Advertisement

އެއިޓީން ތާޓީ: އެމްޕީއެލް ބަލިކޮށް ވެމްކޯ ސެމީ އަށް

10 ސެޕްޓެންބަރު 2024 - 09:07 0

ވެމްކޯ ޓީމުގެ ސާލިޔާ ބޯޅަ ފޮނުވާލަނީ: ކުރިން އެމްޕީއެލް އަށް ކުޅުނު ސާލިޔާ ރޭގެ މެޗުގައި ވެސް ވަނީ އެ ޓީމު ކޮޅަށް ލަނޑު ޖަހައިފައި،--- ފޮޓޯ: އިމޭޖަސް.އެމްވީ


އެއިޓީން ތާޓީ: އެމްޕީއެލް ބަލިކޮށް ވެމްކޯ ސެމީ އަށް

10 ސެޕްޓެންބަރު 2024 - 09:07 0

ކްލަބް މޯލްޑިވްސް އެއިޓީން ތާޓީ (އަންހެން ޑިވިޝަން)ގައި ރޭ މޯލްޑިވްސް ޕޯޯޓްސް ލިމިޓެޑް (އެމްޕީއެލް) 3-1 އިން ބަލިކޮށް ކްލަބް ވެމްކޯ މުބާރާތުގެ ސެމީ ފައިނަލުން ޖާގަ ޔަގީންކޮށްފި އެވެ.

މިދިޔަ އަހަރު ކްލަބް މޯލްޑިވްސް އިން ބޭއްވި އެއިޓީން ތާޓީ ކްލަސިކްގެ ޗެމްޕިއަން، ވެމްކޯ އިން މި ފަހަރުގެ މުބާރާތުގައި ކުޅުނު ތިން މެޗުން ވެސް ވަނީ މޮޅުވެފަ އެވެ. ތިން ޓީމު ހިމެނޭ މި ގްރޫޕްގެ ކޮންމެ ޓީމަކުން އެއް ޓީމެއް އަނެއް ޓީމަކާ ދެ ފަހަރު ކުޅޭނެ އެވެ. އެ ގޮތުން، އެމްޕީއެލް އަތުން ދެ ފަހަރު ވެމްކޯ ވަނީ މޮޅުވެފަ އެވެ. އަދި ދެން، މި ގްރޫޕްގައި އޮތް ހެލްތު ރެކްރިއޭޝަން އަތުން ވަނީ އެއް ފަހަރު މޮޅުވެފަ އެވެ.

ރެހެންދި ފުޓްސަލް ދަނޑުގައި ރޭ ކުޅުނު މެޗުގައި، ވެމްކޯގެ ފުރަތަމަ ލަނޑު ޖެހީ، އެމްޕީއެލް އިން އެއިޓީން ތާޓީ ތިން ފަހަރު ކާމިޔާބުކުރި ޓީމުގައި މޮޅު ކުޅުމެއް ދެއްކި ފާތިމަތު ސާލިޔާ އެވެ. ވެމްކޯގެ އަނެއް ދެ ލަނޑު ޖެހީ، ފާތިމަތު އިނާޝާ އާދަމް އެވެ. އަދި އެމްޕީއެލްގެ ހަމައެކަނި ލަނޑު ޖެހީ އައިޝަތު ސިއުނާ އެވެ.

ޕޮލިސް ޓީމުގެ ސައިނާ (ކ) އާއި ރިފާ ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.---- ފޮޓޯ: އިމޭޖަސް،އެމްވީ


މި ގްރޫޕްގައި ދެން އޮތީ، ހެލްތާއި އެމްޕީއެލް އަދި ހެލްތާއި ވެމްކޯ ބައްދަލުކުރާ މެޗުތަކެވެ.

ގްރޫޕް އޭ އިން ސެމީ ފައިނަލުގެ ޖާގައެއް ޔަގީންކޮށްފައި އޮތް ޕޮލިސް ކްލަބުން ރޭ ވަނީ 11-0 އިން ދަރުމަވަންތަ ހޮސްޕިޓަލް ބަލިކޮށްފަ އެވެ. ޕޮލިހުން ގްރޫޕް ސްޓޭޖުގެ ފުރަތަމަ މެޗުން 17-0 އިން ޔޫތު ރެކްރިއޭޝަން ކްލަބް ބަލިކުރިއިރު، ދެ ވަނަ މެޗުގައި ސްޓެލްކޯ ރެކްރިއޭޝަން ކްލަބް އަތުން މޮޅުވީ 10-0 އިންނެވެ.

ރޭގެ މެޗުގައި ޕޮލިހުގެ ލަނޑުތައް ޖެހީ، ފާތިމަތު ސައިނާ ހަތަރު ގޯލާއި ފާތިމަތު ތީބާ ހެޓްރިކަކާއި ނީޝާ ސަމީރު ދެ ގޯލާއި މަރިޔަމް ރިފާ އެވެ.

ގްރޫޕް އޭގައި ދެން ބާކީ އޮތީ، ޔޫތު ރެކްރިއޭޝަން ކްލަބާއި ދަރުމަވަންތަ ކުޅޭ މެޗާއި ސްޓެލްކޯ އާއި ޔޫތު ރެކްރިއޭޝަން ބައްދަލުކުރާ މެޗެވެ. ޕޮލިސް އެެއް ވަނަ މަގާމު ނުވަ ޕޮއިންޓާ އެކު ކަށަވަރުކުރިއިރު، ސްޓެލްކޯ އަށް ވަނީ ތިން ޕޮއިންޓާ އެކު ދެ ވަނަ ލިބިފަ އެވެ. ތިން ވަނައިގައި އޮތް ދަރުމަވަންތަ އާއި ހަތަރެއްގައި އޮތް ޔޫތަށް އަދި ޕޮއިންޓެއް ނުލިބެ އެވެ.