Advertisement

ޕާމާ އަށް ޗެލްސީގެ ޔޫރަޕް ސްކޮޑުން ފުރުސަތު ނުދޭނެ

6 ސެޕްޓެންބަރު 2024 - 08:16 0


ޕާމާ އަށް ޗެލްސީގެ ޔޫރަޕް ސްކޮޑުން ފުރުސަތު ނުދޭނެ

6 ސެޕްޓެންބަރު 2024 - 08:16 0

ލަންޑަން (ސެޕްޓެމްބަރު 6) - މި ސީޒަނުގައި ޗެލްސީން ޔުއެފާ ކޮންފަރެންސް ލީގުގައި ވާދަކުރާއިރު، އެ މުބާރާތަށް ރަޖިސްޓްރީކުރި ސްކޮޑުން އިނގިރޭސި ފޯވާޑް، ކޯލް ޕާމާ ނުހިމަނަން އެ ކްލަބުން ނިންމައިފި އެވެ.

ކޮންފަރެންސް ލީގަކީ ޔުއެފާ އިން ބާއްވާ ތިން ވަނަ ފަންތީގެ ކްލަބް ފުޓްބޯޅަ މުބާރާތެވެ. ޕާމާގެ އިތުރުން ރޮމެއޯ ލަވީއާ އާއި ވެސްލީ ފޮފާނާ ވެސް، ޗެލްސީން ކޮންފަރެންސް ލީގަށް ރަޖިސްޓްރީ ކުރި ސްކޮޑުގައި ނުހިމެެނެ އެވެ.

ޗެލްސީން މި ގޮތަށް ނިންމާފައިވަނީ، އެ ކްލަބުން މި ފަހަރުގެ ސީޒަނުގައި، ފަސް މުބާރާތުގައި ކުޅެން ޖެހޭނެތީވެ، ކުޅުންތެރިންގެ ވޯކްލޯޑަށް ބެލުމަށް ފަހު އެވެ. އަންނަ އަހަރުގެ ޖޫން/ޖުލައިގައި ބާއްވާ އާ ފޯމެޓްގެ ކްލަބް ވޯލްޑް ކަޕްގައި ވެސް ޗެލްސީން ކުޅޭއިރު، ސީޒަނުގެ ހުރިހާ މުބާރާތެއްގައި ކުޅޭ ޗެލްސީގެ ކުޅުންތެރިންގެ މެޗުގެ އަދަދު 80 އަށް ވުރެ އިތުރުވުމުގެ ފުރުސަތު އޮތުމުންނެވެ.

ކޮންފަރެންސް ލީގުގެ ނޮކައުޓް ބުރަށް ޗެލްސީ ދަތުރުކޮށްފިނަމަ، ފެބްރުއަރީ ހަ ވަނަ ދުވަހާ ހަމައަށް ލިބޭ ރީރަޖިސްޓްރޭޝަން ފުރުސަތުގެ ތެރޭގައި އާ ކުޅުންތެރިން ހިމެނޭނެ އެެވެ. އެހެންކަމުން، ނޮކައުޓް ބުރަށް ޕާމާ ވެސް ޓީމުގައި ރަޖިސްޓްރީ ކުރާނެ ކަމަށް ބެލެވެ އެވެ.

ނޭޝަންސް ލީގަށް ނެގި، އިނގިރޭސި ގައުމީ ޓީމުގެ ސްކޮޑުން ފިޓްނަސްއާ ހެދި، ވަކިވި ކުޅުންތެރިންގެ ތެރޭގައި ޕާމާ ހިމެނެ އެވެ.

އެންޒޯ މަރެސްކާ ކޯޗުކޮށްދޭ ޗެލްސީން މި ސީޒަނަށް ގިނަ ކުޅުންތެރިން ސޮއިކުރިއިރު، އެ ކްލަބްގެ ސީނިއާ ސްކޮޑުގެ ސައިޒް 42 އަށް އެރި އެވެ. ބައެއް ކުޅުންތެރިން ވިއްކާލައިފައިވާއިރު، މިހާރު ސްކޮޑުގެ އަދަދު އުޅެނީ 36 ގަ އެވެ. މަރެސްކާ ބުނީ، އޭނާ މަސައްކަތް ކުރަމުން އަންނަނީ 22 ވަރަކަށް ކުޅުންތެރިންނާ އެކު ކަމަށާއި ދެން ތިބި ކުޅުންތެރިން، ކްލަބްގެ މެނޭޖްމަންޓާ ވާހަކަ ދައްކައިގެން ގޮތްތަކެއް ނިންމަން އަންގާފައިވާނެ ކަމަށެވެ.