12 ސެޕްޓެންބަރު 2024 - 12:48 1
އަމަން ހަލީމް
ބަންކަރިން ހިދުމަތް ފަށަން އެސްޓީއޯ އާއި ވިޓޯލްއިން އެއްބަސްވުމުގައި ސޮއިކުރި ދުވަހު: ސަރުކާރުން ބުނަމުން އަންނަނީ މި ހިދުމަތް ފަށާ އަހަރުގެ ތެރޭގައި 400 މިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބޭނެ ކަމަށް -- ފޮޓޯ: އެސްޓީއޯ
12 ސެޕްޓެންބަރު 2024 - 12:48 1
މިއަދު ބަންކަރިން ހިދުމަތް ފެށޭނެ ކަމަށް ބުނުމަށް ފަހު، މިހާރަށް ވުރެ ފުރިހަމައަށް އެކަން ފަށަން ކަމަށް ބުނެ މި މަހުގެ ފަހުކޮޅު ބަންކަރިން ހިދުމަތް ފަށާނެ ކަމަށް އެސްޓީއޯއިން ބުނެފި އެވެ.
އެންމެ ފުރަތަމަ ބަންކަރިން ހިދުމަތް ފަށާނެ ކަމަށް ބުނީ ފެބްރުއަރީ މަހުގެ ތެރޭގަ އެވެ. އެއަށް ފަހު ބުނީ ޖުލައި މަހުގައި ބަންކަރިން ފެށޭނެ ކަމަށެވެ. އެ ތާރީހަށް ވެސް ބަންކަރިން ނުފަށައި، ދެން ބުނީ މިދިޔަ މަހުގެ 22 ގައި ފެށޭނެ ކަމަށެވެ.
އެ ތާރީހަށް އެ ހިދުމަތް ނުފެށުނީ ބަންކަރިން ބޯޓުތައް ނައިސްގެންނެވެ. އޭރު އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވީ އެ ހިދުމަތް ފެށުން ލަސްވީ މޫސުން ގޯސްވުމާ ގުޅިގެން އެކަމަށް ގެންނަ ބޯޓުތައް ރާއްޖެ ނުގެނެވިގެން ކަމަށެވެ. ދެން ބުނީ މިއަދު އެ ހިދުމަތް ފެށޭނެ ކަމަށެވެ.
މިހެން ނަމަވެސް މިއަދު އެ ހިދުމަތް ފަށާނެތޯ ސުވާލުކުރުމުން އެސްޓީއޯއިން ބުނީ މިއަދު އެ ހިދުމަތް ނުފެށޭނެ ކަމަށެވެ. ސަބަބެއް ކަމަށް ބުނީ އެންމެ ފުރަތަމަ ބޯޓަށް ތެޔޮ އަޅާ ދުވަހު އެ ހިދުމަތް އިފުތިތާހު ކުރަން ކަމަށެވެ. މިހެން ބުނި އިރު އެކަމަށް ގެންނަ ދެ ބޯޓުގެ ތެރެއިން އެއް ބޯޓު އޮތީ މިހާރު ރާއްޖެ އައިސްފި އެވެ.
އެސްޓީއޯއިން މިހާރު ބުނަނީ އެ ހިދުމަތް ފަށާނީ މި މަހުގެ 20 ގައި، އެންމެ ފުރަތަމަ ބޯޓަށް ތެޔޮ އެޅުމާ އެކީގައި ކަމަށެވެ.
ބަންކަރިން ހިދުމަތް މިއަދު ނުފެށުނު ނަމަވެސް، އެކަމާ ގުޅޭ އެހެނިހެން މަސައްކަތްތައް ނިިމިފައިވާ ކަމަށް އެސްޓީއޯއިން ބުންޏެވެ. އެ ކުންފުނީގެ މީޑީއާ އޮފިޝަލަކު "އަދަދު" އަށް މައުލޫމާތު ދެމުން ބުނީ ބަންކަރިން ހިދުމަތަކީ މޯލްޑިވްސް އިކޮނޮމިކް ގޭޓުވޭ ޕްރޮޖެކްޓުގެ ބަޔެއް ކަމަށާއި، އެންމެ ބޮޑު މަޝްރޫއަކީ އެއީ ކަމަށެވެ.
ބަންކަރިން ވިޔަފާރި ކުރަނީ އެސްޓީއޯއިން ނަމަވެސް އެ ހިދުމަތް ފެށުމުގެ ކުރިން ކޮންމެހެން ބޭނުންވާ އެހެން މަސައްކަތްތަކުގެ ބޮޑު ބަޔެއް ކުރަނީ އެމްޕީއެލްއިންނެވެ. އެ ކުންފުނިން މި މަސައްކަތްތައް ކުރަމުން އަންނަނީ ހއ. އުލިގަމުގަ އެވެ.
އުލިގަމުގައި ކުރިއަށްދާ އެންމެ މުހިންމު މަސައްކަތަކީ އެ ތަނުގައި ސިފައިންނާއި އިމިގްރޭޝަނާއި ކަސްޓަމްސްގެ އިތުރުން ޕޯޓު ހެލްތުގެ މުވައްޒަފުން ތިބޭނެ ތަންތަން އިމާރާތްކުރުމެވެ. އެކަންކަން މިދިޔަ މަހުގެ ތެރޭގައި ނިމިފައިވާ ކަމަށް އެމްޕީއެލްއިން ކުރިން ބުނެފައިވެ އެވެ.
ބަންކަރިން ވިޔަފާރީގައި އެސްޓީއޯއާ ބައިވެރިވަނީ މި ދާއިރާގައި އެންމެ ބިޔަ ކުންފުނިތަކުގެ ތެރޭގައި ހިމެނޭ ވިޓޯލް އެވެ. ބަންކަރިންގެ ވިޔަފާރީގައި ވިޓޯލްގެ ދައުރަކީ އެސްޓީއޯގެ ބަންކަރުތަކަށް ތެޔޮ ފޯރުކޮށްދިނުމާއި ބަންކަރުތައް އިޝްތިހާރުކުރުމެވެ.
އެސްޓީއޯއާ ހަވާލާދީ ހަބަރުތަކުގައިވާ ގޮތުގައި އެސްޓީއޯއިން މި ހިދުމަތް ފަށަނީ 4000 މެޓްރިކް ޓަނުގެ ދެ ބަންކަރުންނެވެ. ސަރުކާރުން ބުނަނީ މި ވިޔަފާރި ފެށުމުން ފުރަތަމަ އަހަރުގެ ތެރޭގައި ވެސް 400 މިލިއަން ޑޮލަރު އިގުތިސޯދަށް ވަންނާނެ ކަމަށެވެ.
Comment