Advertisement

ޓީ20 ވޯލްޑް ކަޕް ކޮލިފައިން: ރާއްޖޭން މިޔަންމާ ބަލިކޮށްފި

5 ސެޕްޓެންބަރު 2024 - 14:24 0


ޓީ20 ވޯލްޑް ކަޕް ކޮލިފައިން: ރާއްޖޭން މިޔަންމާ ބަލިކޮށްފި

5 ސެޕްޓެންބަރު 2024 - 14:24 0

ޓީ20 ވޯލްޑް ކަޕް ކޮލިފައިންގެ އޭޝިއާ ކޮލިފަޔާ އޭ ގައި ރާއްޖޭގެ ގައުމީ ކްރިކެޓް ޓީމުން ކުޅުނު ފަސް ވަނަ މެޗުން މިޔަންމާ އަތުން ވަނީ މޮޅުވެފައި.

ހަތް ޓީމު ވާދަކުރާ މި ކޮލިފައިންގައި، މީގެ ކުރިން ރާއްޖޭން ކުޅުނު ހަތަރު މެޗުން ވަނީ ބަލިވެފަ އެވެ. އެ ގޮތުން، ލޭޝިއާ އަތުން ބަލިވީ، 94 ލަނޑުންނެވެ. ދެ ވަނަ މެޗުގައި، ސިންގަޕޫރު އަތުން ބަލިވީ، 47 ލަނޑުންނެވެ. ތިން ވަނަ މެޗުން، ކުވެއިތު އަތުން ރާއްޖެ ބަލިވީ 142 ލަނޑުންނެވެ. އަދި ހަތަރު ވަނަ މެޗުން، ހޮންގް ކޮންގް އަތުން ރާއްޖެ އަށް ނާކާމިޔާބުވީ ނުވަ ވިކެޓުންނެވެ.

ފަސް ވަނަ މެޗުގައި، ރާއްޖޭން މިއަދު މިޔަންމާއާ ވާދަކުރިއިރު، މި މެޗުގައި ޓޮސް ދިމާވުމުން މިޔަންމާ އިން ނިންމީ ކުޅެން އަރާށެވެ. ސަތާރަ އޯވަރުގެ ތެރޭގައި އެ ޓީމުގެ ހުރިހާ ކުޅުންތެރިން ނުބައިވިއިރު، ހެދުނީ 51 ލަނޑެވެ. މި އިނިންްގްސްގައި ރާއްޖޭގެ، އާދަމް ނާސިފް އުމަރު ވަނީ ތިން ވިކެޓް ނަގައިފަ އެވެ. އިބްރާހިމް ރިޒާން، ހަސަން އިބްރާހިމް އަދި ޝުނާން އަލީ، ކޮންމެ ކުޅުންތެރިއަކު ދެ ވިކެޓް ނެގި އެވެ.

ޖަވާބުގައި ކުޅެން އަރައި، 5.3 އޯވަރުގެ ތެރޭގައި އެއް ކުޅުންތެރިއަކު ނުބައިވިއިރު، 52 ލަނޑު ހަދައި މެޗުން މޮޅުވި އެވެ. ރާއްޖެ ޓީމުގެ އާދަމް، 20 ލަނޑަށް ނުބައިިވިއިރު، އޭނާ އަކީ މެޗުގެ މޮޅު ކުޅުންތެރިޔާ އެވެ. ރާއްޖޭގެ ކެޕްޓަން، އަޒްޔާން ފަރުހަތު އަށް ލަނޑު ހެދިއިރު، އިސްމާއިލް އަލީ ވަނީ 23 ލަނޑު ހަދައިފަ އެވެ.

ރާއްޖޭގެ ފަހު މެޗުގައި މާދަމާ ބައްދަލުކުރާނީ މޮންގޯލިއާއާ އެވެ.

މި ހަތް ގައުމުގެ މެދުގައި، ކުޅޭ ކޮލިފައިން ލީގު ބުރަށް ފަހު، އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމެއް، ރީޖަނަލް ފައިނަލް ބުރަށް ހޮވޭނެ އެވެ. ރީޖަނަލް ފައިނަލުގައި، މުޅި އޭޝިއާ އިން ނުވަ ޓީމެއް ވާދަކުރާނީ، ޓީ20 ވޯލްޑް ކަޕުން އޭޝިއާ ލިބޭ ފަހު ދެ ޖާގަ އަށެެވެ.

ކޮލިފައިންގެ މި ވަގުތުގެ ރޭންކިން އަށް ބަލާއިރު، އެއް ވަނައިގައި އޮތް ހޮންގް ކޮންގް އާއި ދެ ވަނައިގައި އޮތް ކުވެއިތަށް ވަނީ އަށް ޕޮއިންޓް ލިބިފަ އެވެ. ތިން ވަނައިގައި އޮތް މެލޭޝިއާ އަށް ހަ ޕޮއިންޓް ލިބިފައިވާއިރު، ހަަތަރު ވަނައިގައި އޮތް ސިންގަޕޫރަށް ވަނީ ހަތަރު ޕޮއިންޓް ލިބިފަ އެވެ. ފަސް ވަނައިގައި އޮތް ރާއްޖެ އާއި ހަ ވަނައިގައި އޮތް މިޔަންމާ އަށް ދެ ޕޮއިންޓް ލިބިފައިވާއިރު، ފުލުގައި އޮތް މޮންގޯލިއާ އަށް އަދި ޕޮއިންޓެއް ނުލިބެ އެވެ.