Advertisement

ޔުއެފާ ނޭޝަންސް ލީގު: ފަހު ވަގުތު ރޮނާލްޑޯ ޕޯޗުގަލް މޮޅުކޮށްދީފި

9 ސެޕްޓެންބަރު 2024 - 06:51 0


ޔުއެފާ ނޭޝަންސް ލީގު: ފަހު ވަގުތު ރޮނާލްޑޯ ޕޯޗުގަލް މޮޅުކޮށްދީފި

9 ސެޕްޓެންބަރު 2024 - 06:51 0

ލިޒްބަން، ޕޯޗުގަލް (ސެޕްޓެމްބަރު 9) - ޔުއެފާ ނޭޝަންސް ލީގުގައި ރޭ ކްރިސްޓިއާނޯ ރޮނާލްޑޯ ފަހު ވަގުތު ޖެހި ގޯލުން 2-1 އިން ޕޯޗުގަލް އިން ފަހަތުން އަރައި ސްކޮޓްލެންޑް އަތުން މޮޅުވެއްޖެ އެވެ.

ރޭގެ މެޗު ފަށައިގެން ހަތް ވަނަ މިނިޓްގައި، ޕޯޗުގަލް ސިއްސުވާލުމަށް ފަހު، ސްކޮޓްލެންޑުން ލީޑުނެގި އެވެ. މި ލަނޑު ޖެހީ، ދާދި ފަހުން މެންޗެސްޓާ ޔުނައިޓެޑް ދޫކޮށް، ނަޕޯލީ އަށް ބަދަލުވި، މިޑްފީލްޑަރު، ސްކޮޓް މެކްޓޮމިނޭ އެވެ. މިއީ، ރަސްމީ މެޗުތަކުގައި ސްކޮޓްލެންޑަށް ޖެހިޖެހިގެން ދެ ވަނަ މެޗުގައި މެކްޓޮމިނޭ ލަނޑު ޖެހި ފުރަތަމަ ފަހަރެވެ.

ފުރަތަމަ ހާފު ސްކޮޓްލެންޑުން ނިންމާލީ ލީޑުގައި އޮވެ އެވެ. ޕޯޗުގަލް އިން ދެ ވަނަ ހާފަށް ނުކުތީ ބަދަލަކަށް ރޮނާލްޑޯ ކުޅެން އަރުވައިގެންނެވެ. އެ ގޮތުން، ދެ ވަނަ ހާފު ފަށައިގެން 13 މިނިޓް ތެރޭ ޕޯޗުގަލް އިން ލަނޑު ޖަހައި އެއްވަރުކުރި އެވެ.

މެޗުގެ 58 ވަަނަ މިނިޓްގައި ޕޯޗުގަލް އަށް އެއްވަރުކޮށްދިން ލަނޑު ޖެހީ ބްރޫނޯ ފެނާންޑޭސް އެވެ. މިއީ ސްކޮޓްލެންޑްގެ ކީޕަރު އެންގަަސް ގަން އަތުން ހެދުނު ގޯހެއްގެ ފައިދާނަގައި ފެނާންޑޭސް ޖެހި ލަނޑެކެވެ.

ބެންޗުން އަރައި ރަނގަޅު ކުޅުމެއް ދެއްކި ރޮނާލްޑޯ ފޮނުވާލި ދެ ޝޮޓެއް ދަނޑިއަށް އަމާޒުވިއިރު، މެޗުގެ 88 ވަނަ މިނިޓްގައި ރޮނާލްޑޯ ވަނީ ޕޯޗުގަލް މޮޅުވި ގޯލު ޖަހައިފަ އެވެ. މިއީ ނޫނޯ މެންޑޭޒް ނެގި ހުރަހަކަށް އަރައި ރޮނާލްޑޯ ޖެހި ގޯލެކެވެ. މިއީ، ކެރިއަރުގައި ރޮނާލްޑޯ ޖެހި 901 ވަނަ ގޯލެވެ.

ސްކޮޓްލެންޑަކީ ރޮނާލްޑޯ ލަނޑު ޖެހި ތަފާތު 48 ވަނަ ގައުމެވެ. މީގެ ކުރިން ސްކޮޓްލެންޑާ ދެކޮޅަށް ކުޅުނު ހަތަރު މެޗުގައި ވެސް ރޮނާލްޑޯ އަށް ލަނޑެއް ނުޖެހުނެވެ.

ނޭޝަންސް ލީގުގައި ޕޯޗުގަލް ހިމެނޭ، ލީގު އޭގެ ގްރޫޕް އެކެއްގައި، ރޭ ކްރޮއޭޝިއާ ކުޅުނު ޕޮލެންޑް އަތުން ވަނީ 1-0 އިން މޮޅުވެފަ އެވެ. ހަމައެކަނި ލަނޑު ޖެހީ ލޫކަ މޮޑްރިޗް އެވެ.