Advertisement

ގައުމިއްޔަތަކީ ސިޔާސީ ބޭނުމުގައި އަޅުވެތިކުރާ ދެބޯގެރި ފިކުރެއް: ސަވާދު

5 ސެޕްޓެންބަރު 2024 - 07:42 4

އަޒްލިފާ އަބްދުﷲ

އަޒްލިފާ އަބްދުﷲ

ކުރީގެ ބަންޑާރަ ނައިބު ޑރ. އަހުމަދު އަލީ ސަވާދު


ގައުމިއްޔަތަކީ ސިޔާސީ ބޭނުމުގައި އަޅުވެތިކުރާ ދެބޯގެރި ފިކުރެއް: ސަވާދު

5 ސެޕްޓެންބަރު 2024 - 07:42 4

ގައުމިއްޔަތަކީ އިސްލާމީ ހަޟާރަތާ ފުށުއަރާ، ފިކުރުގެ މުއްސަދިކަން ނައްތާލައި ސިޔާސީ ބޭނުމުގައި ފަރުދުން ގައިދުކޮށް، އަޅުވެތިކުރަން ބޭނުންކުރާ ދެބޯގެރި ފިކުރެއް ކަމަށް ކުރީގެ ބަންޑާރަ ނައިބު ޑރ. އަހުމަދު އަލީ ސަވާދު ވިދާޅުވެއްޖެ އެވެ.

ރާއްޖޭގައި އިއްޔެ ފާހަގަ ކުރި ގައުމީ ދުވަހާ ގުޅިގެން ގައުމިއްޔަތާމެދު ސަވާދުގެ އިލްމީ ނަޒަރިއްޔާތު އެކްސްގައި ހިއްސާ ކުރެއްވިއިރު، ރާއްޖޭގެ ސިޔާސީ ފިކުރެއްގެ ނަން ގެނެސްފައެއް ނުވެ އެވެ.

ނަމަވެސްމ ޑރ. މުހައްމަދު މުއިއްޒުގެ އެޖެންޑާގެ އެންމެ ކުރީގައި އޮތީ ގައުމިއްޔަތު ކުރި އެރުވުމެވެ.

ސަވާދަކީ، ޕްރިންސިޕަލް އެޑްވައިޒަރު ޓު ދަ ޕްރެޒިޑެންޓް އޮން ޓްރޭޑް އެންޑް އިންވެސްޓްމަންޓްގެ މަގާމުގައި ހުންނެވި މަޝްހޫރު ވިޔަފާރިވެރިޔާ މުހައްމަދު އަލީ ޖަނާހު ކޮއްކޮ އެވެ.

ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ބަންޑާރަ ނައިބުކަމާއި ޓޫރިޒަމް މިނިސްޓަރުކަން ކުރެއްވި ސަވާދުގެ އެކްސްގައި ކުރެއްވި ޕޯސްޓުތަކުގައި ވިދާޅުވީ ގައުމިއްޔަކީ "ވަންހަވަންތަ" ގަބީލީ ޖަޒުބާތެއް ކަމަށެވެ.

ދުނިޔޭގެ ހަޟާރަތުގައި ގައުމިއްޔަތަކީ ހުޅަނގު ޔޫރަޕުގެ ތާރީހީ ހާދިސާތަކެއްގެ ތެރެއިން އުފަންވި ފިކުރެއްކަން ފާހަގަ ކުރައްވައި ސަވާދު ވިދާޅުވީ އެއީ މަވަންތަކަން އިސްކޮށް، ވަތަނީ ޖަޒުބާތު ނޫން އެއްޗެއް ކުރިއަށް ނުނެރޭ ހަގީގަތެއް ކަމަށެވެ. އަދި އެއީ "އިސްލާމީ ހަޟާރަތާއި ފުށުއަރާ ފަލްސަފާއެއް" ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ގައުމިއްޔަތަކީ މުސްލިމުންގެ އުޚުއްވަތްތެރިކަމުގެ އުންމަތް ބައިބައިކޮށް ހަލާކުކޮށް އެ މައްޗަށް ވަކި ނަސްލެއް، ބަހެއް، ތާރީހެއް ނުވަތަ ސަގާފަތަކަށް ނިސްބަތްވާ ބަޔަކު ކުރިއަރުވާ ފިރުގާއެއް ކަމަށް ސަވާދު ވިދާޅުވި އެވެ.

ފަހުގެ ތާރީހުގައި ގައުމިއްޔަތުގެ ފަލްސަފާ ބޭނުންކޮށްފައި ވަނީ އޭނާ ވިދާޅުވި ގޮތުގައި ވަކި ބައެއްގެ ސިޔާސީ ބާރުވެރިކަމުގައި މީސްތަކުން ގައިދުކުރަން ބޭނުންކުރި "ދެބޯގެރި" ޕްރޮޕަގެންޑާއެއްގެ ގޮތުގައެވެ.

"ގައުމިއްޔަތުގެ އާހިރު މަންޒިލަކީ ތަފާތު ފިކުރުގެ މުއްސަދިކަން ނައްތާލާ، ދޭސީ ބިދޭސީ ފަރަގު އިސްކޮށް މީސްތަކުން ވަޖުދުކޮށް ބައިބައިކުރުން. ނާޓްޒީ ޖަރުމަނާއި ފެޝިސްޓު އިޓަލީއަކީ ޤައުމިއްޔަތުގެ އިންތިހާއީ ނަމޫނާ،" އޭނާ ވިދާޅުވި އެވެ.

ގައުމަކީ އެއްވެސް ކަމެއްގެ ޒިންމާއެއް ނަގާނެ، ޒިންމާދާރު ކުރެވޭނެ ޝަހުސަކަށް ނުވާއިރު، ދައުލަތަކީ މީސްތަކުން ރުހުންދީފަވާ ދުސްތޫރެއްގައި ބަޔާންކުރާ ދުސްތޫރީ އެންމެ އިސް ޝަހުސް ކަމަށް ވާތީ، ދައުލަތަށް ގެންނަންޖެހޭ ބަދަލުތައް ރައްޔިތުން ގެންނާނެ ކަމަށް ސަވާދު ވިދާޅުވި އެވެ.

ނަމަވެސް، 'ޤައުމިއްޔަތު' ގެ ބަހުރުވަޔަކީ އަޅުވެތިކޮށް ދެބަސްވުމުގެ ޖާގަ ނުދޭ ހިޔާލީ ތަސައްވުރެއް ކަމަށް އޭނާ ވިދާޅުވި އެވެ.

"ގައުމިއްޔަތުގެ ބަހުރުވައިން ވާހަކަ ދައްކާނީ އަބަދުވެސް ސިޔާސީ ބާރުވެރިކަމަށް ނިސްބަތްކޮށް. ގިނަ ފަހަރު އެއީ އަފްރާދުންގެ ހައްގުތައް ގެއްލުވާލާ ޖާޒުބީ ޖާދޫއެއް،" އޭނާ ވިދާޅުވި އެވެ.

"މިސާލަކަށް ޤައުމިއްޔަތުގެ ވާހަކަ ދައްކާ ސަރުކާރަކާ ދެކޮޅުވާ ކޮންމެ މީހަކީ ގައުމުގެ ދުޝްމަނަކަށް ނުވަތަ. ބާޣީއަކަށް ވެދޭ. އެ ހިސާބުން ބަސް ހުއްޓި ނަފްސު ކަސްތޮޅުގަ ޖެހި ބުއްދި ތަޅުލެވޭ. މީގެ އިންތިހާ ސިޔާސީ މަންފާ ވަކި ބަޔަކު ނަގާނެ."

ސަވާދުގެ އެކްސްގެ މި ފީތާ ނިންމާލަމުން ވިދާޅުވީ މީސްތަކުންގެ މަންފާ އާއި އާންމު އިޖްތިމާއީ ޢަދާލަތާއި ފަރުދުންގެ ކުރިއެރުމާއި މިނިވަންކަން ގުޅެނީ ނިސްބަތްވާ ދައުލަތަށް ކަމަށާއި އަދުލުވެރި ޒިންމާދާރު ދައުލަތަކީ ހާލިސް ލޯތްބާއި ވަފާތެރިކަން ހައްގު ޝަހުސެއް ކަމަށެވެ.

އިތުރަށް ކިޔާލުމަށް