Advertisement

އެމްއޭސީއެލްގެ މުވައްޒަފުންނަށް ބޯނަސް ދިނުން ލަސްވެއްޖެ

15 ސެޕްޓެންބަރު 2024 - 09:38 3

އަހުމަދު އާއިދު

އަހުމަދު އާއިދު

އެމްއޭސީއެލް މުވައްޒަފުންތަކެއް: އެ ކުންފުނީގެ މުވައްޒަފުންނަށް ބޯނަސް ދިނުން ވަނީ ލަސްވެފަ --- ފޮޓޯ: އަދަދު


އެމްއޭސީއެލްގެ މުވައްޒަފުންނަށް ބޯނަސް ދިނުން ލަސްވެއްޖެ

15 ސެޕްޓެންބަރު 2024 - 09:38 3

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް (އެމްއޭސީއެލް)ގެ މުވައްޒަފުންގެ އަހަރީ ބޯނަސް ދިނުން ލަސްވެއްޖެ އެވެ.

އާންމުކޮށް އޮގަސްޓު މަހު ދެމުން އަންނަ ބޯނަސް މި އަހަރު ދޭނެ ވަކި ތާރީހެއް ނޭނގޭ ކަމަށް މި ނޫހާ ވާހަކަ ދެއްކި އެ ކުންފުނީގެ ބައެއް މުވައްޒަފުން ވަނީ ބުނެފަ އެވެ.

މިކަމާ ގުޅިގެން "އަދަދު" އިން ސުވާލު ކުރުމުން، އެމްއޭސީއެލްގެ އޮފިޝަލަކު ވިދާޅުވީ މި އަހަރުގެ ބޯނަސް ދިނުން ލަސްވެފައިވާ ކަމަށެވެ. ބޯނަސް ދޭނެ ވަކި ތާރީހެއް ކުންފުނީގެ ބޯޑުން ނިންމާފައި ނުވި ނަމަވެސް ބޯނަސް ނުދިނުމަށް ވިސްނުން ނެތް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. މީގެކުރިންވެސް ބޯނަސް ދިނުމުގައި ލަސްތަކެއް ކުރިމަތިވިކަން އޭނާ ފާހަގަކުރެއްވި އެވެ.

އެމްއޭސީއެލް އަކީ ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ތެރެއިން އެންމެ ބޮޑު އަދަދުތަކުން މުވައްޒަފުންނަށް މުސާރަ ދޭ އެއް ކުންފުންޏެވެ. އެގޮތުން ފާއިތުވި ތިން އަހަރުވެސް އެ ކުންފުނިން ބޯނަހުގެ ގޮތުގައި ކޮންމެ މުވައްޒަފަކަށް 25،000ރ. ދިނެވެ.

ބޮޑު ބޯނަހުގެ އިތުރުން މި ފަހަކާ ޖެހެންދެން ސަރުކާރު ކުންފުނިތަކުގެ ތެރެއިން ޑޮލަރުން މުސާރަ ދެމުންދިޔަ ހަމައެކަނި ކުންފުންޏަކީވެސް އެމްއޭސީއެލް އެވެ. އެ ކުންފުނިން މި މަހު ތިނެއްގެ ކުރިން މުސާރައިގެ ދެބައިކުޅަ އެއްބައި ދެމުން ދިޔައީ ޑޮލަރުންނެވެ.

ނަމަވެސް، ރާއްޖެއަށް މިހާރު ކުރިމަތިވެފައިވާ މާލީ ކާރިސާ އަދި ޑޮލަރުގެ ދަތިކަމުން އަރައިގަތުމަށް އަޅާ ފިޔަވަޅުތަކުގެ ތެރެއިން ޑޮލަރުން މުސާރަ ނުދިނުމަށް އެންގީ ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑް (ޕީސީބީ) އިންނެވެ.

ޕީސީބީގެ ތަފާސްހިސާބުތައް ދައްކާގޮތުން އެމްއޭސީއެލްގައި ޖުމްލަ 4،264 މުވައްޒަފުން އެބަ ތިއްބެވެ.