Advertisement

ސަރުކާރު ކުންފުނިތަކުން ޑޮލަރުން މުސާރަ ނުދޭން އަންގައިފި

3 ސެޕްޓެންބަރު 2024 - 16:45 0

އަހުމަދު އާއިދު

އަހުމަދު އާއިދު

އެއާޕޯޓުގައި މަސައްކުރާ އެމްއޭސީއެލްގެ ދެ މުވައްޒަފަކު މަސައްކަތުގައި؛ ސަރުކާރު ކުންފުނިތަކުގެ ތެރެއިން ޑޮލަރުން މުސާރަ ދެނީ އެ ކުންފުނިން --- ފޮޓޯ: އަދަދު


ސަރުކާރު ކުންފުނިތަކުން ޑޮލަރުން މުސާރަ ނުދޭން އަންގައިފި

3 ސެޕްޓެންބަރު 2024 - 16:45 0

ޑޮލަރުން އާމްދަނީ ލިބޭ ސަރުކާރުގެ ކުންފުނިތަކުން މުވައްޒަފުންނަށް ޑޮލަރުން މުސާރަ ދިނުން ހުއްޓާލަން ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑް (ޕީސީބީ) އިން އަންގައިފި އެވެ.

ސަރުކާރުގެ ކުންފުނިތަކާއި އެ ކުންފުނިތަކުގެ ސަބްސްޑިއަރީ ކުންފުނިތަކުގެ ހަރަދު ކުޑަކުރުމަށް އަންގާ އެ ބޯޑުން މިއަދު ވަނީ ސާކިއުލާއެއް ނެރެފަ އެވެ. ގިނަ ކަންކަން ހިމަނާފައިވާ މި ސާކިއުލާގައި ކުންފުނިތަކުގެ ދަތުރުތަކާއި މުވައްޒަފުންނަށް ކުރާ ހަރަދުތަކުގެ އިތުރުން އާންމު ހަރަދުތައް ކުޑުރުމަށްވެސް ގިނަ ފިޔަވަޅުތަކެއް އަޅަން އަންގާފައިވެ އެވެ.

ސަރުކާރުގެ ކުންފުނިތަކުގެ ތެރެއިން މުވައްޒަފުންނަށް ޑޮލަރުން މުސާރަ ދެނީ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން އެކަންޏެވެ. އެ ކުންފުނީގެ ދަށަށް ރީޖަނަލް އެއާޕޯޓްސް ގެނައުމަށް ސަރުކާރުން މިހާރު ވަނީ ނިންމައިފަ އެވެ.

އެ ނިންމުމުގެ ކުރިން އެމްއޭސީއެލްގައި ޖުމްލަ 4،264 މުވައްޒަފުން ތިއްބެވެ. އެ މުވައްޒަފުންގެ މުސާރައާއި އިނާޔަތްތަކުގެ ދެބައިކުޅަ އެއްބައި މިހާތަނަށް ދެމުން ގެންދިޔައީ ޑޮލަރުންނެވެ.

ޕީސީބީން މިފަދަ ނިންމުމެއް ނިންމީ ރާއްޖެއަށް ދިމާވެފައިވާ ޑޮލަރުގެ މައްސަލަ ވަރަށް ބޮޑުވެފައިވާ ދުވަސްވަރެއްގަ އެވެ. އެގޮތުން މި ފަހުން ސަރުކާރުގެ މައި ހިއްސާ އޮންނަ ބޭންކު، ބީއެމްއެލް އަށް ޑޮލަރު ލިބުން ދަތިވެ ރުފިޔާ އެކައުންޓުތަކަށް ދެމުންދިޔަ ޑޮލަރު ސަޕޯޓު ކަނޑާލަންވެސް އެ ބޭންކުން ނިންމި އެވެ.

ނަމަވެސް ސަރުކާރާއި އެމްއެމްއޭ އާއެކު މަޝްވަރާ ކުރުމަށްފަހު އެ ނިންމުން ފަހުން ވަނީ އުވާލާފަ އެވެ. މިވަގުތު އެމްއެމްއޭގައި ހުންނަ ބޭނުންކުރެވޭ ޑޮލަރުގެ ރިޒާވްވެސް ހުރީ ރެކޯޑު އަދަދަކަށް ދަށަށް ގޮސްފަ އެވެ.