Advertisement

ސަންޗޯގެ ދިފާއުގައި ކްލޮޕްގެ ނުސީދާ ރައްދެއް ޓެން ހާގަށް

7 ސެޕްޓެންބަރު 2024 - 13:54 0


ސަންޗޯގެ ދިފާއުގައި ކްލޮޕްގެ ނުސީދާ ރައްދެއް ޓެން ހާގަށް

7 ސެޕްޓެންބަރު 2024 - 13:54 0

ބާލިން (ސެޕްޓެމްބަރު 7) - މެންޗެސްޓާ ޔުނައިޓެޑުން ބޮޑުއަގުގައި ގަތް، އިނގިރޭސި ފޯވާޑް، ޖޭޑަން ސަންޗޯ ލޯނަކަށް އެހެން ކްލަބްތަކަށް ދޫކޮށްލަން ޔުނައިޓެޑުން ނިންމި ނިންމުމާ ގުޅިގެން، އެ ޓީމުގެ ކޯޗު އެރިކް ޓެން ހާގަށް ލިވަޕޫލްގެ ކުރީގެ ކޯޗު، ޔާގަން ކްލޮޕް ނުސީދާ ރައްދެއް ދީފި އެވެ.

މީގެ ތިން އަހަރު ކުރިން، 90 މިލިއަން ޑޮލަރަށް، ޔުނައިޓެޑަށް ބަދަލުވި ސަންޗޯ އާއި ޔުނައިޓެޑްގެ ކޯޗު އެރިިކް ޓެން ހާގާ ދެމެދު މައްސަލަ ޖެހި، ސަންޗޯ މިދިޔަ ސީޒަނުގައި ވަނީ ލޯނަކަށް ކުރީގެ ކްލަބް، ބޮރޫޝިއާ ޑޯޓްމަންޑަށް ކުޅެފަ އެވެ. ސަންޗޯ އަށް އަލުން ޔުނައިޓެޑުން ފުރުސަތު ލިބޭނެ ކަމަށް ޓެން ހާގް މި ސީޒަނުގައި ބުނި ނަމަވެސް، ސަންޗޯ އަށް ޓީމުން ފުރުސަތެއް ނުދެ އެވެ. އެހެންވެ، ސަންޗޯ ވަނީ ކެރިއަރު އަލުން ހަމަ މަގަަށް އެޅުވުމުގެ ގޮތުން ލޯނަކަށް ޗެލްސީ އަށް ބަދަލުވެފަ އެވެ. އަދި އެ ޑީލްގައި، ސަންޗޯގެ ކޮންޓްރެކްޓް ދާއިމީ ކުރުމުގެ މާއްދާއެއް ވެސް ވަނީ ހިމަނައިފަ އެވެ.

ދާދި ފަހުން ދިން އިންޓަވިއުއެއްގައި ކްލޮޕް ބުނީ، ބޮޑު އަގުގައި ގެންނަ ކުޅުންތެރިން ލޯނަކަށް ދޫކޮށްލުމަކީ، ޓީމެއްގެ ކޯޗެއްގެ ފަރާތުން އޭނާ އަށް ގަބޫލުނުކުރެވޭ ކަންތައްތަކެއް ކަމަށެވެ.

"މިސާލަކަށް މުޅި ދުނިޔޭގެ އެންމެންގެ އިތުބާރު ކުޅުންތެރިއަކަށް ގެއްލޭ ވަގުތެއްގައި ވެސް އެ ކުޅުންތެރިއަކު ހިމާޔަތަށް އެދޭނީ ކޯޗުގެ ކިބައިން. މެނޭޖަރު (ކޯޗު) ހުންނަން ޖެހޭނީ ކުޅުންތެރިޔާ ފަހަތުގައި. އަހަންނަށް ގަބޫލެއް ނުކުރެވޭ، އެ އަގުގައި ގަންނަ ކުޅުންތެރިއަކީ ބޭނުމެއް ނުހިފޭ ކުޅުންތެރިއެކޭ ބުނެފައި. މިސާލަކަށް 80 މިލިއަން ޕައުންޑް (90 މިލިއަން ޑޮލަރު) އަށް ކުޅުންތެރިއަކު ގަނެފައި އެ ކުޅުންތެރިޔާ ލޯނަކަށް ދޫކޮށްލުން،" ސަންޗޯ އަށް އިޝާރާތްކޮށް ކްލޮޕް ބުންޏެވެ.

ކްލޮޕް، މި ވަގުތު އަންނަނީ ޑޯޓްމަންޑްގެ ކުރީގެ ދެ ކުޅުންތެރިންގެ ފެއާވެލް މެޗެއްގައި އެ ޓީމަށް ކޯޗުކޮށްދިނުމުގެ ކަންކަމުގައި ބައިވެރިވަމުންނެވެ.