10 ސެޕްޓެންބަރު 2024 - 22:53 0
ލީވާން އަލީ ނާސިރު
ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު: ކުޅިވަރު މަޝްރޫއުތަކަށް މި އަހަރު 127 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށް ވިދާޅުވި -- ފޮޓޯ: ރައީސް އޮފީސް
10 ސެޕްޓެންބަރު 2024 - 22:53 0
ސްޕޯޓްސް މިނިސްޓްރީން މި އަހަރުގެ ތެރޭގައި ކުޅިވަރު އެކި މަޝްރޫއުތަކަށް 118 މިލިއަން ރުފިޔާ ހަރަދުކޮށްފި އެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު ވިދާޅުވީ ޖެނުއަރީ މަހުން ފެށިގެން ސެޕްޓެމްބަރު 9، ގެ ނިޔަލަށް ކުޅިވަރު މަޝްރޫއުތަކަށް 127 މިލިއަން ރުފިޔާ ހަރަދުވިއިރު، މުޅިން އަލަށް 40 މަޝްރޫއެއް ފެށުނު ކަމަށެވެ.
"މި އަހަރު 127 މިލިއަން ރުފިޔާ ޕީއެސްއައިޕީގެ މަޝްރޫއުތަކަށް ވަނީ ހަރަދުކޮށްފައި. މިދިޔަ އަހަރު ޕީއެސްއައިޕީގެ މަޝްރޫއުތަކަށް ހަރަދު ކުރެވުނީ 123 މިލިއަން ރުފިޔާ. މިދިޔަ ނުވަ މަސް ދުވަހުގެ ތެރޭގައި މުޅިން އަލަށް ފެށި ޕްރޮޖެކްޓްތަކަށް ޖުމްލަ 118 މިލިއަން ރުފިޔާ ވަނީ ހަރަދު ކުރެވިފައި،" ރާފިއު ވިދާޅުވި އެވެ.
ރާފިއު ވިދާޅުވީ މި ވަގުތު ރާއްޖޭގެ ހުރިހާ ރަށެއްގައި 264 މަޝްރޫއު ހިންގަމުންދާ ކަމަށާއި އޭގެ ތެރޭގައި ފުޓުބޯޅަ، ހޭންޑްބޯޅަ، ފުޓްސަލް، ވޮލީ، ބެޑްމިންޓަން، ސްކޭޓް ޕާކް، ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުތައް، ސްޕޯޓްސް ކޮމްޕްލެކްސް އަދި ސްވިމިން ޓްރެކް ފަދަ ވަސީލަތްތައް ހިމެނޭ ކަމަށެވެ.
އޭގެ އިތުރުން 23 ކުޅިވަރު ކްލަބް ޖަމިއްޔާ އަށް ތަފާތު ކުޅިވަރުތައް ހިންގުމަށް 1.8 މިލިއަން ރުފިޔާ ދޫކުރެވިފައިވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
ރާފިއު ވިދާޅުވީ ގައުމީ ޓީމުގެ އެތުލީޓުން އަދި ކުޅުންތެރިންނާއި އޮފިޝަލުންގެ މުސާރަ އެއްވަރުކޮށް އިތުރު ކުރުމަށްޓަކައި މިހާރު މުސާރަދޭ އުސޫލު ރިވައިސް ކުރުމުގެ މަސައްކަތް ކުޅިވަރާ ބެހޭ މަޖިލީހުން އަންނަނީ ކުރަމުން ކަމަށެވެ.
ކުޅުންތެރިންނާއި އޮފިޝަލުންގެ އިންޝުއަރެންސް އަށް ބޭނުންވާ ފައިސާ އަންނަ އަހަރުގެ ބަޖެޓަށް ވަނީ ހުށަހަޅާފައި ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
ސްޕޯޓްސް މިނިސްޓްރީން މިހާތަނަށް ތަފާތު ހަ ދާއިރާއަކުން އަށް ކޯހެއް ހިންގާފައިވާކަން ހާމަކުރައްވައި ރާފިއު ވިދާޅުވީ އެ ކޯސްތަކުން 129 ބައިވެރިން ތަމްރީންވެފައިވާ ކަމަށެވެ.
މި އަހަރު ރާއްޖޭގައި ބައިނަލްއަގުވާމީ ލެވަލްގެ ހަތް ކުޅިވަރު މުބާރާތެއް ބޭއްވިފައިވާއިރު، މިހާރު ކުރިއަށްދާ ސެންޓްރަލް އޭޝިއަން ވޮލީބޯލް އެސޯސިއޭޝަން (ކާވާ) ވިމެންސް ޗެލެންޖް ކަޕް ހިމެނޭގޮތަށް، އިތުރު ހަތަރު އިންޓަނޭޝަނަލް މުބާރާތް އަދި ބާއްވަން ހަމަޖެހިފައިވާ ކަމަށް ވެސް ރާފިއު ވިދާޅުވި އެވެ.
Comment