Advertisement

ގާޑިއޯލާ ބުނީ ވާދަވެރި ޓީމުތައް ބޭނުންވަނީ ސިޓީ އަށް އަދަބުދޭން ކަމަށް

14 ސެޕްޓެންބަރު 2024 - 07:41 0


ގާޑިއޯލާ ބުނީ ވާދަވެރި ޓީމުތައް ބޭނުންވަނީ ސިޓީ އަށް އަދަބުދޭން ކަމަށް

14 ސެޕްޓެންބަރު 2024 - 07:41 0

މެންޗެސްޓާ (ސެޕްޓެމްބަރު 14) - ފުޓްބޯޅަ ކްލަބްތައް ހިންގުމުގައި މާލީ ގޮތުން އަމަލުކުރަން ޖެހޭ ފައިނޭންޝިއަލް ފެއާޕްލޭ (އެފްއެފްޕީ)އާ މެންޗެސްޓާ ސިޓީން ހިލާފުވި މައްސަލައިގެ އަޑުއެހުންތައް ފަށަން ތައްޔާރުވެފައިވާއިރު، ސިޓީގެ ވާދަވެރިން ބޭނުންވަނީ އެ ކްލަބަށް އަދަބު ދޭން ކަމަށް ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުނެފި އެވެ.

ސިޓީން 2009-2018 އާ ދެމެދު އެފްއެފްޕީ ގަވާއިދާ ހިލާފަށް ކޮށްފައިވާ ކަންތައްތަކާ ގުޅޭ 115 މައްސަލައިގެ ސަބަބުން ސިޓީ އަށް ދައުވާކުރުމުގެ ކަންކަން ފެށިގެން ދިޔައީ، މިދިޔަ އަހަރުގެ ފެބްރުއަރީ މަަހުގަ އެވެ.

އެކަމަކު، އެ ފަހުން އަހަަރަކަށް ވުރެ ގިނަ ދުވަސްވެފައިވާއިރު، އަދިވެސް ސިޓީގެ މައްސަލަ ތާވަލުކޮށް ބަލަން ފަށާފައިނުވެ އެވެ. އެންމެ ފަހުން ވާހަކަ ދެކެވުނީ މި އަހަރުގެ ނޮވެމްބަރު މަހު ސިޓީގެ މައްސަލައިގެ އަޑުއެހުންތައް ފަށާނެ ކަމުގެ ވާހަކަ އެވެ.، ދި ޓައިމްސް އިން ރިޕޯޓްކުރިގޮތުގައި، މި މަހުގެ މެދުތެރޭގައި މި މައްސަލަތަކުގެ އަޑުއެހުންތައް ފަށައި، އަންނަ އަހަރުގެ ކުރީކޮޅުގައި، ސިޓީއާ މެދު ފިޔަވަޅެއް އަޅާނަމަ އެކަން ކުރާނެ އެވެ. މިހާރު ތާވަލުކުރެވިފައިވާ ގޮތުން، ހޯމަ ދުވަހު ސިޓީގެ މައްސަލައިގެ އަޑުއެހުންތައް ފެށޭނެ އެވެ.

ލަލީގާގެ ރައީސް، ހަވީއޭ ޓެބާސް ވަނީ އެ ގައުމުގެ މީޑިއާ އަށް ދިން އިންޓަވިއުއެއްގައި ސިޓީ އަށް ފިޔަވަޅު އަޅަން އިނގިރޭސި ގިނަ ކްލަބްތަކުން ބޭނުންވާ ކަމަށް ވިދާޅުވެފަ އެވެ. އެއީ، އޭނާ ގިނަ ކްލަބްތަކާ ވާހަކަ ދައްކާފައިވާތީ، އެނގުނު ކަމެއް ކަމަށް ޓެބާސް ވިދާޅުވި އެވެ.

ޓެބާސްގެ އެ ވާހަކަތަކާ ގުޅުވައިގެން، ގާޑިއޯލާއާ ވަނީ ސުވާލު އަމާޒުވެފަ އެވެ.

"ފުރަތަމަ ފަހަރަށް ނަމަވެސް އަހަރެން ޓެބާސްއާ އެއްބަސްވާން އެބަޖެހޭ. ހަމަ ޔަގީންކަމެއް، ޕްރިމިއާ ލީގުގެ ހުރިހާ ކްލަބެއް ހެން ބޭނުމީ އަހަރެމެންނަށް އަދަބުދޭން، އެކަމަކު، އަހަރެން ބުނެލަން އޮތީ، މރ. ޓެބާސް އާއި ޕްރިމިއާ ލީގުގެ ކްލަބްތައް ގާތުގައި، އިންޑިޕެންޑެންޓް ޕެނަލުން ގޮތެއް ނިންމަންދެން މަޑުކޮށްލަމާ ހިނގާށޭ، މިއީ މޮޑާން ޑިމޮކްރަސީ އަމަލުކުރަން ޖެހޭ ކަމެކޭ،" ގާޑިއޯލާ ބުންޏެވެ.

ކުރިން ބާސެލޯނާ އާއި ބަޔާން މިއުނިކަށް ކޯޗުކޮށްދިން ގާޑިއޯލާ ބުނީ، އެއްވެސް ބަޔަކު ވަކީލުންގެ ގޮތުގައި ވާހަކަ ދެއްކުން ރަނގަޅެއް ނޫން ކަމަށެވެ. އަދި ސިޓީން އޭނާ އަށް ދީފައިވާ މައުލޫމާތުތަކަށް ބަލާއިރު، އެ ކްލަބުން އެއްވެސް ގޯހެއް ހަދާފައިނުވާ ކަމަށް ގާޑިއޯލާ ވަނީ ބުނެފަ އެވެ. އަދި މިއީ ކުރިން، ޔުއެފާ އިން ސިޓީ އަށް ފިޔަވަޅު އެޅިއިރު ވެސް ދެކެވުނު ވާހަކަތައް ކަމަށާއި ޔުއެފާ އިން ދިން އަދަބުން ވެސް ސިޓީ ސަލާމަތްވީ ގޯހެއް ހަދާފައިނުވާކަން ސާބިތުކޮށްދީފައި ކަމަށެވެ.