12 ސެޕްޓެންބަރު 2024 - 08:44 0
ލީވާން އަލީ ނާސިރު
މޯލްޑިވްސް ލޯކަލް ކައުންސިލް އެސޯސިއޭޝަނުން ބޭއްވި ބައްދަލުވުމެއްގެ ތެރެއިން -- ފޮޓޯ: އެމްއެލްއެސްއޭ
12 ސެޕްޓެންބަރު 2024 - 08:44 0
ބިނާވެށި ޕްލޭންކޮށް ހިންގުމުގެ ބިލު ތަސްދީގު ކުރުމުން އެކަމާއި ދެކޮޅު ހަދައި މޯލްޑިވްސް ލޯކަލް ކައުންސިލް އެސޯސިއޭޝަނުން ގަރާރެއް ނެރެފި އެވެ.
ކައުންސިލް އެސޯސިއޭޝަނުން ނެރުނު ގަރާރުގައި ބުނީ ބިލަށް ހިޔާލު ހޯދުމަށް ފަންނީ މާހިރުން އެކަހެރި ކުރުމުން ސަރުކާރުން ރައްޔިތުންނާ ކައުންސިލުތަކުގެ ބައިވެރިވުން ހޯދާނެ ކަމަށް ވީ ވައުދަށް ހިޔަނި އެޅިފައިވާ ކަމަށެވެ.
"ރައްޔިތުންގެ އެންމެ ގާތުން ރައްޔިތުން ތަމްސީލުކޮށްދީ ރައްޔިތުންނަށް ހިދުމަތް ފޯރުކޮށްދޭ ލޯކަލް ކައުންސިލްތަކުގެ ހިންގުމުގެ ނިޒާމަށް ނުހަނު ނޭދެވޭ އަސަރުތައް މި ގާނޫނުގެ ސަބަބުން ކުރާ ހިނދު، އަދި މި ބަދަލުތަކުގެ ސަބަބުން މުޖުތަމައުގެ ވަސީލަތްތައް މުޖުތަމައުއަށް އެންމެ ފައިދާ ވާނޭ ގޮތަށް ރާވާ ތަރުތީބު ކުރުމުގެ ފުރުސަތު މުޖުތަމައުތަކުން ގެއްލިގެން ދިޔުމުގެ ނުރައްކާ އެބަ އޮތް،" އެ ގަރާރުގައި ބުންޏެވެ.
ބިލަށް ހިޔާލު ހޯދުމުގެ ކުރު މަރުހަލާގައި ކަމާ ގުޅޭ ތަންތަނުން ހުށަހެޅި ހިޔާލުތަކަށް އެއްވެސް ވަރަކަށް މަޖިލީހުން ރިއާޔަތް ކޮށްފައި ނުވާކަން ވެސް ގަރާރުގައި ބުންޏެވެ.
ކައުންސިލް އެސޯސިއޭޝަނުން އިތުރަށް ބުނީ ދިގު ޒަމާންތަކަށްފަހު ކަނޑައެޅިގެންދިޔަ ކައުންސިލްތަކުގެ އިހްތިސާސީ ރޮނގު މުޖުތަމައުގެ ބަހެއް ނެތި ފޮހެލެމުގެ ބާރު ވަޒީރަކަށް ލިބޭ ކަމަށެވެ.
އެގޮތުން މުޖުތަމައުގެ ބަހެއްނެތި ސަރުކާރުތަކުން ވިއްކަމުންދާ ދިވެހި ރައްޖޭގެ ގުދުރަތީ މުއްސަނދިކަން ރައްޔިތުންގެ ފައިދާއަށް ރާވާ ތަރުތީބު ކުރުމަށް ހުރި ދޮރުތައް ބަންދުކޮށް، ވަޒީރެއްގެ މުށުތެރެއަށް ގައުމުގެ ހުރިހާ ވަސީލަތްތައް ބޭނުން ކުރުމުގެ ބާރު ލައިދޭ ކަމަށް އެ އެސޯސިއޭޝަނުން ބުންޏެވެ.
"މިހާތަނަށް މިފަދަ ގާނޫނުތައް އުފަންކޮށްގެން، ރައްޔިތެއްގެ އެއްވެސް ބަހެއްނެތި ވަޒީރަކަށް ފެންނަ ޕްލޭންތަކުން ބޮޑެތި އިންވެސްޓްމަންޓުތަކާއި ތަރައްގީ ހޯދުމުގެ ނަމުގައި ހިންގާފައިވާ މަޝްރޫއުތަކުން ދިވެހި ރައްޔިތުންނަށް ފައިދާވެފައި ނުވާ ހިނދު، ރައްޔިތުންގެ ބަހާ، ބައިވެރިވުމާ ނުލާ ހިންގާފައިވާ ހަރަކާތްތަކުން ހިންގާފައި ވަނީ އެންމެ ބޮޑެތި ވައްކަމާ ހިޔާނާތާ ޓެކުންކަން ރާއްޖޭގެ ތާރީހުން ދައްކުވައިދޭ،" ގަރާރުގައި ބުންޏެވެ.
ގަރާރުގައި އިތުރަށް ވަނީ އެ ގާނޫނު އަނބުރާ އިސްލާހު ކުރުމަށް ގޮވާލައި، ކެނޑިނޭޅި އެކަމާ ދެކޮޅަށް ވަކާލާތުކޮށް މަސައްކަތް ކުރާނެ ކަމަށް ބުނެފަ އެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment