11 ސެޕްޓެންބަރު 2024 - 11:48 0
މޫސާ ނާޝިއު
ބާބީލްގެއަށް ވެއްޓުނު ދަގަނޑު ސީލިންގު ފޫއަޅުވާލާފައި އަދި ވެއްޓުނު ދަގަނޑު: ސިޓީ ކައުންސިލުން ނިންމީ ކޮންސްޓްރަކްޝަން މަސައްކަތް ކުރާ ކުންފުނި ޖޫރިމަނާ ކުރުން -- ފޮޓޯ: އަދަދު
11 ސެޕްޓެންބަރު 2024 - 11:48 0
އެއް އަހަރުގެ ތުއްތު އަލައިކާ އާދައިގެ މަތިން ކޮންމެ ދުވަހެއްގެ ވެސް ހަވީރު ނިދާތީ، އެ ކުއްޖާ ނިންދެވުމަށް އޭނާގެ މާމަ މަރިޔަމް އަބްދުއްރަހީމް, 53, ދިޔައީ މަސައްކަތް ކުރަމުންނެވެ. ނަމަވެސް އެހެން ދުވަސްތަކާއި ހިލާފަށް އެދުވަހު އަލައިކާ ނިދާކަށް ނޫޅުނެވެ. ހަމަ ބޮޑާ ހާކަނީ އެވެ. ވަނީ ކިހިނެއް ކަމެއް ނޭންގެ އެވެ.
އެތައް އިރެއް ވަންދެން ނިންދެވުމަށް މަސައްކަތް ކުރުމަށްފަހު ވެސް އަލައިކާ ނުނިދުމުން މާމަ ދަރިފުޅު ގޮވައިގެން ޓެރަސްއަށް މަރިޔަމް ނުކުތެވެ. މަރިޔަމް ބޭރަށް ނުކުތީ އެ ވަގުތު ކޮޓަރީގައި ހުރި މަރިޔަމްގެ ފިރިމީހާ ވެސް ގޮވައިގެނެވެ.
މއ. ބާބީލް ގޭގެ ޓެރަހަށް މަރިޔަމްއަށް ރަނގަޅަށް ދެ ފިޔަވަޅު ވެސް ނޭޅެނީސް އިވުނީ އިންތިހާ ބޮޑު އަޑުފައްގަނޑެކެވެ. އެ އަޑަކީ އެ ގޭގެ ފުރާޅަށް އެއްޗެއް ވެއްޓުނު އަޑުކަން މަރިޔަމްއަށް ވަގުތުން އެނގުނެވެ. ބާބީލްގެއާ ޖެހިގެން ހުންނަ މއ. ބްލޫފެދާ މިވަގުތު ދަނީ އިމާރާތް ކުރަމުންނެވެ. އެއީ އިމާރާތް ކުރަމުން އަންނަ ގެއިން ބާބީލްގޭ ފުރާޅަށް އެއްޗެއް ވެއްޓުނު ފުރަތަމަ ފަހަރެއް ނޫނެވެ.
މިފަހަރު އެ ވެއްޓުނު އެއްޗަކުން އިވުނު އަޑު ގަދަކަމުން މަރިޔަމްގެ ފިރިމީހާ ބޯ ހިތްލައިލާ އިމާރާތްކުރަމުންދިޔަ މީހުން ކައިރީ "ތި ވައްޓާލީ ކޯއްޗެއް" ތޯ ސުވާލު ކުރި އެވެ. އެ ސުވާލަށް އިމާރާތުގައި މަސައްކަތް ކުރަމުން ދިޔަ މީހުން ޖަވާބެއް ނުދިނެވެ. އަޅައެއް ވެސް ނުލި އެވެ.
ތުއްތު އަލައިކާ މަސަލަސް ކުރަން މަސައްކަތް ކުރުމަށްފަހު އެ މަސައްކަތް ކާމިޔާބުވުމުން ދެމަފަރިން އެތެރެއަށް ވަނީ ކުއްޖާ ނިންދަވާށެވެ. ޓެރަހުން އެތެރެއަށް ވަދެ ނިދާ ކޮޓަރީ ހުޅުވައިލުމުން މަރިޔަމްގެ ދެ ލޯ ބޮޑުވި އެވެ. އޭގެ ކުޑަ ހިނދުކޮޅެއް ކުރިން ޓެރަހުގައި ހުރެވުނީތީ ﷲ އަށް ހަމްދު ކުރެވުނެވެ.
ފުރާޅާއި ސީލިންގު ފޫ އަޅުވާލައި ކޮޓަރީގެ ހުރި އެނދެއްގެ މައްޗަށް ޖެހިފައި އޮތީ ބޮޑު ދަގަނޑުގަނޑެކެވެ. އާންމުކޮށް އިމާރާތް ކުރާ ތަންތަނުގައި ގެންގުޅޭ ހައެއްކަ ފޫޓުގެ ވަރުގަދަ އެނބުރި ދަގަނޑެކެވެ.
ދަގަނޑު ޖެހިފައި އޮތީ އެގަޑީގައި އާންމުކޮށް އަލައިކާ ނިންދަވާފަ ބާއްވާ އެނދުމައްޗަށެވެ. އަލައިކާއަށް އަވަހަށް ނިދިނުޖެހުމާއި އެ ކުއްޖާ މަސަލަސް ކުރަން ޓެރަހަށް ނުކުންނަން ހިތަށް އެރުމަކީ ﷲ ގެ ހެޔޮ ރަހުމަތް ކަމަށް މަރިޔަމް ދެކެ އެވެ.
ބާބީލްގައި ދިރިއުޅެމުން އަންނަނީ މަރިޔަމާއި އޭނާގެ ފިރިމީހާގެ އިތުރުން، މަރިޔަމްގެ ތިން ކުދިންނާއި ދެ މާމަ ކުދިންނާއި އަދި މަރިޔަމްގެ ފިރިހެންދަރީގެ އަންހެނުންނެވެ. އެ އެންމެން ވެސް ނިދަނީ ދަގަނޑު ވެއްޓުނު ކޮޓަރީގަ އެވެ. އެއީ އެ ގޭގައި ހުންނަ ހަމައެކަނި ކޮޓަރިއެކެވެ.
މިދިޔަ އަހަރު ފަހުކޮޅު ހަދަން ފެށި ބްލޫފެދާ އިމާރާތުން އެ ގޭ ފުރާޅަށް އަބަދުވެސް އެއްޗެހި ވެއްޓޭތީ މަރިޔަމް އާއި އެ ގޭގައި ދިރިއުޅޭ މީހުން ތިބެނީ އެ އަޑުތަކަށް ހޭނިފަ އެވެ.
އެކަމަކު މިހާ ނުރައްކާތެރި ހާދިސާއެއް ހިނގައިފާނެ ކަމަށް މަރިޔަމްގެ އިތުރުން އާއިލާ އެހެން މީހަކު ވެސް ހިތަކަށް ނާރަ އެވެ. ނަމަވެސް ދަގަނޑު ވެއްޓުނު ފަހުން އެންމެން ވެސް ތިބެނީ ބިރުންނެވެ. ކޮޓަރީގައި ތިބެން ވެސް ބިރުގަނެ އެވެ.
"ގޭތެރެ ވަރަށް ހޫނުގަދަ. ކޮޓަރީގައި ކިރިޔާ ވެސް މި ފިނިވެލަނީ. އެކަމަކު ކަންތައްތައް މި ހިނގާދިޔަ ގޮތުން އަޅުގަނޑުމެން އެންމެން ވެސް މި ތިބެނީ، ކީކޭ ބުނާނީ، ނަފްސާނީވެފަ. ބިރުގަނެފަ. ނޭނގެ ދޯ ދެން ވެއްޓޭނީ ކޯއްޗެއް ކަމެއް. އެ އިމާރާތުގައި މަސައްކަތް ކުރަންޏާ ކޮޓަރީގައި ނުތިބެނީ މިހާރު،" މަރިޔަމް ބުންޏެވެ.
ބާބީލްގެއަށް ދަގަނޑު ވެއްޓުނު މައްސަލައިގައި ޖިނާއީ ތަހުގީގެއް ނުހިންގާ ކަމަށް ފުލުހުންގެ މީޑިއާ އޮފިޝަލަކު މި ނޫހާ ވާހަކަ ދައްކަމުން ބުންޏެވެ. އެއީ އެ ހާދިސާގައި މީހަކަށް ގެއްލުމެއް ނުވާތީ ކަމަށް ފުލުހުން ބުނެ އެވެ.
ދަގަނޑު ވެއްޓުނު މައްސަލަ ސިޓީ ކައުންސިލުން ވެސް ބެލި ކަމަށް އެ ކައުންސިލުން ބުނެ އެވެ. ކައުންސިލުން ނިންމީ އިމާރާތް ކުރާ ކުންފުނި، ގްލަޓް އިންވެސްޓްމަންޓްސް ޖޫރިމަނާ ކުރަން ކަމަށް އެ ކައުންސިލުގެ ތަރުޖަމާނު އައިމިނަތު ޝަތުފާ މި ނޫހާ ވާހަކަ ދައްކަމުން ވިދާޅުވި އެވެ. އެކަމަކު، ޖޫރިމަނާ ކުރަން ނިންމީ ކިހާ އަދަދަކުން ކަމެއް އޭނާ ވިދާޅެއްނުވެ އެވެ.
Comment