Advertisement

ރައްޔިތުން ހިޔާލުފާޅުކުރާއިރު، މިންބަރުގައި އެހުންނެވީ އުމަރެވެ.

13 ސެޕްޓެންބަރު 2024 - 09:55 3

ރޫޙުލްއަމީން ޢަބްދުﷲ

ރޫޙުލްއަމީން ޢަބްދުﷲ


ރައްޔިތުން ހިޔާލުފާޅުކުރާއިރު، މިންބަރުގައި އެހުންނެވީ އުމަރެވެ.

13 ސެޕްޓެންބަރު 2024 - 09:55 3

ހުކުރު ދުވަހުގެ މިންބަރަށް އަރާވަޑައިގެން އެހުންނެވީ މުސްލިމުންގެ ދެވަނަ ޚަލީފާ އުމަރުގެފާނެވެ. އެބަވިދާޅުވެއެވެ. އޭ މީސްތަކުންނޭވެ! ތިޔަބައިމީހުން އަޑުއަހާށެވެ! އަދި ދަންނާށެވެ! މާތް ސަހާބީ ސަލްމާނުލްފާރިސީ ދެންނެވިއެވެ. ހަމަ ހުވަޔެވެ. އަޑެއް ވެސް ނާހާނަމެވެ. ނުމެ ދަންނާނަމެވެ. އުމަރުގެފާނު ވިދާޅުވިއެވެ. އޭ ސަލްމާނެވެ! ކީއްވެގެންތޯއެވެ! ސަލްމާން ދެންނެވިއެވެ. ކަލޭގެފާނު ތުރުކުރައްވައިގެން ތިހުންނެވީ، އަހަރެމެން ކޮންމެ މީހަކަށް ލިބުނު ފޮތިން ފެހޭ މިންވަރުގެ ދެގުނަ ވާވަރުގެ ފޭރާމެކެވެ. އެހިނދު ޢުމަރުގެފާނު އެކަލޭގެފާނުގެ ދަރިކަލުންނަށް ވިދާޅުވިއެވެ. އޭ ޢަބްދުﷲ އެވެ. ސަލްމާނަށް ޖަވާބުދެއްވާށެވެ! އެހިނދު ޢަބްދުﷲ ވިދާޅުވިއެވެ. އަހަރެންނަށް ޣަނީމާ މުދަލުން ލިބުނު ބައި އަހަރެންގެ ބައްޕައަށް ދިނީއެވެ. ބައްޕައަށް ދެމީހެއްގެ ފޭރާމަށްވާވަރު ލިބުނީ އެހެންވެގެންނެވެ. އެހިނދު ސަލްމާނުލް ފާރިސީ ދެންނެވިއެވެ. އޭ މުއުމިންތަކުންގެ އަމީރެވެ. ދެން އަޑުއަހާނަމެވެ. އަދި އަމުރު ކުރައްވައިފިއްޔާ ކިޔަމަންވެސް ވާނަމެވެ.

ވެރިންގެ އަމަލުތަކާމެދު ހިޔާލުފާޅުކުރުމުގައި ސަލަފުއްޞާލިޙުންގެ މަންހަޖަކީ މިއީއެވެ. ހާއްސަކޮށް އެކަމެއް ހިނގާ ބާވަތަށް ބަލާއިރު، ރައްޔިތުންގެ އެންމެންގެ ޝައްކު އެމައްޗަށް ހުއްޓިފައި ހުންނާނެ ކަންކަމުގައި، އެކަމެއްގެ ތުހުމަތު ވެރިންގެ ކިބައިން ފިލާދިއުންވެސް މުހިންމުކަމުގައިވާތީއާއެކުގައެވެ. އުމަރުގެފާނަކީ ސުވަރުގެ ވަންނާނެކަމުގެ އުފާވެރިކަމުގެ ހަބަރު މާތް ނަބިއްޔާ ދެއްވާފައިވާ މަތިވެރި ސަހާބީ ބޭކަލެއްކަމީ ސަލްމާނުލްފާރިސީއަށް ސިއްރުވެފައި އޮންނާނޭ ކަމެއް ނޫނެވެ. އަދި އަޅުގަނޑުގެ ނަޒަރުގައި އެސުވާލު އެގޮތަށް ކުރެއްވުމުގެ އެއް ބޭނުމަކީ ސަލްމާނުލްފާރިސީއަށް އެކަން އޮޅުންފިލާފައި އޮތުމަށްވުރެ އެތަނަށް ހާޒިރުވެ ތިބި ރައްޔިތުންނަށް އެކަމުގެ ހަގީގަތް އޮޅުންފިލުއްވައިދެއްވުމެވެ. އެހެންނޫނީ ކަމަކީ އޭގެ ޒާތުގައި ކުޑަކަމެއްކަމުގައިވިޔަސް އާންމުންގެ މެދުގައި ވެރިމީހާއަށް އޮންނަ އިތުބާރާ ގުޅޭ ކަމަކަށްވާތީ، އެކަމަކީ ބޮޑު ކަމެއްކަމުގައިވެސް ދެކެވަޑައިގަތީއެވެ.

ޢުމަރުގެފާނު އެކަމުގައި އަމަލުކުރެއްވި ގޮތަކީ ވެސް ނަމޫނާއެކެވެ. ހުކުރު ޚުތުބާއެއް ވެސް އިތުރަށް ކުރިއަށް ގެންދެވޭނެކަމަށް އެދެކެވަޑައިގަތީ، އެކަމަށް ޖަވާބުދާރީވެވަޑައިގަތުމަށްފަހުގައެވެ. ރައްޔިތުންނަށް ކަންކަމުގެ ހަގީގަތް އޮޅުންފިލުވައިދިނުމާއި ވެރިމީހާ ރައްޔިތުންނަށް ޖަވާބުދާރީވުމުގެ އަވަސްމިނާއި އަހަންމިއްޔަތުކަން މިއަށްވުރެ ބޮޑަށް އުންމަތަށް ބުނެދެވިދާނެ ހެއްޔެވެ؟ އާދޭހެވެ! ވެރިމީހާއާ މެދަށް ހިނގާ އެކަށީގެންވާ ޝައްކުތައް ފިލުވައިދިނުމުގެ މަގަކީ އެކަން ހަމަ އެކަނި ދޮގެކޭ ބުނެގެން ފުދޭނެ ކަމެއް ނޫންކަމާއި، ކަމުގެ ހަގީގަތް އާންމުންނަށް ފިލާވަރަށް ހެކިގަރީނާ ދައްކަވަންޖެހޭނެކަން މިހާދިސާއިން ވެސް އެނގިގެންދެއެވެ.އަނެއްކާ ވެސް ހަމަ އުމަރުގެފާނެވެ. އެހެން ހާދިސާއެކެވެ. އެއް ދުވަހަކު މިންބަރަށް އަރާވަޑައިގެން ސުވާލުކުރެއްވިއެވެ. ތިމަންކަލޭގެފާނު މިގޮތަށް (އަތުން އިޝާރާތްކުރައްވަމުން) ހަމަމަގުން ކަސިޔާރުވެއްޖެނަމަ ތިޔަބައިމީހުން ހަދާނީ ކިހިނެއްތޯއެވެ؟ އެހިނދު މާފަހަތުކޮޅުގައި އިން މީހަކު ކަނޑިހިފައިގެން ތެދުވެފައިވާ ދެންނެވިއެވެ. ކަލޭގެފާނު ތިޔަގޮތަށް މަގުން ކަސިޔާރުވެއްޖެނަމަ އަހަރެމެންގެ ކަނޑިތަކުން މިގޮތަށް ދަންނަވާނަމެވެ. އެހިނދު އުމަރުގެފާނު ވިދާޅުވިއެވެ. އަހަރެން ކަސިޔާރުވެއްޖެނަމަ ތެދުކުރާނޭ މީހުން އަހަރެންގެ ރައްޔިތުންގެ ތެރޭގައި ލެއްވިކަމަށްޓަކައި ﷲ އަށް ޙަމްދުހުއްޓެވެ. އެހެން މީހަކު ދެންނެވިއެވެ. އޭ އުމަރެވެ. ﷲ އަށް ތަގުވާވެރިވާށެވެ! އެހިނދު އުމަރުގެފާނުގެ ދެލޯފުޅުން ކަރުނަ އައެވެ. އަދި ވިދާޅުވިއެވެ. ތިޔަހެން ނުބުނާނަމަ ކަލޭމެންގެ ތެރޭގައި ހެވެއް ނެތެވެ. އަދި އަހަރެން އެބަސް ނާހާނަމަ އަހަރެންގައި ވެސް ހެވެއް ނެތެވެ.

އެހުންނެވީ މިންބަރުގައި އުމަރެވެ. ރައްޔިތުންގެ މައްޗަށް މިފަހަރު ކަނޑައަޅުއްވަން ހިޔާލުފުޅުކުރެއްވީ އަންހެނުންގެ ރަނުގެ މިންވަރެވެ. ކިތަންމެ ޚާންދާނުގެ ގޮތުން ޝަރަފުވެރި އަންހެނެއް ވިޔަސް ރަނަކީ ވަކި މިންވަރެއްގައި ހިފެހެއްޓިފައި އޮންނަންޖެހޭ އެއްޗެއްކަމުގައި އުމަރުގެފާނު ދެކެވަޑައިގެންނެވީ ކާވެންޏާއި ރަނުގެ މަގުސަދަށްވެސް ބައްލަވައިގެންނެވެ. އެހިނދު އަންހެނަކު އަޑުއުފުލާފައި ބަސް ދެންނެވިއެވެ. އޭ މުއުމިނުންގެ އަމީރެވެ. ﷲ ތަޢާލާ އަންގަވަނީ މިހެންނެވެ. "... އަނތްބަކަށް (ކާވެނީގެ ރަނުގެ ގޮތުން) ކިތަންމެ ގިނަ މުދާތަކެއް ދީފައިވިޔަސް އޭގެތެރެއިން އެއްޗެއް ތިޔަބައިމީހުން އަތުނުލާ ހުށިކަމެވެ." މިއާޔަތުން ދަލީލުލިބޭ ގޮތުގައި ކާވެނީގެ ރަނުގައި މިންވަރެއް ނެތެވެ. އާޔަތް އަޑުއިވުމާއެކު އުމަރުގެފާނު ހިނދުކޮޅަކަށް ވެސް މަޑުޖެހިލުމެއް ނެތި ވިދާޅުވިއެވެ. ކަނބަލަކު އެވިދާޅުވީ ރަނގަޅަށެވެ. އުމަރު ގޯހެއް ހައްދަވައިފިއެވެ. މަޝްވަރާއެހުމާއި ހިޔާލުފާޅުކުރުމުގެ މިނިވަންކަމާއި ޖަވާބުދާރީވުމުގެ މައްޗަށް ބައްޓަންކުރެއްވި އުމަރުގެފާނުގެ ވެރިކަމަކީ އޭރުގެ ދުނިޔޭގެ ބޮޑެތި ބާރުތައް ޖެހިލުންވި ވެރިކަމެވެ. ﷲ އަށްޓަކައި ކުރެވޭ ވެރިކަމަކީ އެއީއެވެ. އަޅުގަނޑުގެ ހަނދާނަށް އަންނަނީ ޅެންވެރިޔާ މަޙްމޫދު ޣުނައިމްގެ ޅެންބައިތެކެވެ. އޭގެ ތަރުޖަމާގައި އޮންނަނީ؛ފޭރާމަކަށް ބުރުދާގަނޑެއް ތުރުކުރައްވައިގެން، ލައިގެން ކާއެއްޗަކަށް ޒައިތޫނިފޮދެއް ހިއްޕަވައިގެން، ގަނޑުވަރުކަމުގައި ޓެންޓްކޮޅެއް ހައްދަވައިގެން، އުޅުއްވާ އުމަރުގެފާނު ދެކެވަޑައިގަންނަވާށެވެ! ކިސްރާ، އޭނާގެ ތަހުތާއެކު ގުޑެމުން، ރޯމަނުން ބިރުން ފުނޑެމުން، އެހެރަގެންދަނީއެވެ.

ޢިލްމުވެރިން ވިދާޅުވެއެވެ. ވެރިންގެ އަރިހުގައި ބަސް ބުނެވޭނީ ހަތަރު ގޮތަކަށެވެ. ފުރަތަމަ ގޮތަކީ، އަދުލުވެރި ވެރިއެއްގެ އަރިހުގައި ބުނެވޭ ހައްގު ބަހެވެ. އެޔަކީ ފަސޭހަކަމާއެކު ކުރެވޭ ހެޔޮ ކަމެކެވެ. ދެވަނަ ގޮތަކީ، އަދުލުވެރި ވެރިއެއްގެ އަރިހުގައި ބުނެވޭ ހައްގުނޫން ބަހެވެ. އޭގެ ސަބަބުން އަދުލުވެރި ވެރިން ހަމަމަގުން ސޮއްސުވާލައެވެ. ތިންވަނަ ގޮތަކީ، އަދުލުވެރި ނޫން ވެރިއެއްގެ އަރިހުގައި ބުނެވޭ ހައްގު ބަހެވެ. އެއީ އެންމެ މަތިވެރި ޖިހާދެވެ. ހަތަރުވަނަ ގޮތަކީ، އަދުލުވެރި ނޫން ވެރިއެއްގެ އަރިހުގައި ބުނެވޭ ހައްގު ނޫން ބަހެވެ. ވެރިންގެ އަރިހުގައި ބަސްބުނުމުގެ އެންމެ ހަޑިހުތުރު ގޮތަކީ މިއީއެވެ. 

ވެރިންގެ ކުރިމަތީގައި ހައްގު ބަސް އިއްވުމާއި ބުނުމުގެ މިނިވަންކަން އޮތް މިންވަރެއްގެ މައްޗަށް ވެރިކަންތަކުގެ އަދުލުވެރިކަން މިނެކިރުމަކީ މިބާވަތުން ބަލާއިރު މިޒަމާނުގެ ޑިމޮކްރެޓިކް ވެށިތަކަށްވުރެ ކުރިޔަށް އިސްލާމީ ޢިލްމުވެރިން ގެނެސްދީފައި އޮތް އިސްލާމީ ފަލްސަފާއެކެވެ. އަބޫ ސަޢީދުލްޚުދްރީގެ އަރިހުން ރިވާވެގެންވެއެވެ. މާތް ނަބިއްޔާ ހަދީސް ކުރައްވާފައިވެ އެވެ. "އެންމެ މަތިވެރި ޖިހާދަކީ އަނިޔާވެރި ވެރިއެއްގެ ދަރުބާރުގައި ހައްގު ބަސް ބުނުމެވެ." 

އިސްލާމީ ވެރިކަމެއްގެ އެންމެ މުހިންމު އެއް އަސާސަކީ ވެރިކަމާމެދު ރައްޔިތުންގެ ހިތްތަކުގައި އިތުބާރު އުފެއްދުމެވެ. އިތުބާރު އުފެއްދުމުގެ މަސައްކަތް ހިޔާލުފާޅުކުރުމުގެ މިނިވަންކަމާއި ރައްޔިތުންނަށް ޖަވާބުދާރީވުމުގެ މައްޗަށް ނޫނީ ބިނާނުކުރެވޭނެއެވެ. ވެރިކަމަކަށް އަދުލުވެރި ވެރިކަމެއްގެ ސިފަ ލިބޭނީ ރައްޔިތުން އެކަން އެގޮތަށް ބަލައިގަނެ ސިފަކުރީމައެވެ. ރައްޔިތުން އެގޮތަށް ބަލައިގަންނާނީ ރައްޔިތުންގެ އިތުބާރު ހޯދުނީމައެވެ. އެކަން އެހެންވެއްޖެނަމަ އެ އިތުބާރަށް ކިލަނބުކަން ގެނެވޭނެ މަގެއް ނުމެ އޮންނާނެއެވެ. އުމަރުގެފާނުގެ ވެރިކަމަކީ އެފަދަ ވެރިކަމެކެވެ. އުމަރުގެފާނު އަދުލުވެރިއެއްގެ ގޮތުގައި ސިފަކުރެވެނީ އުމަރުގެފާނު ނުކުމެވަޑައިގެން ތިމަންނާއީ ﷲ އަށްޓަކައި ވެރިކަން ކުރާ މީހެއްކަމުގައި ތަކުރާރުކޮށް ވިދާޅުވެފައިވާތީއެއް ނޫނެވެ. އަމަލުން އެކަން ދެއްކެވީމައެވެ. ތުހުމަތެއް އުފައްދާ ކޮންމެ ދަނޑިވަޅަކު އެތުހުމަތަކުން ބަރީއަވެގެންވާކަން ހާމަކޮށް ދިމާއަށް ޖަވާބުދާރީވެވަޑައިގަންނަވަމުންގެންދެވީތީ އެވެ. ހެޔޮ ބަހެއް ނަމަ ތިމާއާ އިދިކޮޅު ގޮތަކަށް ބުންޏަސް އެބަހަކަށް ވެރިމީހާގެ ހައިސިއްޔަތުން ބާރުވެރިކަން ދެއްވީމައެވެ.

ކަންއޮތްގޮތް ހާމަކޮށް ހަގީގަތް ހާމަކުރާ ކޮންމެ މީހެއްގެ އަނގަ ބަންދުކުރުމާއި ހިޔާލުފާޅުކުރުމުގެ މިނިވަންކަން ނަގާލުމަކީ އަނިޔާވެރިންގެ ސިފައެކެވެ. އިސްލާމީ ވެރިކަމެއްގެ މޫރިތި ކަމަކީ، ރައްޔިތުންގެ ހިތުގައި ޝައްކު ހިނގާ ކަންކަން ވެރިންގެ ކުރިމައްޗަށް ހުށަހެޅުމާއި އެކަންކަމަށް ވެރިން ކަނުލައި އަހައި، ޖަވާބުދާރީވުން އެމައްޗަށް ހުއްޓިފައި އޮންނަ ކަމެކެވެ. އުމަރުގެފާނާއި ސަލްމާނުލްފާރިސީގެ ހާދިސާގައި ހާމަވެގެންދިޔަ ރީތި މަންޒަރުން ދައްކުވައިދެނީ މިދެންނެވުނު ކީރިތިކަމެވެ. ކޮރަޕްޝަނާއި ވައްކަމާއި ހިޔާނާތާއި އެއިން ލިބޭ ފައިސާގެ ތުހުމަތުތަކުން ބަރީއަވާނެ ފަދައެއް ނެތް އެއްވެސް ވެރިކަމަކީ، ﷲ ގެ އިސްމުފުޅުގައި ކުރިޔަސް ﷲ އަށްޓަކައި ކުރާ ވެރިކަމަކަށް ނުވާނެއެވެ. ﷲ އަށްޓަކައި ކުރާ ވެރި ކަމަކީ ބަހާއި އަމަލުން ކުރާ ވެރި ކަމެކެވެ. ހަމައެކަނި ދުލުންކުރާ ވެރިކަމެއް ނޫނެވެ. ކޮރަޕްޝަނުގެ ތުހުމަތުކުރެވޭ މައްސަލަތައް ތަހުގީގުކުރައްވާށެވެ! ހާމަޔަށް އެންމެންގެ ކުރިމަތީގައި ހިނގާ ރިޝްވަތުގެ އަމަލުތައް ނުފެންނަ ކަމަށް ހަދާނީ، ދީންވެރިކަމެއް ނެތުމުގެ އިތުރަށް ޟަމީރެއް ވެސް ތިމާގެ ނެތުނީމައެވެ.

ތައުބާ ސޫރަތުގެ 104 ވަނަ އާޔަތް ވިދާޅުވާށެވެ. "ކަލޭގެފާނު ވިދާޅުވާށެވެ! ތިޔަބައިމީހުން އަމަލުކުރާށެވެ! ފަހެ، ތިޔަބައިމީހުންގެ އަމަލުތައް ﷲ ދެކެވޮޑިގަންނަވާނެއެވެ. އަދި އެކަލާނގެ ރަސޫލާވެސް މެއެވެ. އަދި މުއުމިންތަކުންވެސް މެއެވެ. އަދި ނުފެންނަ ކަންތަކާއި، ފެންނަ ކަންތައް ދެނެވޮޑިގެންވާ ކަލާނގެ ހަޒުރަތަށް ތިޔަބައިމީހުން ރައްދުކުރައްވާނެއެވެ. ދެން ތިޔަބައިމީހުން ކޮށްއުޅުނު އަމަލުތަކުގެ ހަބަރު ތިޔަބައިމީހުންނަށް އެކަލާނގެ އަންގަވާނެއެވެ."