކަ މި ނޫހުން ގެނެސްދީފައިވާނެ އެވެ. އެ ހަބަރުތައް ގެނެސްދީފައިވާނީ ފައިސާ ލިބުނު ޕީއެންސީގެ ބައެއް މެންބަރުން ނަން ސިއްރު ކުރުމަށް އެދި މި ނޫހާ ދެއްކި ވާހަކަތަކުގެ މައްޗަށް ބިނާކޮށެވެ.

"ބައިލައްކަ" ނަމުގައި މިދިޔަ ހަފުތާ ގެނެސްދިން ޑޮކިއުމެންޓްރީ އަށް ޕީއެންސީގެ ލީޑަޝިޕްގެ ބަސް ހޯދަން މަސައްކަތް ކުރި ނަމަވެސް، އެއްވެސް ބޭފުޅަކު ޖަވާބެއް ނުދެއްވި އެވެ. އަދި ކަޅު ދަބަސް އުފުލި ދުވާފަރު މެންބަރު މުހައްމަދު އަލީ ވެސް ޖަވާބެއް ނުދެއްވި އެވެ.