Advertisement

ކަރަންޓު ރީޑިން ނުނަގާ ކަމަށް ޔާމީން ވިދާޅުވި ވާހަކައަށް ސްޓެލްކޯއިން ރައްދު ދީފި

15 ސެޕްޓެންބަރު 2024 - 11:05 1

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން

ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސެއިން ފަހުމީ -- ފޮޓޯ: އަދަދު


ކަރަންޓު ރީޑިން ނުނަގާ ކަމަށް ޔާމީން ވިދާޅުވި ވާހަކައަށް ސްޓެލްކޯއިން ރައްދު ދީފި

15 ސެޕްޓެންބަރު 2024 - 11:05 1

ކަރަންޓު ރީޑިން ނަގަން ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) ގެ މުވައްޒަފުން މިހާރު ނުދާ ކަމަށް ބުނެ ކުރީގެ ރައީސް އަބްދުﷲ ޔާމީން ދެއްކެވި ވާހަކަތައް ކުށްވެރިކޮށް އެ ކުންފުނިން މިއަދު ބަޔާނެއް ނެރެފި އެވެ.

ސްޓެލްކޯއިން ނެރުނު ނޫސް ބަޔާނެއްގައި ބުނީ ކޮންމެ މަހަކު ކަސްޓަމަރުންގެ ގޭގެއަށް ގޮސް މީޓަރުތަކުގެ ރީޑިން ނަގައި ބިލުތައް ތައްޔާރުކޮށް ފޮނުވުމާއި ބިލަށް ފައިސާ ބަލައިގަނެ ކަސްޓަމަރުން ބޭނުންވާ ހިދުމަތްތައް ދޭން އެ ކުންފުނީގެ މުވައްޒަފުން 24 ގަޑިއިރު މަސައްކަތް ކުރަމުންދާ ކަމަށެވެ.

"މިދެންނެވި އުސޫލުތަކާއި ހިލާފަށް މި ކުންފުނިން އަމަލު ނުކުރާނެ ކަމުގެ ފުރިހަމަ ޔަގީންކަމާއި އިތުބާރު ރައްޔިތުންނަށް އަރުވަން. އަދި މިއާ ހިލާފަށް އަމަލު ކުރަމުންދާ ކަމަށް ބުނެ ބައެއް ފަރާތްތަކުން އަޑު ފަތުރަމުންދާ ކަމީ ހިތާމަ ހުރި ކަމެއް. ރައްޔިތުންގެ މެދުގައި އޮތް ކުންފުނީގެ ތަސައްވުރު ނައްސިވާ ގޮތަށް މިފަދަ ޒިންމާދާރުކަން ކުޑަ ވާހަކަތައް ފެތުރުން މި ކުންފުނިން ވަރަށް ހަރުކަށި އިބާރާތުން ކުށްވެރި ކުރަން،" ސްޓެލްކޯގެ ބަޔާނުގައި ބުނެފައިވެ އެވެ.

ގޭގޭގެ ކަރަންޓު މީޓަރުގެ ރީޑިން ނަގަން މިހާރު ނުދާ ކަމަށް ކުރީގެ ރައީސް ޔާމީން ވިދާޅުވީ ބުރާސްފަތި ދުވަހުގެ ރޭ ޕީއެންއެފް އޮފީހުގައި އޮތް އެ ޕާޓީގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަމުންނެވެ. ރައީސް ޔާމީން އެރޭ ވިދާޅުވީ ސްޓެލްކޯއިން މިހާރު ކަރަންޓު މީޓަރުގެ ރީޑިން ނަގަން ނުދާ ކަމަށާއި އެ މައްސަލަ މަދަނީ ކޯޓަށް ވައްދަން ޖެހޭ ކަމަށެވެ.

"ސްޓެލްކޯއިން މިހާރު މީޓަރު ރީޑު ކުރާކަށް ނުދޭ. އެމީހުން ކުރީގެ މީޓަރު ރީޑިންތަކަށް ބަލާފައި އެމީހުން ކޮންމެވެސް ކަހަލަ ގްރޯތު ފެކްޓާއެއް ލާފައި އެކަން ކުރަނީ އިނގޭތޯ. ކޮންމެ ގެއަކަށް ގްރޯތު ފެކްޓާއެއް ލާފައި،" ޔާމީން ވިދާޅުވި އެވެ.

ޔާމީން ވިދާޅުވީ ކޮންމެ އަހަރަކު ވެސް މާލެ ސަރަހައްދުގައި ކަރަންޓު ބޭނުން ކުރާ މިންވަރު އިތުރުވަމުންދާ ކަމަށާއި އޭގެ ސަބަބަކީ އިތުރު ބޮޑެތި އިމާރާތްތައް އަޅަމުން ދިޔުން ކަމަށެވެ. ނަމަވެސް ގޭގެއިން ރީޑިން ނުނަގައި ބިލު ހަދަން ފެށުމުން އެ އިތުރުވާ ކަރަންޓަށްވާ ފައިސާ މިހާރު ބޮޑުވަމުން ދަނީ ހުރިހާ އެންމެންގެ ބިލުތަކަށް ކަމަށް ޔާމީން ވިދާޅުވި އެވެ.

އެ ވާހަކަތައް ދޮގުކޮށް ސްޓެލްކޯއިން ނެރުނު ބަޔާނުގައި ބުނީ އެ ކުންފުންޏަށް ރައްޔިތުން ކުރަމުންދާ އިތުބާރާއި ޔަގީންކަން ދެމެހެއްޓުމަށްޓަކައި ސްޓެލްކޯއިން މިހާރު ވެސް ދެމުންދާ ހިދުމަތްތައް އެގޮތުގައި ކުރިއަށް އޮތް ތަނުގައި ވެސް ދެމުންދާނެ ކަމަށެވެ.

"މިކުންފުނިން ކަސްޓަމަރުންނަށް ދޭން ބޭނުންވާ އިތުބާރާއި، ޔަގީންކަމަކީ މިކުންފުނިން ރީޑިން ނެގުމާ ނުލައި އަދި ކަސްޓަމަރުން ބޭނުން ނުކުރާ ކަރަންޓަކަށް ބިލް ނުފޮނުވާނެކަން. އަދި މި ނޫން އުސޫލަކުން ބިލް ކުރަމުންދޭތޯ ބެއްލެވުމަށް ކަމާއި ގުޅުންހުރި އެންމެހާ މުއައްސަސާތަކަށާއި އެންމެހާ ފަރާތްތަކަށް ދައުވަތު އަރުވަން،" ސްޓެލްކޯގެ ބަޔާނުގައި ބުނެފައިވެ އެވެ.

ވަކި މީހަކަށް ރައްދު ދިނުމަށް ސްޓެލްކޯ ފަދަ ބޮޑު ކުންފުންޏަކުން މިފަދަ ބަޔާނެއް މީގެ ކުރިން ނެރުނުކަން އެނގިފައެއް ނެތެވެ.