14 ސެޕްޓެންބަރު 2024 - 07:26 0
އިއްޔެ ކުޅުނު މެޗުގެ ތެރެއިން 20 އަހަރުން ދަށުގެ ޓީމުގެ އިޝް އާފް (ކ) ކައިރިން އީތަން ބޯޅަ ހިފައިގެން.---- ފޮޓޯ: މިރާން ނާޝިމް / އަދަދު ސްޕޯޓްސް
14 ސެޕްޓެންބަރު 2024 - 07:26 0
ސްޕެއިނުގެ ހުއެސްކާގެ ޒުވާން ޓީމަށް ކުޅެމުން އަންނަ އީތަން އިބްރާހިމް ޒަކީ، 15، ކުރިއަށް އޮތް ބައިނަލްއަގުވާމީ މުބާރާތްތަކަށް ރާއްޖޭގެ 17 އަހަރުން ދަށުގެ ގައުމީ ޓީމުގެ ޕްރެކްޓިހާ ގުޅިއްޖެ އެވެ.
ޓީމާ އެކު، މަަދު ޕްރެކްޓިސްތަކެއް ކުރުމަށް ފަހު، އީތަން ވަނީ އިއްޔެ ހަވީރު، 17 އަހަރުން ދަށުގެ ގައުމީ ޓީމާއި 20 އަހަރުން ދަށުގެ ގައުމީ ޓީމާ ދެމެދު ކުޅުނު ޕްރެކްޓިސް މެޗުގައި ކުޅެފަ އެވެ.
މިދިޔަ ސީޒަނުގައި ކްލަބް ވެލެންސިއާ އިން ފުރަތަމަ ޑިވިޝަނުގައި ކުޅުނުއިރު، ޒުވާން ގައުމީ ޓީމުގެ ގިނަ ކުޅުންތެރިންތަކެއް އެ ޓީމަށް ކުޅުނެވެ. އޭގެ ތެރޭގައި އީތަން ވެސް ހިމެނެ އެވެ.
ވެލެންސިއާ އަށް ކުޅެމުން، އީތަން ވަނީ ފުރަތަމަ ޑިވިޝަނުގައި ލަނޑު ޖެހި އެންމެ ހަގު ކުޅުންތެރިޔާގެ ރެކޯޑް ވެސް ހަދައިފަ އެވެ. އީތަންގެ ފަހުން، އެ ރެކޯޑް ހެދި މުހައްމަދު އިލާން އިމްރާން، ދާދި ފަހުން ރާއްޖޭގެ ޗެމްޕިއަން، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނަށް ބަދަލުވިއިރު، އޭނާ ވެސް އަންނަނީ 17 އަހަރުން ދަށުގެ ގައުމީ ޓީމާ އެކު ޕްރެކްޓިސް ކުރަމުންނެވެ.
ސަތާރަ އަހަރުން ދަށުގެ ގައުމީ ޓީމު، މުހައްމަދު އާދަމްގެ ކޯޗުކަމުގައި، 17 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕަށް ފަރިތަކުރަމުން އަންނައިރު، މިދިޔަ މަހު ޓްރަޔަލެއް ބޭއްވިއިރު، 80 އަށް ވުރެ ގިނަ ކުޅުންތެރިން ބައިވެރިވި އެވެ.
ސަތާރަ އަހަރުން ދަށަށް މުބާރާތެއް ބާއްވާފައިނުވާތީ، އެ އުމުރުފުރާއިން ޓީމެއް ނަގަން ޖެހުނީ، ޓްރަޔަލް މެދުވެރިކޮށް، ރާއްޖޭގެ ފުންނާބު އުސް ކޯޗުންގެ އެހީތެރިކަމާ އެކުގައި، ކަމަށް މުހައްމަދު ވަނީ ބުނެފަ އެވެ. އޭގެ ތެރޭގައި، ޔޫތު ގައުމީ ޓީމުތަކުގައި ގިނަ އަހަރުތަކެއް މަސައްކަތް ކޮށްފައިވާ ކޯޗުން ވެސް ހިމެނެ އެވެ.
ސްކޮޑު ދެ ފަހަރެއްގެ މަތިން ކުޑަކުރުމަށް ފަހު، މިހާރު ޕްރެކްޓިސް ކުރަމުން އަންނަނީ 26 ކުޅުންތެރިންނާ އެކު އެވެ. ފަސް އެކެޑަމީ އާއި މާޒިޔާ އާއި ހުއެސްކާ އަށް ނިސްބަތްވާ ކުޅުންތެެރިން މި ފަހަރު ޓީމުގައި ހިމެނޭ ޓީމުން ވަނީ މައުލޫމާތު ދީފަ އެވެ. އެކެޑަމީތަކަށް ބަލާއިރު، ވެލެންސިއާ އެކެޑަމީގެ 10 ކުޅުންތެރިންނާއި މާޒިޔާގެ ފަސް ކުޅުންތެރިންނާއި، ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް)ގެ ފަސް ކުޅުންތެރިންނާއި މޯލްޑިވްސް ސޮކަ މޭޓްސްގެ ދެ ކުޅުންތެރިންގެ އިތުރުން، އޭއެފްއޭގެ ދެ ކުޅުންތެރިންނެވެ.
Comment