Advertisement

މުއްދަތު ހަމަވީ ފަހުން ދައުވާއަށް އިންކާރުކުރުމުން، ހައުސިން މިނިސްޓްރީން އަށް ލައްކަ ރުފިޔާ ދައްކަން ޖެހިއްޖެ

11 ސެޕްޓެންބަރު 2024 - 14:33 0

އަމަން ހަލީމް

އަމަން ހަލީމް

ހައުސިން މިނިސްޓްރީ ހުންނަ އިމާރާތް: މިނިސްޓްރީއާ ދެކޮޅަށް މައްސަލަ ނިންމީ ސުންގަޑި ހަމަވީ ފަހުން ދައުވާއަށް ޖަވާބުދާރީ ވުމުން -- ފޮޓޯ: އަބްދުﷲ އިޔާން/އަދަދު


މުއްދަތު ހަމަވީ ފަހުން ދައުވާއަށް އިންކާރުކުރުމުން، ހައުސިން މިނިސްޓްރީން އަށް ލައްކަ ރުފިޔާ ދައްކަން ޖެހިއްޖެ

11 ސެޕްޓެންބަރު 2024 - 14:33 0

ހައުސިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓްރީ އާ ދެކޮޅަށް ސިވިލް ކޯޓަށް ހުށަހެޅި މައްސަލައެއްގައި ޖަވާބުދާރީ ވާން ދައުލަތުން ހާޒިރު ނުވުމުން، ގައިރު ހާޒިރުގައި އަށް ލައްކަ ރުފިޔާ ދައްކަން ކޯޓުން ހުކުމްކޮށްފި އެވެ.

ހައުސިން މިނިސްޓްރީއާ ދެކޮޅަށް މި މައްސަލަ ހުށަހެޅީ ކޮންޓެކް ޕްރައިވެޓް ލިމިޓެޑުންނެވެ. އެއީ އެ ކުންފުނިން ގްރީން އޮފީސް ބިލްޑިން ޕްރޮޖެކްޓުގައި ކުރި މަސައްކަތަކަށް ދައްކަން ޖެހޭ 818،441.48ރ. ނުދައްކައިގެން ހުށަހެޅި މައްސަލައެކެވެ.

ކޯޓުގެ ހުކުމުގައި މި މައްސަލައިގައި ކަން ހިނގާފައިވާ ގޮތް ބަޔާންކުރަމުން ފާހަގަކޮށްފައި ވަނީ، މި އަހަރުގެ މާޗު 19, ގައި ދައުވާ ފޯމު ހައުސިން މިނިސްޓްރީއަށް ރައްދުކޮށްފައިވާ ކަމަށް އެ މިނިސްޓްރީން ސޮއިކޮށްފައިވާ ކަމަށެވެ. ނަމަވެސް، ހައުސިން މިނިސްޓްރީން މި މައްސަލައިގައި ދިފާއު ހުށަހެޅީ ގާނޫނުގައި ބުނާ 14 ދުވަހުގެ މުއްދަތު ހަމަވީ ފަހުން އޭޕްރިލް 14, ގަ އެވެ.

މަދަނީ އިޖުރާއަތުގެ ގާނޫނުގައި އޮންނަނީ ދައުވާ ލިބޭ ފަރާތުން (މި މައްސަލައިގައި ހައުސިން މިނިސްޓްރީ) ދައުވާއާ ގުޅޭ ލިޔެކިޔުންތަކާ ހަވާލުވުމަށް ފަހު ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި ދައުވާއަށް ދިފާއެއް ހުށަހަޅާފައި ނުވާ ނަަމަ އެ ފަރާތެއްގެ ގައިރު ހާޒިރުގައި ހުކުމް ކުރަން ދައުވާ ކުރާ ފަރާތަށް (މި މައްސަލައިގައި ކޮންޓެކް) އަށް އެދެވިދާނެ ކަމަށެވެ.

ހައުސިން މިނިސްޓްރީން މުއްދަތު ހަމަވީ ފަހުން ހުށަހެޅި ދިފާއުގައި ވަނީ މުޅި ދައުވާއަށް އިންކާރުކޮށްފަ އެވެ. އެކަމަކު ގާނޫނުގައި އޮންނަނީ ލިޔެކިޔުންތަކާ ހަވާލުވުމަށް ފަހު އޮންނަ މުއްދަތުގެ ތެރޭގައި ޖަވާބުދާރީ ނުވެއްޖެ ނަމަ މައްސަލަ ހުށަހެޅި ފަރާތާ އެއްކޮޅަށް މައްސަލަ ނިންމުމަށެވެ.

މިގޮތަށް ކޮންޓެކުން ކޯޓުގައި އެދުމުން، އެ ކޯޓުން ވަނީ މައްސަލަ އެކޮޅަށް ނިންމާ، 30 ދުވަހުގެ ތެރޭގައި މި ފައިސާ ދައްކަން ހައުސިން މިނިސްޓްރީގެ މައްޗަށް ހުކުމްކޮށްފަ އެވެ.